ކުޅިވަރު

ރޮނާލްޑީނިއޯގެ ކެރިއާ ހަލާކުކޮށްލީ އަނދިރިފަރާތް!

ބްރެޒިލްގެ ރޮނާލްޑީނިއޯ ހުނަރާ މެދު ސުވާލެއް ވެސް ނެތެވެ. އެއީ ދުނިޔޭއިން ފާހަގަވި ހުނަރުވެރި ކުޅުންތެރިޔެކެވެ. އޭނާގެ ކުޅުމުގެ ސްޓައިލުން އެންމެންނަށް ވެސް ހިތްހަމަ ޖެހުން ގެނެސްދިނެވެ. އެހެން ނަމަވެސް ހީކުރެވުނު ވާރާ ގާތަށްވެސް ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިއާ ހިފަހައްޓާ ނުލެވުނެވެ.

ފްރާންސްގެ ޕީއެސްޖީގައި ރޮނާލްޑީނިއޯ ހުއްޓައި، ބާސެލޯނާގެ އޭރުގެ ރައީސް ހުއާން ލަޕޯޓާ، 2003 ގައި ބާސާއަށް ރޯނާލްޑީނިއޯ ގެނައިރު އޭނާގެ އުމުރަކީ 23 އަހަރެވެ. އެއީ އޭނާގެ ކެރިއަރު ބަދަލުވެގެން ދިޔަ ހިސާބެވެ. އަބަދު ހިނިތުންވެފައި ހުރެ، އޭނާ ޖަހާ ލަނޑުތަކުގެ ސަބަބުން ބާސާގެ ސަޕޯޓަރުންނަށް އޭނާ ހިނިތުންވުން ގެނެސްދިނެވެ. ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް އޭނާވި ނަމަވެސް، އެންމެ ޓޮޕް ލެވަލްގައި އޭނާއަށް ހިފަހައްޓާ ލެވުނީ އެންމެ ތިން އަހަރު އެވެ.

ބާސެލޯނާގައި ފުރަތަމަ ކޮޅު އޭނާގެ ލައިފް ސްޓައިލްއާ މެދު އެ ކުލަބުން މައްސަލައަކަށް ނުހެދި އެވެ. އެހެން ނަމަވެސް 2006 ގެ ޗެމްޕިއަންސް ލީގްގެ ކާމިޔާބަށް ފަހު، ރޮނާލްޑީނިއޯގެ ކެރިއަރުގެ އަޑިއަޅާލުން ގަނޑު ފެށިއްޖެ އެވެ.

ޕީއެސްޖީގައި އޭނާ އަށް ކޯޗް ކޮށްދިން ލުއިސް ފެނާންޑޭސް އޭނާގެ ހަނދާތަކުގެ ގޮތުގައި ހާމަކޮށްފައިވާ ގޮތުން ރޮނާލްޑީނިއޯގެ ކިބައިން ޓެކްޓިކަލް ޑިސިޕްލިން ގެއްލުނެވެ. އަދި އޭނާ ލޯބި ކުރާ ކަންތައްތަކުގެ ގޮތުގައި ޕާޓީ ކުރުން ވި ކަމަށް ލުއިސް ފެނާންޑޭޒް ހާމަކޮށްފައި ވެއެވެ.

"ކުލަބުގެ މީޓިންތަކަށް އޭނާ އަންނައިރު އަންނަނީ އަންހެން ކުދިން ގޮވައިގެންނެވެ." ލުއިސް ފެންޑޭޒް ލިޔެފައި ވެއެވެ.

ބާސާގައި ފުރަތަމަ ކޮޅު، އޭނާގެ ލައިފް ސްޓައިލް މައްސައަކަށް ނުވީ، އެ ދުވަސްވަރަކީ އެކުލަބު ވެސް އަޑިގަނޑަކަށް ވެއްޓިފައިވާ ދުވަސްވަރެއް ކަމަށް ވުމުން ކުލަބު އަލުން ބިނާ ކުރުމުގައި ރޮނާލްޑީނިއޯއަށް އަދާ ކުރެވޭނެ ދައުރު ބޮޑު ކަމުން އޭނާގެ ފުޓްބޯޅައިގެ ހުނަރުން ފައިދާ ހޯދުމަށް އެ ކުލަބުން ބޭނުން ވަފައި ތިބުމުންނެވެ. އެ ކުލަބު ނަގާ ކޮޅަށް ޖެހުމަށް ރޮނާލްޑީނިއޯ މުހިންމު ދައުރެއް އަދާ ކުރި އެވެ.

ދެހާސް ހައެއްގެ ޗެމްޕިއަންސް ލީގަށް ފަހު، ރޮނާލްޑީނިއޯގެ ކެރިއާގެ އަޑިގަނޑަކަށް ވެއްޓިއްޖެ އެވެ. ޓީމުގެ ޕްރެކްޓިސްއަށް ބަރާބަރަށް ހާޒިރު ވުމުގައި އޭނާއަށް ފަރުވާ ކުޑަ ކުރެވެން ފަށައިފި އެވެ. އޭނާ އިސްނަގައިގެން ބާއްވާ ރޭގަނޑުގެ ޕާޓީތައް ހެނދުނާ ހަމައަށް ދިގު ދެމިގެންދެ އެވެ. އޭނާ ޕާޓީ ކުރަނިކޮށް ނަގާފައިވާ ވީޑިއޯތައް އާންމުވާން ފެށި އެވެ.

