ކުޅިވަރު

1000 ކިލޯމީޓަރަށް ކުޑަހުސެން 40 ގަޑިއިރު

ދިވެހި ފުރަތަމަ އޮލިމްޕިކް ޓީމުގެ ކެޕްޓަންކަން ކުރި، ހުސައިން ހަލީމް (ކުޑަ ހުސައިން) އަކީ އާދައިގެ މީހެއް ނޫނެވެ. ރާއްޖޭގެ ފުރަތަމަ އަޔަން މޭންގެ ޝަރަފު ހާސިލު ކޮށްފައިވާ، ކުޑަ ހުސައިންގެ އުމުރުން 51 އަހަރު ފުރުން ފާހަގަ ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މިދިޔަ އަހަރު 50 އަހަރު ފުރުމުން، އޭނާ ނުކުތީ ޖެހިޖެހިގެން ފަސް ދުވަހު، މެރޮތޮން ދުވުމަށެވެ. މިހާތަނަށް ޖެހިޖެހިގެން ކޮންމެ ދުވަހަކު މެރޮތޮންއެއް ދުވެގެން، ޖެހިޖެހިގެން ފަސް މޮރޮތުން ދުވުނު ފުރަތަމަ ދިވެއްސަކަށް އޭނާ ވެދާނެ އެވެ. މިއަހަރުގެ އުފަން ދުވަހާ އޭނާ ބައްދަލުވިއިރު ކަކުލަށް ވަނީ އަނިޔާވެފަ އެވެ. މެރޮތުން ދުވަން ބޭނުންވި ނަމަވެސް ކަކުލަށް ލިބިފައިވާ އަނިޔާއިން މޮރޮތޮންގެ ޗެލެންޖުން އޭނާ މިފަހަރު ދުރަށް ޖެއްސި އެވެ.

މިފަހަރު ކަނޑައެޅީ އެހެން ޓާގެޓެކެވެ. ޖެހިޖެހިގެން ފަސް ދުވަސްވަންދެން ބައިސްކަލުގައި 100 ކިލޯމީޓަރަށް ދުއްވުމަށެވެ. ފަތިސް ނަމާދުން ފައިބައިގެން ބައިސްކަލު ހިފައިގެން ހުސެން ނުކުންނަނީ މާލެ ތެރެއަށެވެ. ހުޅުމާލެ އަަށްދާ 6:30 ގެ ފެރީއަށް ދެވޭ ވަރަށް މާލޭ ތެރޭގައި ދުއްވާފައި ދެން އޭނާ ދަނީ ފެރީއަށެވެ. މާލޭގައި ދުއްވާފައި ދިޔަ ނަމަވެސް، އޭނާގެ ރަސްމީ ޗެލެންޖު ފަށަނީ ހުޅުމާލެއިންނެވެ. ހުޅުމާލޭގައި ދުއްވާ ކޮންމެ ދުވަހަކު 100 ކިލޯމީޓަރުގެ ރާސްތާ އޭނާ ކަޑަތު ކުރި އެވެ. އެއީ ހަތަރު ގަޑިއިރު ދުއްވުމެކެވެ.

އޭނާ ކަނޑައެޅީ ޖެހިޖެހިގެން ފަސް ދުވަހު، ކޮންމެ ދުވަހަކު 100 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތު ކުރުމަށެވެ. އެ ފަސް ދުވަސް އޭނާ ގުނީ އޭނާގެ އުމުރުން 51 އަހަރު ފުރުނު ދުވަހުން ފެށިގެން ފަސް ދުވަހުގެ ގޮތުގަ އެވެ. ފުރަތަމަ ފަސް ދުވަސް ނިމުނު އިރު އޭނާ އިތުރަށް މޯޓިވޭޓް ވި އެވެ.

ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ކޮވިޑް-19 ގެ ސަބަބުން، އާންމުންގެ ދިރިއުޅުމުގެ ސްޓައިލަށް ބަދަލު އަންނަމުން ދިޔަ އެވެ. އެހެންނަމަވެސް ބަލިން ރައްކާތެރި ވުމަށް ދުޅަހޮޔޮ ސިއްހަތަކަށް ޖިސްމާނީ ގޮތުން ދެވޭނެ އެންމެ ބޮޑު ސަޕޯޓަކީ ކަސްރަތު ކުރުމާއި ހަރަކާތްތެރިވެ އުޅުމެވެ. ހުސައިން ބުނީ، ގައުމަށް އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ވަގުތެއްގައި، ކޮންމެ ދުވަހަކު ބައިސްކަލުގައި ހުޅުމާލެއަށް ގޮސް 100 ކިލޯމީޓަރުގެ ދިގު ރާސްތާއެއް އުނދަގުލާއެކުވެސް ކަޑަތު ކުރުމަށް އޭނާއަށް އިތުރަށް ހިތްވަރަކަށް ވި ކަމަށެވެ.

