ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީންގެ މަރުހަލާ މުގުރާލުމުން ޔޯވިޗް ހޫނުފެނަށް

ރެއާލް މެޑްރިޑްގެ ކުޅުންތެރިން 14 ދުވަސް ވަންދެން ގޭގައި ކަރަންޓީން ވެގެން ތިބެން އަންގާފައި ވަނިކޮށް އެ ޓީމުގެ ލުކަ ޔޯވިޗް، ސާބިއާއަށް ދަތުރުކޮށް ބޭރަށް ނުކުތުމުން އޭނާގެ މައްސަލަ ތަހުގީގް ކުރަން ފަށައިފި އެވެ.

މީގެ އެއް ހަފުތާ ކުރިން، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ޓްރޭ ތޮމްކިންސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ސިއްހީ އިދާރާ ތަކުންނާއި އެ ކުލަބުން ވެސް އަންގާފައި ވަނީ އެ ޓީމުގެ ބާސްކެޓްބޯޅަ ސެކްޝަނާއި ފުޓްބޯޅަ ސެކްޝަންގެ ކުޅުންތެރިން ވެސް ގޭގައި ކަރަންޓީން ވެގެން ތިބުމަށެވެ.

ކަރަންޓީންގެ މުއްދަތު 14 ދުވަހަށް ދެމިގެންދާއިރު، މިދިޔަ ބުދަ ދުވަހު ޔޯވިޗް ވަނީ، އޭނާގެ ލޯބިވެރިޔާގެ އުފަންދުވަސް ފާހަގަ ކުރުމަށްޓަކައި ސާބިއާއަށް ދަތުރު ކޮށް ބޭރުގައި ވަގުތުތައް ހޭދަ ކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން، ސާބިއާގެ ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް އެ ގައުމުގެ ބިލިކް ނޫހުގައި ބުނެފައި ވެއެވެ.

ކަރަންޓީން މަރުހަލާ މުގުރާލި މައްސަލައިގައި ހޫނު ފެނަށް ވެއްޓުމުން ޔޯވިޗް ވަނީ އެކަމަށް މާފަށް އެދިފަ އެވެ.

"އަހަރެންގެ ސަބަބުން އެއްވެސް މީހަކު ނުރައްކަލަށް ހުށަހެޅިގެން ދާނަމަ އަހަރެން މާފަށް އެދެން." އޭނާ ބުނެފައި ވެއެވެ.

ފަހުން އޭނާ ބުނެފައި ވަނީ، ސާބިއާގައި ކަރަންޓީންގެ މަރުހަލާ އެހާ ހަރުކަށިކަން އޭނާއަށް އެނގިފައި ނުވާ ކަމަށާއި އޭނާއަށް ބޭރަށް ނުކުމެވުނީ އެކަން ނޭންގި އޮތުމުން ކަމަށެވެ.

ޔުވެންޓަސްގެ ޑިފެންޑަރު ޑަނިއޭލޭ ރުގާނީ އާއި މިޑްފީލްޑާ ބްލެއިސާ މަޓްއީޑީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ ޓީމުގެ ކުޅުންތެރިންވެސް ކަރަންޓީންގައި ތިބުމަށް އެންގި އެވެ. ޓީމުގެ ފޯވަޑް، އާޖެންޓީނާގެ ގޮންޒާލޯ ހިގުއައިންވެސް ކަރަންޓީންގެ ހުއްޓައި ފުރަންދާން އުޅުމުން އިޓަލީގެ ފުލުހުން ވަނީ އެއާޕޯޓުން އޭނާ ހިފަހައްޓައި ސުވާލު ކޮށްފަ އެވެ.

ހިގުއައިން އާޖެންޓީނާ އަށް ދަތުރު ކުރުމަށްހަމަޖެހިފައިވާ ޕްރައިވެޓް ޖެޓް އޭރު ޓުރިންގެ އެއާޕޯޓްގައި އޮތެވެ. ހިގުއައިންއަށް ފުރޭގޮތްވީ، ކޮވިޑް-19 އަށް އޭނާ ޓެސްޓް ކުރިކަމާއި އެ ޓެސްޓް ނެގެޓިވް ވެފައިވާކަން ސާބިތުކޮށް ދެވުމުންނެވެ.