ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: އެމްޑީޕީގެ ވޮލިންޓިއަރުންގެ ލިސްޓު އެޗްޕީއޭއަށް ހުށަހަޅައިފި

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިއްހީ ހުރިހާ މަސައްކަތްތެރިންގެ އެހީތެރި ކަަމަށް ސަރުކާރުން ގޮވާލާފައި ވާތީ އެފަދަ ވޮލަންޓިއަރުންގެ ލިސްޓެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުށަހަޅައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަދި ހޭލުންތެރިކަން އުފެއްދުމަށް އެޗްޕީއޭއިން ހިންގާ ހަރަކާތްތަކުގައި އެހީތެރިކަން ބޭނުންވާނަމަ އެމްޑީޕީން އެކަމުގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ބުނެ އެ އެ އެޖެންސީއަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެމްޑީޕީގެ ގޮފިތައް މެދުވެރިކޮށް، ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ވޮލިންޓިއަރުން ހޯދަން ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި ވޮލަންޓިއަރުން ބޭނުންވާ ކަަމަށް ސަރުކާރުން އިއުލާނު ކުރީ އެހެންވެ ކަމަށެވެ. އެހެންކަމުން އެފަދަ ވޮލިންޓިއަރުންގެ ލިސްޓެއް އެމްޑީޕީން އެޗްޕިއޭއަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

"އެކަމަށް އެމްޑީޕީން އިސް ނަގައިގެން، އެމްޑީޕީގެ ފަރާތުން މިހާރު ވަނީ އެމްޑީޕީގެ ލިސްޓެއް... ވޮލަންޓިއަރުންގެ ގޮތުގައި މަަސައްކަތް ކުރާނެ ފަރާތްތަކުގެ ލިސްޓެއް ސަރުކާރަށް އަރުވާފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބި 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓުރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.

ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ސަރުކާރުން ވަނީ ސިއްހީ ހުރިހާ މަސައްކަތްތެރިންގެ އެހީތެރިކަމަށް ގޮވާލާފަ އެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ފިޔަޅުތައް ގެންދަނީ އަޅަމުންނެވެ.