ބާސާއިން ރޮނާލްޑީނިއޯއަށް ބަރޯސާ ވަމުން ދިޔަ ދިއުން ދާއިމީ ކޮށް ނިންމަން އެ ކުލަބުން އޭރު ދިޔައީ ތައްޔާރު ވަމުންނެވެ. ބާސެލޯނާގެ ލަމާސިއާގައި ހުރި އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔަކަށް މަޑުމަޑުން ސީނިއާ ޓީމުން ފުރުސަތު ދެމުން ދިޔަ އެވެ. އެ ކުލަބުން ބެލީ އެއީ ރޮނާލްޑީނިއޯގެ ބަދަލުގައި އެ ކުލަބުން ބާރޯސާ ވާނެ ކުޅުންތެރިޔާ ކަމަށެވެ. އާޖެންޓީނާގެ އެ ޒުވާން ކުޅުންތެރިޔަކީ އެ ޓީމުގެ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

ބާސާގެ ސީނިއާ ޓީމަށް މެސީ، ކުޅެން ފެށީ 2004 ވަނަ އަހަރު އެވެ. އެއީ ރޮނާލްޑީނިއޯގެ އެންމެ ރަން ދުވަސް ވަރެވެ. ބައެއް މެޗުތަކުގައި މެސީއަށް ފުރުސަތު ދޭއިރު ދަނޑުމަތީގައި މެސީއަށް އެންމެ ބޮޑަށް އެހީތެރިވެދޭ ކުޅުންތެރިޔަކީ ވެސް ރޮނާލްޑީނިއޯ އެވެ.

ރޮނާލްޑީނިއޯ އާއި މެސީއާ ދެމެދު ދަނޑުމަތީގައި އުފެދުނު ގުޅުން ޓީމުގެ ޑްރެސިން ރޫމާއި ޕްރެކްޓިހާއި އަދި ކުލަބުން ބޭރުގައިވެސް އޮތެވެ. ޒުވާން މެސީއަށް ރޮނާލްޑީނިއޯގެ ނުފޫޒު އޮތުމުން، ބާސާއިން ނިންމީ ރޮނާލްޑީނިއޯ ޓީމުން ދޫކޮށްލުމަށެވެ. އެއީ ރޮނާލްޑީނިއޯގެ ނުފޫޒާހެދި މެސީ ވެސް އެ މަގުން ހިނގައިދާނެ ކަމުގެ ބިރަށްޓަކަ އެވެ.

ބާސެލޯނާގެ ކޯޗް ކަމާ 2008 ވަނަ އަހަރު ޕެޕް ގާޑިއޯލާ ހަވާލުމަށް ފަހު އޭނާ ނިންމީ، ރޮނާލްޑީނިއޯ ދޫކޮށްލުމަށެވެ. އޭނާ ބަދަލުވީ އޭސީ މިލާނަށެވެ. އެ ކުލަބުގައި ވެސް އަދި ފަހުން ބްރެޒިލްގެ ފްލެމިންގޯ އާއި އެތުލެޓިކޯ މިނީރޯގައިވެސް ރޮނާލްޑީނިއޯ ކުރިން ދެއްކި ޖާދޫ ދެއްކޭ ގޮތެއް ނުވި އެވެ.

މިލާންގައި އޭނާ ކުޅުނު ދަވަސްވަރު އެއް ރޭ، ނައިޓް ކުލަބެއްގައި ޕާޓީ ކުރަމުން ދަނިކޮށް، އެ ކުލަބުގެ ސަޕޯޓަރުން ވަނީ އޭނާ ނައިޓް ކުލަބުން ނެރެ ގެއަށްދާން މަޖުބޫރު ކޮށްފަ އެވެ. ޖެހިގެން އައި ދުވަހަކީ މިލާންގެ ޑާބީ މެޗު އޮތް ދުވަހެވެ.

އަހަރުތަކެއް ފަހުން، ބާސާއިން ވަނީ އޭނާ އަކީ އެ ކުލަބުގެ އެމްބަސެޑަރު ކަމަށް ކަނޑައަޅާފަ އެވެ. ކުލަބުގެ އެމްބަސެޑަރުގެ ގޮތުގައި އޭނާ ތައާރަފް ކުރުމަށް ކޭމްޕްނޯ ސްޓޭޑިއަމަށް ދާން ޖެހުނު ދުވަހު، އޭނާ ހުރީ ބާސެލޯނާގެ ސިޓީގެ ކެސްޓެލެޑެފެލްސް ބީޗްގައި ސަކާރްތް ޖެހުމަށް ފުޓްބޯޅަ ކުޅޭށެވެ.

ރޮނާލްޑީނިއޯ ކުޅުން ހުއްޓާލި ފަހުން އޭނާ ބުނެފައި ވަނީ، އޭނާގެ ދަރނިތައް ދެއްކުމަށް ދަތިތައް ކުރިމަތި ވެފައިވާ ކަމަށެވެ. އަދި އޭރު ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ބޭންކު އެކައުންޓްގައި ހަ ޔޫރޯވެސް ނެތެވެ.

ރޮނާލްޑީނިއޯ ވަނީ ކުރިން ޖަލުގެ އަދަބަކުން ސަލާމަތް ވެފަ އެވެ. އެހެންނަމަވެސް މިފަހަރު އޭނާ ޖަލުން ސަލާމަތެއް ނުވި އެވެ. ޕެރަގުއޭއަށް އެތެރެވުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައި ނުމުން ޕެރަގުއޭގެ ފުލުހުން ވަނީ އޭނާ ޖަލަށް ލާފަ އެވެ. ޕެރަގުއޭގެ ގަވާއިދުތައް ބުނާ ގޮތުން، ބްރެޒިލްގެ މީހަކު ޕެރަގުއޭއަށް އެތެރެ ވެވޭނީ ހަ މަސް ކުރިން އެކަމަށް އެދުމުންނެވެ.