ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތް ޑިސެމްބަރަށް!

މި އަހަރުގެ ޖޫން ޖުލައިގައި ބޭއްވުމަށް ތާވާލު ކޮށްފައިވާ، ޔޫރަޕިއަން ޗެމްޕިއަންޝިޕް، އަހަރުގެ ފަހު ކޮޅަށް ފަސް ކުރުމަށް ޔޫއެފާއިން މަސައްކަތް ފަށައިފި އެވެ.

މުޅި ދުނިޔޭގައި، މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ، ކޮވިޑް 19 އާ ގުޅިގެން ކުޅިވަރުގެ މައި އިވެންޓްތައް ދަނީ ސަސްޕެންޑް ކުރަމުންނެވެ. ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގް ވެސް މިހާރު މެދުކަނޑާލައިފި އެވެ.

މިދިޔަ ހަފުތާ ފަހު ކޮޅު ޚަބަރު ފެތުރިފައި ވަނީ، ޔޫރޯ އަންނަ އަހަރުގެ ޖޫން ޖުލައިއަށް ފަސް ކުރަން އުޅޭ ޚަބަރެވެ. އެހެން ނަމަވެސް، މިހާރު މި އަހަރުގެ ޑިސެމްބަރު މަހު ޔޫރޯ ބާއްވަން ޔޫއެފާއިން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުން މިއަދު ވަނީ ރިޕޯޓް ކޮށްފަ އެވެ.

އަންނަ އަހަރުގެ ޖޫން ޖުލައިގެ ބަދަލުގައި މި އަހަރުގެ ފަހުކޮޅަށް، ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފަސް ކުރުމަށް ޔޫއެފާއިން މަސައްކަތް ކުރަމުންދާ ސަބަބުތަކުގެ ތެރޭގައއި ހިމެނޭ ކަމަށް ޓެލެގްރާފުން ރިޕޯޓް ކޯށްފައި ވަނީ:

  • 2021 ގެ ޖޫން ޖުލައިގައި އާ ފޯމެޓަށް ކުޅޭ ކުލަބު ވޯލްޑް ކަޕް ފީފާއިން އިއުލާން ކޮށްފައި ވުން
  • ގަތަރުގައި 2022 ގައި ބާއްވާ ވޯލްޑް ކަޕް ކުޅޭ ދުވަސްވަރަށް ޔޫރަޕްގެ ގައުމުތައް ފަރިތަ ކުރުވުން
  • އަންނަ ސީޒަންގައި ޔޫއެފާ ނޭޝަން ލީގެ ދެ ވަނަ މުބާރާތް ތާވަލު ކޮށްފައި ވުން

ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ވޯލްޑް ކަޕް އާންމުކޮށް ބާއްވަނީ ޖޫން ޖުލައިގަ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕް ގަތަރުގައި ބާއްވާތީ، އެ ގައުމުގެ މޫސުމުގެ ގޮތުން އެ ދުވަސް ވަރުގައި ވޯލްޑް ކަޕް ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެންވެ ފީފާއިން ނިންމާފައި ވަނީ އެ އަހަރު ވޯލްޑް ކަޕް ނޮވެމްބަރު 21 ން ޑިސެމްބަރު 18 އަށް ބޭއްވުމަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސް ކުރުމާ ގުޅޭގޮތުން، ޔޫރަޕްގެ 55 ގައުމުގެ ފުޓްބޯޅައިގެ ވެރިން، ބައިވެރިވާ ކޮންގްރެސްއެއް އަންގާރަ ދުވަހު ބޭއްވުމަށް ޔޫއެފާއިން ވަނީ ތާވަލު ކޮށްފަ އެވެ.