ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޗެމްޕިއަންސް ލީގާއެކު އެހެން ލީގްތައް ސަސްޕެންޑް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޔޫރަޕްގެ އެއްވަނަ ކުލަބު މުބާރާތް ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގް މެދުކަނޑާލަން ނިންމައިފި އެވެ.

ޔޫއެފާއިން ވަނީ ފެށޭ ހަފުތާއަށް ތާވަލު ކޮށްފައިވާ، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ނޮކައުޓް ސްޓޭޖުގެ މެޗުތައް ސަސްޕެންޑް ކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅެން ހަމަޖެހިފައިވާ މެޗު އިއްޔެ ވަނީ ކެންސަލް ކޮށްފަ އެވެ. އެ މެޗު ސަސްޕެންޑް ކުރީ ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ޓްރޭ ތޮމްކިންސްއަށް ކޮވިޑް19 ޖެހުމުން އެ ކުލަބުގެ ފުޓްބޯޅަ ޓީމް ކަރަންޓީން ކުރުމުންނެވެ.

ރޭ، އާސެނަލްގެ ކޯޗް މިކަލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކެލަމް ހޮޑްސަން އޮޑޯއީ ކޮވިޑް19 އަށް ޕޮޒިޓިވް ވުމުން، އިނގިރޭސި ލީގްގެ ކުލަބުތަކުން މިއަދު މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސި ޕްރިމިއާ ލީގްގެ މެޗުތައް ސަސްޕެންޑް ކުރުމަށެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން ރޭ ވަނީ ލަލީގާ މެދު ކަނޑާލާފަ އެވެ. ޕޯޗްގަލްގެ ޕްރިމޭރާ ލީގާ އާއި ހޮލެންޑްގެ ލީގް ވެސް މިއަދު ވަނީ ސަސްޕެންޑް ކުރިކަން އިއުލާން ކޮށްފަ އެވެ. މިހަފުތާގެ ކުރީ ކޮޅު އިޓާލިއަން ސޭރިއާ ވެސް ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންޑް ކޮށްފަ އެވެ.

ސޭރިއާގެ އެއް ވަނައިގައި އޮތް ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުން ޔުވެންޓަސްގެ ޓީމުވެސް ވަނީ ކަރަން ޓީން ކޮށްފަ އެވެ.

ޔޫރަޕްގެ ބޮޑެތި މުބާރާތްތައް ސަސްޕެންޑް ކުރަން ޖެހުމުން، މިއަހަރު ޖޫން 12 އިން ޖުލައި 12 އަށް ޔޫރަޕްގެ 12 ގައުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް އަންނަ އަހަރު ޖޫން ޖުލައި އަށް ފަސް ވުމުގެ ފުރުސަތު ބޮޑު ކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސް ކުރުމާ ބެހޭގޮތުން ޔޫރަޕްގެ 55 ގައުމުގެ ފުޓްބޯލް ފެޑްރޭޝަންގެ ވެރިން ހިމެނޭ ބައްދަލުވުމެއް މިއަންނަ އަންގާރަ ދުވަހު ބޭއްވުމަށް ޔޫއެފާއިން ވަނީ ތާވަލު ކޮށްފަ އެވެ.