ބައިސްކަލުގައި ފުރަތަމަ ދުވަހު އޭނާ ނުކުތް އިރު ބައިކް މޯލްޑިވްސްގެ ޓީމުވެސް ބައިސްކަލު ދުއްވަން ނުކުތެވެ. ކައިރީގައި ބަޔަކު ހިތްވަރު ދޭން ތިބެއްޖަނަމަ އެއީ އިތުރަށް މޯޓިވޭޓް ވާނެ ސަބަބެކެވެ. އެހެންނަމަވެސް އެކަނި ކުރަން ޖެހިއްޖެނަމަ ހިތްވަރު އެލި، ފޫހިވެ، އަވަހަށް ހުއްޓާލަން ބޭނުންވާނެ އެވެ. ނަމަވެސް އެކަނިމާއެކަނި ކޮންމެ ދުވަހަކު ބައިސްކަލުގައި ހުޅުމާލެއަށް ގޮސް 100 ކިލޯމީޓަރު ފުރިހަމަ ކުރަން އޭނާ އަށް ހިތްވަރު ލިބުނު ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ހަތަރު ކުދިންނާއެކު ފުރަތަމަ އެނާގެ އެކެޑެމީ ފަށައި، މިހާރު ރާއްޖޭގައި ހިންގާ ބޮޑު ސްޕޯޓްސް އެކެޑެމީއަކަށް އޭނާގެ "ކުޑަ ހުސައިން ސްޕޯޓްސް އެކެޑެމީ" ވީ އޭނާ ހިތްވަރާއެކު ކުރި ބުރަ މަސައްކަތުންނެވެ. ގައުމީ ފެންވަރުގައި އޭނާ ހެދި ބައެއް ރެކޯޑްތައް އެހެން ދުވުންތެރިންނަށް މުގުރާލެވުނީ 25 އަހަރު ފަހުންނެވެ. މިފަހަރުގެ ޗެލެންޖަށް ނުކުތީވެސް އެ ހުރިހާ ކަމަކުން ހިތްވަރު ލިބިގެންނެވެ.

ކޮންމެ ދުވަހަކު ރޭސް ފެށުމުގެ ކުރިންވެސް، އޭނާ ކަލްކިއުލޭޝަނެއް ހަދައެވެ. ފެން ބޯން ޖެހޭނީ، ރޭހުގެ ކިހާހިސާބަކުން ކަމެވެ. އެނަޖީ ޖެލް ބޭނުން ކުރަން ޖެހޭނީ ރޭސް ފަށާތާ ކިހާއިރަކުންކަން އޭނާ ހިސާބު ހެދި އެވެ. ކޮންމެ ދުވަހަކު ބައިސްކަލުގައި ރޭސް ފަށަނީ ސިޔަރަތު އަޑު އަހަމުންނެވެ. އެމެރިކާގެ ޑރ. ޔާސީރު ގާދީ ހުށަހަޅައިދީފައިވާ ސިޔަރަތުގެ ހާދިސާތަކުން ހުސައިން އިތުރަށް މޯޓިވޭޓްވާ ސަބަބަކަށް އެކަންވި ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ފަސް ދުވަސް ނިމުމުން، ލިބުނު މޯޓިވޭޝަނާއެކު އިތުރު ތިން ދުވަސް އޭނާ ދުއްވި އެވެ. އެހާހިސާބުން އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ. ކަނޑައެޅި ޓާގެޓަށް ވުރެ އިތުރަށް ތިން ދުވަހު ދުވެ، ޖެހިޖެހިގެން އަށް ދުވަހު 100 ކިލޯމީޓަރަށް ބައިސްކަލް ދުއްވައި ޖުމުލަ 800 ކިލޯމީޓަރު ހަމަ ކުރުމަށް ފަހު އޭނާ ނިންމާލި އެވެ.

އަށް ވަނަ ދުވަހަކީ، އޭނާގެ އިންޓަވިއު ހޯދަން 'އަވަސް' އިން އޭނާއަށް ގުޅި ދުވަހެވެ. އިތުރަށް ދެ ދުވަސް 100 ކީލޯމީޓަށް ދުއްވައިފި ނަމަ އޭނާއަށް 1000 ކީލޯމީޓަރު ދުއްވޭނެ އެވެ. އިތުރަށް ދެ ދުވަހު އޭނާ ދުއްވީ އަވަސްއިން އެދުނު އެދުމަކަށެވެ. ކޮންމެ ދުވަހަކު 100 ކިޅޯމީޓަރުގައި ބައިސްކަލު ދުއްވައި، ޖުމުލަ 1000 ކިލޯމީޓަރުގެ ރާސްތާއެއް އޭނާ ކަޑަތު ކުރީ 40 ގަޑިއިރު ހޭދަކޮށްގެންނެވެ.

ބައިސްކަލުގައި 100 ކިލޯމީޓަރު ހަމަކުރަން ހޭދަކުރި ޓައިމިން

- މާޗް ހައެއް - 4:00:3 (ހަތަރު ގަޑިއިރާއި ތިން ސިކުންތު)
- މާޗް ހަތެއް - 4:6:34 (ހަތަރު ގަޑިއިރާއި 14 މިނެޓް ހަ 34 ސިކުންތު)
- މާޗް އަށެއް - 4:12:37 ހަތަރު ގަޑިއިރާއި 12 މިނެޓް 37 ސިކުންތު)
- މާޗް ނުވައެއް - 4:14:20 (ހަތަރު ގަޑިއިރާއި 14 މިނެޓް 20 ސިކުންތު)
- މާޗް 10 - 4:04:52 (ހަތަރުގަޑިއިރާއި ހަތަރު މިނެޓް 52 ސިކުންތު)
- މާޗް 11 - 4:17:50 (ހަތަރު ގަޑިއިރާއި 17 މިނެޓް 50 ސިކުންތު)
- މާޗް 12 - 4:14:03 (ހަތަރު ގަޑިއިރާއި 14 މިނެޓް ތިން ސިކުންތު)
- މާޗް 13 - 3:59:15 (ތިން ގަޑިއިރާއީ 59 މިނެޓް 15 ސިކުންތު)
- މާޗް 14 - 4:06:01 (ހަތަރު ގަޑިއިރާއި ހަ މިނެޓް އެއް ސިކުންތު)
މާޗް 15 - 4:00:50 (ހަތަރު ގަޑިއރާއި 50 ސިކުންތު)