ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރެއާލް މެޑްރިޑް

ވައިރަސް ޖެހުނު ރެއާލްގެ ކުރީގެ ރައީސް މަރުވެއްޖެ

މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ހާލު ބޮޑުވި، ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސެންޒް މަރުވެއްޖެ އެވެ.

ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވެގެން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އޭނާ އަށް ފަރުވާ ދޭން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާގެ އާއިލާއިން ބުނެފައި ވަނީ ސެންޒްއަށް ކޮވިޑް-19 ޖެހުނީ، ދުވަސްކޮޅެއް ކުރިން ޖެހުނު ހުމުގެ ރޯގާއަކުން ރަނގަޅު ނުވަނީސް ކަމަށެވެ.

އުމުރުން 76 އަހަރުގައި، ސެންޒް މަރުވީ ކޮވިޑް-19 އަށް ފަރުވާ ހޯދަމަށް ހޮސްޕިޓަލްގައި އޮއްވައި ރޭގެ ވަގުތެއްގަ އެވެ.

ސެންޒް ވަނީ، 1995 ން 2000 ވަނަ އަހަރަށް ރެއާލް މެޑްރިޑްގެ ރައީސް ކަން ކުރައްވާފަ އެވެ. އޭގެ ކުރިން އޭނާ އަކީ ރެއާލްގެ ކުރީގެ ރައީސް ރޯމަން މެންޑޯޒާގެ ދައުރުގައި އެގްޒެކެޓިވް ބޯޑް މެންބަރެކެވެ. ސެންޒްގެ ދައުރުގައި ރެއާލްއިން ވަނީ އެ ޓީމުގެ ހަތް ވަނަ އަދި އަށް ވަނަ ޗެމްޕިއަންސް ލީގް 1998 އަދި 2000 ވަނަ އަހަރު ކާމޔާބު ކޮށްފަ އެވެ.

ޔުވެންޓަސް ބަލިކޮށް 1998 ވަނަ އަހަރު ހޯދި ޗެމްޕިއަންސް ލީގަކީ 32 އަހަރު ފަހުން ރެއާލް މެޑްރިޑުން ހޯދި ފުރަތަމަ ޗެމްޕިއަންސް ލީގެވެ. ސެންގެ ޗެއާމަންޝިޕްގައި އޭނާ ވަނީ ރޮބާޓޯ ކާލޯސް، ކްލަރެންސް ސީޑޯފް، ޑާވާ ސުކާ އަދި ޕްރެޖު މައިޖިޓިވިޗް ފަދަ އޭރުގެ މަޝްހޫރު ކުޅުންތެރިން ގެނެސްފަ އެވެ. އަދި އޭރު ޔޫރަޕްގައި މަޝްހޫރުކަން ހޯދި ކޯޗް އިޓަލީގެ ފަބިއޯ ކަޕެއްލޯ ރެއާލް މެޑްރިޑަށް ގެނެ އެވެ.

ދެ ވަނަ ދައުރަކަށް ރެއާލްގެ ރައީސް ކަމަށް 2000 ވަނަ އަހަރު އޭނާ ވާދަ ކުރެއްވި ނަމަވެސް، އިންތިހާބުގައި އޭނާއަށް ނާކާމިޔާބުވީ، އެ ކުލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާ ވާދަ ކޮށްގެންނެވެ.