ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލަލީގާ ސަސްޕެންޑް، ރެއާލްގެ ޓީމު ކަރަންޓީން ކޮށްފި

މިހާރު ސްޕެއިންގައި ފެތުރެމުންދާ، ކޮވިޑް-19 ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކު ޕޮޒެޓިވް ވި ޚަބަރާއެކު، ލަލީގާ ސަސްޕެންޑްކޮށް، ރެއާލް މުޅި ޓީމު ކަރަންޓީނު ކޮށްފި އެވެ.

ރެއާލްގެ ބާސްކެޓްބޯޅަ ޓީމުގެ ޓްރޭ ތޮމްކިންސް، ވައިރަހަށް ޕޮޒެޓިވް ވުމުން، ބާސްކެޓްބޯޅަ ޓީމާއި ފުޓްބޯޅަ ޓީމުވެސް ވަނީ ކަރަންޓީން ކޮށްފަ އެވެ. ފުޓްބޯޅަ ޓީމު ކަރަންޓީން ކުރީ، ރެއާލްގެ ރަސްމީ ޓްރެއިނިން ސެންޓަރު ވެލްޑަބެބަސްގައި ތޮމްކިންސް ވެސް ހޭދަ ކޮށްފައި ވުމުންނެވެ. ވެލްޑަބެބަސް އަކީ ފުޓްބޯޅަ ސެކްޝަނާއި ބާސްކެޓްބޯޅަ ސެކްޝަންގެ ޓްރެއިންތައްވެސް ކުރިއަށް ގެންދާ ސެންޓަރެވެ.

ޔޫރަޕްގައި މިހާރު އެންމެ ބާރަށް ކޮވިޑް 19 ފެތުރެމުން ދަނީ އިޓަލީ އާއި ސްޕެއިންގަ އެވެ. އިޓަލީގެ ގައުމީ ފެންވަރުގެ ހުރިހާ މުބާރާތެއް މެދުކަނޑާލުމަށް ނިންމީ، އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފަރޯގެ ހާއްސަ އެންގުމަކުންނެވެ. އޭގެ ކުރިން، އިޓާލިއަން ލީގްގެ އެންމެ ވަރުގަދަ މެޗުތައްވެސް ކުޅެފައި ވަނީ، ސްޓޭޑިއަމް ބަންދުކޮށްގެންނެވެ.

އިއްޔަ ސްޕެއިންގެ ފުޓްބޯލް ފެޑްރޭޝަނުން ވަނީ، ސްޕެއިންގެ އެންމެ ޓޮޕް ދެ ޑިވިޝަން ފިޔަވައި، އެހެން ހުރިހާ ޑިވިޝަނެއް މެދުކަނޑާލަން އަންގާފަ އެވެ. މިއަދު ކޮވިޑް 19 ގެ އިތުރު ކޭސްތަކެއް ފެނުމުން ލަލީގާ ސަސްޕެންޑް ކުރުމަށް ނިންމީ އެވެ.

ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ، ކޮވިޑް 19 އަށް ޕޮޒެޓިވް ވުމުން އެ ޓީމުގެ ކުޅުންތެރިންވެސް ވަނީ ކަރަންޓީން ކޮށްފަ އެވެ. އަދި އިޓަލީގެ އިންޓަ މީލާނުން ވަނީ އެ ޓީމުގެ ހުރިހާ ހަރަކާތެއް ކެންސަލް ކޮށްފަ އެވެ.

ކޮވިޑް 19 ޖެހިފައިވާ ކަމަށް ޗައިނާގެ ވުހާންއިން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޑިސެމްބަރު މަހު 19 ވަނަ ދުވަހު އެވެ.