ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ވައްޓާލުމުގައި ހަރަކާތްތެރިވެ ނުކިމަންތެރިވި ވަކިވަކި ފުލުހުންގެ މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުހުން ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު މަގުތަކަށް އެއްވި އެމްޑީޕީގެ ލީޑާޝިޕާއި އާންމު ސަޕޯޓަރުންނަށް ބައެއް ފުލުހުން ކުރި އަނިޔާއަށް ވެސް އިންސާފު ނުލިބޭ ކަމަށެވެ.
އިންތި ވިދާޅުވި ގޮތުގައި ފުރަތަމަ ކުރަން ޖެހޭ ކަމަކަށް އޮތީ އެ ދުވަހު ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިވެ "ބަޣާވާތް" ކުރި ކަމުގެ ހަގީގަތް ގަބޫލުކޮށް އެ ކަން ތަހުގީގު ކުރުމެވެ. އެ ދުވަހު ނުކިޔަމަންތެރިވި ފުލުހުން އެ މުއައްސަސާގައި ތިބިކަން ޔަގީން ކުރަން ޖެހޭ ކަމަށާއި އެކަމަށް އިންސާފު ނުހޯދައި ފުލުހުންގެ މުއައްސަސާ އިސްލާހު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުންނާ މެދުގައި ރައްޔިތުންގެ އިތުބާރު އުފައްދަން ބޭނުންވާ ކަމަށް ވަންޏާ، މި އަނިޔާ މި ގެއްލުން ދިވެހި ދައުލަތަށް ދިން ފުލުހުން ކޮބައިތޯ. މިއަދު ވެސް އެ މުއައްސަސާތަކުގެ ތެރޭގައި އެބަ ތިބިތޯ. މި ސުވާލުތަކަށް ޖަވާބު ބޭނުންވޭ، މި ސުވާލަށް ޖަވާބު ލިބިގެން މެނުވީ އަޅުގަނޑުމެންނަށް ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރެވޭނެ ގޮތެއް ނެތް،" އިންތި ވިދާޅުވި އެވެ.
އިންތި ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި އޭރު ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމުނު ދުވަހުގައި ފުލުހުންގެ ނުކިޔަމަންތެރިކަން ހައްދު ފަހަނައަޅާ ދިއުމާ ގުޅިގެން މިހާތަނަށް އެއްވެސް ތަހުގީގެއް ކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ފުލުހުންގެ ހިދުމަތުގެ ބިލު ތަޅުމަށް ބަލައިގަނެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެ ބިލު ދިރާސާ ކުރާއިރު އެ މައްސަލަ އެ ކޮމިޓީއަށް ތަހުގީގު ކުރެވޭނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދު އެ ކަމަށް ސާފުކޮށް ޖަގާދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ވަގުތު ވެސް ފުލުސް އޮފީހުގެ ތެރޭގައި ނުކިޔަމަންތެރިކަން ދެއްކި މީހުން ފުލުހުންގެ ގޮތުގައި ތިބިތޯ، އަދި އޭރުގައި އެ ނުކިޔަމަންތެރިކަން ދެއްކި މީހުނަކީ ކޮބައި ކަން، މަޖިލީހުގެ ގަވާއިދު ސާފުކޮށް ޖަގާ ދޭ ގޮތުގައި ބިލު ކޮމިޓީގައި މަސައްކަތް ކުރާއިރު ވަކިވަކި ފުލުހުންނާ ގުޅޭ ގޮތުން އެ ތަހުގީގެއް ކުރެވޭނެ، އެއީ މެންބަރުންނަށް ލިބިދޭ ބާރެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސްގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް އެމަނިކުފާނު އަބަދުވެސް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ވެރިކަން ބަަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ، ރައީސް ނަޝީދު އެ ދުވަހު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.
އެ ދުވަހާ ގުޅުން ހުރި ފުލުހުންގެ މައްސަލަތައް ބަލާ ވާހަކަ ރައީސް ނަޝީދު މިއަދު ދެއްކެވިއިރު، އެ ދުވަހުގެ މުޒާހަރާގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މަޖިލީހުގައާއި ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހިމެނެ އެވެ.