ކަސްރަތު ކުރަން އެންމެ ރަނގަޅީ ހެނދުނު ހޭލައިގެން ސައި ބުއިމުގެ ކުރިންނެވެ. އޭރުން ސަރުބީ ވިރެން ފަސޭހަ ވާނެ އެވެ. އަދި އިންސިއުލިން އަށް ހަށިގަނޑު އިޖާބަ ދޭމިންވަރު އިތުރުވާނެ ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.
ޔުނިވަސިޓީ އޮފް ބާތު އެންޑް ބާމިންހަމްގެ މި ހޯދުމުން ދައްކާ ގޮތުގައި ކާ ގަޑި އާއި ކަސްރަތުކުރާ ގަޑި ބަދަލު ކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރަން ފަސޭހަވެ އެވެ.
ހަ ހަފުތާއަށް ކުރިޔަށް ގެންދިޔަ މި ދިރާސާގައި ބައިވެރިކުރީ 30 ފިރިހެނުންނެވެ. މި އެންމެންނަކީ ވެސް ފަލަބަލި ޖެހިފައިވާ ކަމަށް ކަނޑައަޅާ މިންވަރަށް ފަލަ މީހުންނެވެ. މި މީހުން ދެ ގްރޫޕަކަށް ބަހާލައި އެއް ގްރޫޕަށް ހެނދުނުގެ ނާސްތާ ދިނީ ކަސްރަތު ކުރުމުގެ ކުރިންނެވެ. އަނެއް ގްރޫޕަށް ދިނީ ކަސްރަތު ކުރުމުގެ ފަހުންނެވެ.
ނަތީޖާ ދެއްކި ގޮތުން ހެނދުނު ސައި ބޮއިގެން ކަސްރަތު ކުރި މީހުންނަށް ވުރެ ހެނދުނު ނާސްތާގެ ކުރިން ކަސްރަތުކުރި މީހުންގެ ގައިން ސަރުބީ ވިރުނު މިންވަރު ދެ ގުނަ އިތުރުވީ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.
ސައިންސްވެރިން ބުނަނީ ސަރުބީތައް ވިރުން އިތުރުވީ ރޭގަނޑު ހަތަރު ދަމު ނުކައި ހުރެފައި ކަސްރަތުކުރުމުން އެ ގަޑީގައި އިންސިއުލިން ލެވެލް ދަށްވުމުންނެވެ. މާނައަކީ ކަސްރަތު ކުރުމުން އަންދަން ޖެހޭ ބައި ފެޓް ޓިޝޫތަކާއި މަސްތަކުން ބޭނުން ކުރުމެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ކާ ގަޑިއާއި ކަސްރަތުކުރާ ގަޑިއަށް އެކަށީގެންވާ ބަދަލެއް ގެނެސްފިނަމަ ހީވެސް ނުކުރާ ވަރުގެ ރަނގަޅު ބަދަލެއް އިންސާނާގެ އާއްމު ސިއްހަތަށް ކުރާނެ އެވެ.
މި ދިރާސާގައި ބައިވެރިކުރި ފިރިހެނުންގެ ތެރެއިން ހެނދުނު ސައި ބޮއިގެން ކަސްރަތު ކުރި މީހުންނަށް ވުރެ ސައި ނުބޮއި ކަސްރަތު ކުރި މީހުންގެ ހަށިގަނޑުން ސަރުބީ ވިރުނު މިންވަރު ހައިރާންވާހާ އިތުރުވީ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އަދި ހެނދުނު ސައި ނުބޮއި ކަސްރަތުކުރި ގްރޫޕްގެ އިންސިއުލިން އުފެއްދުމުގެ ގާބިލްކަން ވެސް މާ ބޮޑަށް އިތުރު ވެފައި ވެއެވެ. މިއީ ވެސް ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
ހަމައެކަނި ކާ ގަޑި ބަދަލު ކޮށްލައިގެން މިހާ އެދެވޭ ބަދަލެއް ސިއްހަތަށް ކުރުމަކީ ހީވެސް ނުކުރާ ކަހަލަ ކަމެކެވެ.
ހަ ހަފުތާ ވަންދެން ސައިންސްވެރިން ކުރިޔަށް ގެންދިޔަ ދިރާސާގައި ބައިވެރި ކުރި ކުރި މީހުންގެ ދެ ގްރޫޕް ވެސް ކޮށްފައިވަނީ އެއް ވައްތަރެއްގެ ކަސްރަތު ތަކެކެވެ. ހަމައެކަނި ތަފާތަކީ ސައި ބުއި ވަގުތެވެ. އެއްބަޔަކު ސައި ބުއިމުގެ ކުރިން ކަސްރަތު ކުރިއިރު އަނެއް ބަޔަކު ސައި ބުއީ ކަސްރަތު ކުރުމަށް ފަހުގައި ކަމެވެ.
އެހެންކަމުން ސައިންސްވެރިން އިރުޝާދު ދެނީ ހެނދުނު ހޭލާ ގޮތަށް އެއްޗެއް ނުކައި ކަސްރަތު ކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.