ކެންސަރުގެ ބާވަތްތައް ދެނެގަތުމަށް ހަދާ އިމިއުނޮހިސްޓޮކެމިސްޓްރީ (އައި އެޗް ސީ) ޓެސްޓިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަށައިފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ޓެސްޓު އެ ހޮސްޕިޓަލުން ފަށާފައިވަނީ މި މަހުގެ އަށް ވަަނަ ދުވަހުން ފެށިގެން ކަމަށެވެ.
އައި އެޗް ސީ ޓެސްޓަކީ ސެލްތަކުގައި ހިމެނޭ ބައެއް މޮލިކިއުލްތައް ދެނެގަނެވޭ ލެބޯޓަރީ ތަހްލީލެކެވެ. ސިއްހީ އެތަކެއް ބަލިތަކެއް ދެނެގަތުމަށް އައިއެޗްސީ ޓެސްޓް ބޭނުންކުރެވޭ އިރު، މި ޓެސްޓް ހާއްސަކުރެވިފައިވަނީ ކެންސަރު ހުރިތޯ ދެނެގަތުމަށާއި އެ ބަލިތަކަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަތުމަށެވެ. ރާއްޖޭގައި ސިއްހީ ހިދުމަތްދެވޭ ތަންތަނުގައި މި ޓެސްޓް މިހާތަނަށް ހެދިފައިވަނީ ޓިޝޫ ސާމްޕަލް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކަށް ފޮނުވައިގެން ނުވަތަ ޓެސްޓް ހެދުމަށްޓަކައި ބަލި މީހާ ރާއްޖެ އިން ބޭރަށް ދަތުރުކޮށްގެންނެވެ.
މިހާރު މި ޓެސްޓް އިތުރަށް ފެންވަރު ރަނގަޅުވެ، ފުޅާވުމުގެ ސަބަބުން މި ޓެސްޓްގެ ޒަރީއާއިން އެތަކެއް ވައްތަރުގެ ކެންސަރުތައް ދެނެގަތުމުގެ ފުރުސަތު ހުޅުވާލެވިގެންދެ އެވެ. އަދި މި ޓެސްޓުން ހޯދޭ ޓިއުމަރުގެ ބާވަތް ދެނެގަނެވި އެއީ ކެންސަރު ހުންނަ ޓިއުމަރެއްތޯ ނުވަތަ ނޫންތޯވެސް ޔަގީންކުރެވެ އެވެ. މި ޓެސްޓް ކުރިން ކުރެވިފައިވަނީ ހަމައެކަނި ލިމްފް ނޯޑް ބަލިތަކާއި، ލިމްފޯމާ ހުރިތޯ ބެލުމައްޓަކަ އެވެ.
އާންމުކޮށް ކުރެވޭ ޓެސްޓްތަކުން އެކި ސެލްތަކާއި ގުނަވަންތަކުގައި އުފެދޭ ޓިއުމަރުތައް ބަލާބެލުމަށް އެއްގޮތްވެދާނެ އެވެ. ނަމަވެސް އިމިއުނޮހިސްޓޮކެމިސްޓްރީގެ ތަފާތަކީ މި ޓެސްޓުގެ އަލީގައި ޓިއުމަރުތަކުގެ ބާވަތް ދެނެގަނެވި އެ ބައްޔަށް ދޭންޖެހޭ އެންމެ ރަނގަޅު ފަރުވާ ވެސް ދެނެގަނެވޭތީ އެވެ. މިސާލެއްގެ ގޮތުން އުރަމަތީ ކެންސަރު ހުންނަކަމަށް މި ޓެސްޓުން ދައްކައިފިނަމަ މި ނަތީޖާއާއެކު ކެންސަރު އުފެދިފައިވާ ސަރަހައްދާއި މިންވަރު ދެނެގަނެވެއެވެ. އަދި ކެންސަރު ނައްތާލުމަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަނެވެ އެވެ. ބައެއް ހާލަތްތަކުގައި ހޯމޯންއަށް އަންނަ ބަދަލެއްގެ ސަބަބުން އުފެދޭ ޓިއުމަރުތަކަށް ހޯމޯން ބޭސްދިނުމަކީ ބާރުގަދަ ކީމޯތެރަޕީ ދިނުމައްވުރެ އެތައްގުނައަކަށް ރަނގަޅު ފަރުވާއެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޕެތޮލޮޖިސްޓް، ޑރ. މިރޮސްލާވް ސްޓްރަބަކް ވިދާޅުވިގޮތުގައި އިމިއުނޮހިސްޓޮކެމިސްޓްރީ ޓެސްޓަކީ ޓިއުމަރުތައް ނުވަތަ ކެންސަރުތަކުގެ ބާވަތްތަށް ދެނެގަނެ، ބަލި މީހާ އަށް އެންމެ އެކަށީގެންވާ ފަރުވާ ބައްޓަންކުރުމަށް ހާއްސަ ޓެސްޓެކެވެ. އަދި މިގޮތަށް ހާއްސަކުރެވިގެންދެވޭ ފަރުވާއަކީ މީގެ ކުރީގައި ކެންސަރަށްދެވޭ ފަރުވާ އަށް ވުރެ ނަތީޖާ ރަނގަޅު ފަރުވާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މި ޓެސްޓުތަށް ހިންގުމަށާ ނަތީޖާ ބެލުމައްޓަކައި ތަޖްރިބާކާރު ޓެކްނީޝަނުންނާއި ހިސްޓޮޕެތޮލޮޖިސްޓުން ހަރަކާތްތެރިވެ އެވެ. އަދި މި ޓެސްޓްތަށް ހިންގޭ ގޮތާއި މިންގަނޑުތަށް މަތީ ފެންވަރެއްގައި ހިފެހެއްޓުމަށް ކޮލިޓީ ކޮންޓްރޯލް އިން ވެސް ހަރަކާތްތެރިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ސިއްހީ ދާއިރާ އިން މިފަދަ ތަފާތު އެކި ކުރިއެރުންތައް ހޯދަމުންނެވެ. ލެބޯޓަރީ ޕެތޮލޮޖީ ޑިޕާޓްމަންޓުން ތައާރަޕްކޮށްފައިވާ ފްރޯޒެން ސެކްޝަން އަކީވެސް ވަރަށް ފަހުން ތައާރަޕްކުރި މި ފަދަ މުހިންމު ޓެސްޓެކެވެ.