އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޕޮޒިޓިވްވި ދެ މީހުން ލ. އަތޮޅަށް ގެންދިޔުމަށްފަހު ފަރުކޮޅުފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ލ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ މިއަދު ހެނދުނު ކައްދޫ ބަނދަރުން ލޯންޗެއްގައި ސަފާރީއަށް ގޮސް އެ މީހުން ނަގައިގެން ފަރުކޮޅުފުއްޓަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އެ މީހުން ފަރުކޮޅުފުއްޓަށް ގެންދެވޭނީ މިއަދު ހަވީރު ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު ސަފާރީ އޮތީ ފުވައްމުލައް ސިޓީ ބޭރުގަ އެވެ. ޕޮޒިޓިވްވި ދެ މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ނުބުނެ އެވެ. އެމީހުންގެ ފަރާތުން އަލާމާތްތައް ފެނުމުން ސަފާރީ ފުވައްމުލަކުގައި ބަނދަރުކުރި އެވެ. ސަފާރީ ލ. އަތޮޅަށް ދަތުރު ފެށީ އެ ދެ މީހުން ޕޮޒިޓިވްވުމުންނެވެ.
ސަފާރީ ފުވައްމުލަކުން ލ. އަތޮޅަށް ދަތުރުކުރި މަގުމަތީގައި ގއ. ވިލިނގިއްޔަށް މަޑުކޮށްފައިވެ އެވެ. އެއީ ތެޔޮ އެޅުމަށެވެ. އެ ސަފާރީއިން ވިލިނގިއްޔަށް މީހަކު ނުފައިބަ އެވެ. ލ. އަތޮޅުން އެ ދެ މީހުން ލޯންޗަކަށް ނެގުމަށްފަހު ސަފާރީ ވެސް ވަނީ މާލެ އައުމަށް ދަތުރު ފަށާފަ އެވެ. އެ ސަފާރީ އޮތީ މޮނީޓަރިން ހާލަތުގަ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ސަފާރީ ފުވައްމުލަކުގައި މި މަހުގެ 11 ވަނަ ދުވަހު ބަނދަރުކޮށް 12 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ. އެ މުއްދަތުގައި ފުވައްމުލަކަށް ފޭބީ އެ ސަފާރީގެ މުވައްޒަފުންތަކެއް ކަމަށާއި ޓޫރިސްޓަކު ނުފައިބާ ކަމަށެވެ. ސަފާރީއިން ފޭބި މުވައްޒަފުންނާ ކޮންޓެކްޓްވި ފަރާތެއްވާނަމަ އެކަން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގުޅައި އެންގުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.
އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.