ޗެމްޕިއަންސް ލީގް

ޗެމްޕިއަން ކަޓުވާލުމަށްފަހު އެތުލެޓިކޯ ކްއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލްގެ މައްޗަށް ދެ ވަނަ ލެގްގައި 3-2 ގެ ނަތީޖާއަކުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް، އެ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 43 ވަނަ މިނެޓްގައި ލިވަޕޫލްގެ ޖޯޖީނިއޯ ލަނޑު ޖަހައި، ފުރަތަމަ ލެގްގައި އެތުލެޓިކޯ 1-0 ން ހޯދި މޮޅާ ހަމަހަމަ ކުރި އެވެ. ލިވަޕޫލް ލަނޑު ޖެހުމުން 1-1 ގެ އެގްރިގޭޓް ނަތީޖާއިން މެޗު ހަމަހަމަ ވެގެން ނިމުމުން، ނަތީޖާ ނެރުމަށް ޖެހުނީ އިތުރު ވަގުތަށް ދާށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރޮބާޓޯ ފިރުމީނޯ ވަނީ، ލިވަޕޫލަށް ލީޑް ނަގައިދީފަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން އެތުލެޓިކޯ މެޑްރިޑްގެ މާކޯސް ޔޮރެންޓޭ ވަނީ، އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެކްސްޓްރާ ޓައިމްގެ އެންމެ ފަހު މިނެޓްގައި ޔޮރެންޓޭ ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ވަނީ، އެ ޓީމުގެ ކީޕަރު ޔޭން އޮބްލެކް ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ، އެތުލެޓިކޯގައި އޮބްލެކް ހުރުމަކީ ވާދަވެރި ބާސެލޯނާގައި މެސީ ހުރުން ފަދަ ކަހަލަ ކަމެއް ކަމަށެވެ.

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ، އެތުލެޓިކޯ ކުޅުނު ގޭމަށް ފާޑު ކިޔާފަ އެވެ. އޭނާ ބުނީ، އެތުލެޓިކޯ އެ ގޭމް ކުޅެން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށާއި އެ ޓީމަށް އެއަށްވުރެ ރަނގަޅު ގޭމެއް ކުޅެވެން ޖެހޭނެ ކަމަށެވެ.