ލައިފްސްޓައިލް

ހުދު ތިން ޖިރާފުގެ ތެރެއިން ދޭތި މަރާލައިފި

ދުނިޔޭގައި ތިބި ހުދު ތިން ޖިރާފްގެ ތެރެއިން ދެ ޖިރާފެއް ކެންޔާގައި ޖަނަވާރުން މަރާ އޭގެ ވިޔަފާރި ކުރާ ބަޔަކު މަރާލައިފި އެވެ. އެމީހުން މަރާލާފައިވަނީ ދުނިޔޭގައިވާ ހަމައެކަނި ހުދު އަންހެން ޖިރާފް އާއި އެސޮރުގެ ދަރި އެވެ. ވަރަށް މަދުން ނޫނީ ނުފެންނަ މި ޖަނަވާރު ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި އުޅޭކަމެއް ރެކޯޑް ތަކަކުން ނޭނގެ އެވެ.

މަންމަ ޖިރާފް އާއި އެ ސޮރުގެ ދަރީގެ މަރުވެ ވީރާނާވެފައިވާ ހަށިގަނޑު ފެނިފައިވަނީ ކެންޔާގެ އިރުމަތިގައިވާ ގަރިއްސާ ކިޔާ ހިސާބަކުންނެވެ. މި ޖަނަވާރުތައް ތިބި ތަނުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހުދު ދެ ޖިރާފް މަރާލުމުން މިހާރު ދެން ދުނިޔޭގައި އޮތީ ހަމައެކަނި ފިރިހެން އެންމެ ޖިރާފެކެވެ. މިއީ މަރާލި އަންހެން ޖިރާފްގެ ދަރިއެކެވެ.

މި ދެ ޖިރާފް މަރާލުމަކީ އެ ސޮރުމެން ގެންގުޅު ކޮންޒަވޭޓިވްގެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށް އެ ތަން ބަލަހައްޓާ އިސް މީހާ ވަނީ ބުނެފަ އެވެ.

މި ހުދު ޖިރާފްއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނީ 2017 ގައި މި ސޮރު ކޮންޒަވޭޓަރީގައި އޮއްވާ ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓްމަހު މި އަންހެން ޖިރާފް އިތުރު ދެ ޖިރާފް ވިހެއުމާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން މި ޖިރާފް އަށް ލިބުނެވެ.

އަންހެން ޖިރާފް މަރުވެފައި އޮއްވާ ފެނުނުއިރުވެސް އެ ސޮރު މަރުވިތާ ތިން ހަތަރު މަހެއް ވެދާނެކަމަށް ވަނީ އެ ސޮރު ބެލި ތަޖުރިބާކާރުން ލަފާ ކުރެ އެވެ. އެ ޖިރާފް ކައިރީގައި އެސޮރުގެ ދަރި ވެސް މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ. ލަފާ ކުރެވެނީ މަންމަ މަރުވީމަ ކާން ނުލިބިގެން ކުޑަ ޖިރާފް މަރުވީ ކަމަށެވެ.

މި ޖިރާފް ބަލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އެ ކޮންޒަވޭޓިވް އަށް ޒިޔާރަތް ކުރެ އެވެ. ދުނިޔޭން މުޅިން ހުސްވުމުގެ ބިރު ހީވެފައިވާ މިފަދަ ޖަނަވާރުން މަރައިގެން މީހުންނަށް ލިބޭނީ ކޮން ފައިދާއެއްތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.