ޗެމްޕިއަންސް ލީގް

ނޭމާގެ ލަނޑުން ޕީއެސްޖީ ކުއާޓާ ފައިނަލަށް

ފޯވަޑް ނޭމާ ޖޫނިއާގެ ލަނޑުން 2-0 ގެ ނަތީޖާ އަކުން ބުރޫޝިއާ ޑޯޓަމުންޑްގެ މައްޗަށް ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް ޕީއެސްޖީ ދަތުރު ކޮށްފި އެވެ.

ފުރަތަމަ ލެގް މެޗުގައި ޑޯޓަމުންޑްގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވެފައި ވަނީ 2-1 ންނެވެ. އެހެންވެ ރޭ ޕެރިސްގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމުން ޕީއެސްޖީ ކުއާޓާއަށް ދަތުރު ކުރީ، 3-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު ނޭމާ ކާމިޔާބު ކުރީ މެޗުގެ 28 ވަނަ މިނެޓްގައި، އޭންހަލް ޑީމާރިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއާން ބާނަޓް ވަނީ ޕަބެލޯ ސަރާބިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ އެންމެ ފަހު ވަގުތުގައި، ޑޯޓަމުންޑްގެ ޗޭން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.