ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްޕީއޭއަށް އެހީވާން އެމްޑީޕީން ވޮލެންޓިއަރުން ހޯދަނީ

Mar 15, 2020
2

ކޮވިޑް-19 އާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ހަރަކާތްތެރިވުމުގެ ފުރުސަތު ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު އެޗްޕީއޭއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ނުވަތަ ހޭލުންތެރިކަން އުފެދުމަށް އެ އޮތޯރިޓީން ހިންގާ ހަރަކާތެއްގައި އެހީތެރިކަމެއް ބޭނުންނަމަ އެމްޑީޕީން އެކަމުގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެމްޑީޕީގެ ގޮފިތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ކުރި ޓުވީޓް

އެ ސިޓީއާއެކު އެމްޑީޕީގެ ސެކެޓްރިއޭޓް އިން ކުރި ޓުވީޓެއްގައި ވަނީ ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުން "ކޮވިޑް-19 އެމްޑީޕީ ވޮލެންޓިއާޒް" ގެ ގޮތުގައި ރަޖިސްޓާވުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.

އެމްޑީޕީން ވޮލެންޓިއަރުން ހޯދާއިރު އެ ޕާޓީން އިއްޔެ ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކެމްޕެއިން ހަރަކާތެއް ހުއްޓާލަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ފަހުން އެ މަހު 18 އަށް ފަސް ކުރުމަށް ފަހު މިހާރު ވަނީ އިތުރަށް ފަސް ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެގޮތުން އެ ކޮމިޝަނުން ހައި ކޯޓުގައި އެދިފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަ ވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު 13 ބިދޭސީއެއް ގައިން ވަނީ އެ ބަލި ފެނިފަ އެވެ.