ފަހަކަށް އައިސް އޮލިވް އޮއިލްގެ ޑިމާންޑް ދުނިޔޭގައި ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. ސަބަބެއް ކަމަށް ވަނީ އެ ތެލަކީ ސިއްހަތަށް އެންމެ ފައިދާ ހުރި ތެޔޮ ކަމަށް ބެލެވިގެނެވެ. ވަރަށް ގިނަ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ޒައިތޫނި ތެލަކީ ސިއްހަތަށް ވަރަށް ގިނަ ފައިދާތައް ލިބޭ ތެލެކެވެ. ބަރުދަން ލުއިވުމުގެ އިތުރުން ހާޓް އެޓޭކުން ސަލާމަތް ވުމަށް ވެސް މި ތެޔޮ ކެއުމުގައި ބޭނުން ކުރުން ރަނގަޅު ކަމަށް ވެއެވެ.
އޮލިވް އޮއިލް އަކީ މެޑިޓެރޭނިއަން ޑައެޓްތަކުގައި ވެސް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. މި ވައްތަރުގެ ކެއުމަކީ އެންމެ ސިއްހަތަށް ފައިދާ ހުރި ކެއުމުގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ވެފައިވާ އެއްޗެކެވެ.
އޮލިވް އޮއިލްގެ ތަފާތު ބާވަތްތައް ބާޒާރުން ލިބެން ހުރެ އެވެ. އެކްސްޓްރާ ވާޖިން އޮލިވް އޮއިލް، ވާޖިން އޮލިވް އޮއިލް، ރިފައިންޑް އޮލިވް އޮއިލް އަދި އޮލިވް އޮއިލް ޕޮމޭސް އެވެ. ނަމަވެސް މި ހުރިހާ އެއްޗިއްސަކީ ކެއްކުމަށް އެހާ ރަނގަޅު ތެލެއް ނޫނެވެ.
ބާޒާރުން ލިބެން ހުންނަ ޒައިތޫނިތެލުގެ ތެރެއިން އެކްސްޓްރާ ވާޖިން އޮލިވް އޮއިލް އަކީ ކައްކަން ބޭނުންކުރަން ރަނގަޅު އެއްޗެއް ނޫނެވެ. ޚާއްސަކޮށް މާ ގަދަޔަށް ތެލުލަން ޖެހޭ އެއްޗެތި ތައްޔާރު ކުރުމަށް މި ތެޔޮ ކަމަކު ނުދާނެ އެވެ.
އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ކައްކަން ބޭނުން ކުރުން ރަނގަޅު ނޫނީ މި ތެޔޮ ޕްރޮސެސް ކުރަނީ ޒައިތޫނި ޕްރެސް ކޮށްގެން އަދި ވަރަށް ގިނަ ބައޮއެކްޓިވް ސަބްސްޓެންސް ބޭނުން ކޮށްގެން ކަމަށް ވާތީ އެވެ. އޭގެ ތެރޭގައި ބާރުގަދަ އެންޓިއޮކްސިޑަންޓްސް އާއި ވިޓަމިން އީ ހިމެނެ އެވެ. މި ވައްތަރުގެ ތެލުގައި މި ސަބްސްޓެންސްތައް ހިމެނޭތީ މި ތެޔޮ ކެއުމުގައި ބޭނުން ކުރުމުން ހަށިގަނޑުގައިވާ ސެލްތަކާއި ޓިޝޫތަކަށް ގެއްލުންދޭ ފްރީ ރެޑިކަލްސް އިން ހަށިގަނޑު ސަލާމަތް ކުރެވެ އެވެ. ސެލްތަކާއި ޓިޝޫތަކަށް ގެއްލުން ވުމަކީ ހަށިގަނޑަށް ތަފާތު ބަލިތައް ޖެހެން މެދުވެރިވާ ސަބަބެކެވެ.
މި ތެލުގައި ވަރަށް ގިނަ މިންވަރަކަށް މޮނޮއަންސެޗުރޭޓެޑް ފެޓްސް އަދި ކޮންމެވެސް މިންވަރަކަށް ޕޮލިއަންސެޗުރޭޓެޑް ފެޓީ އެސިޑްސް ހުރެ އެވެ. މިއީ ހިތުގެ ސިއްހަތު ރަނގަޅު ކޮށްދިނުމަށް މުހިއްމު ދައުރެއް ކުޅޭ އެއްޗިއްސެވެ.
ކެއްކުމުގައި އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ބޭނުން ނުކުރެވޭ އެންމެ މައިގަނޑު އެއް ސަބަބަކީ މީގެ ސްމޯކިން ޕޮއިންޓް ދަށް ކަމެވެ. އެކްސްޓްރާ ވާޖިން އޮލިވް އޮއިލްގެ ސްމޯކިން ޕޮއިންޓަކީ 374-405 ޑިގްރީ ފެރެންހައިޓް އެވެ. ކޮންމެ ތެލެއް ވެސް އޭގެ ސްމޯކިން ޕޮއިންޓަށް ވާސިލުވާ އިރަށް އޭތި ހަލާކުވާން ފަށާނެ އެވެ. އެކަމުގެ ސަބަބުން އެ ތެލެއްގައި ހުރި ހުރިހާ ނިއުޓްރިއަންޓްސް އެއް ގެއްލޭނެ އެވެ. އަދި ތެލުގެ ރަހަ ވެސް ކޮންމެވެސް ވަރަކަށް ބަދަލުވާނެ އެވެ.
ގިނަ ގައުމުތަކުގައި އެކްސްޓްރާ ވާޖިން އޮލިވް އޮއިލް އާއްމުކޮށް ބޭނުން ކުރަނީ ސެލެޑް ޑްރެސިން އެއް ގޮތަށެވެ. އުނދުން މައްޗަށް އުނދައިގެން ގަދަ ގިނީގައި ކައްކާ އެއްޗިއްސަކު ނޫނެވެ. މި ތެލު ފިހަން ތައްޔާރުކުރާ އެއްޗިއްސަށް އެޅިދާނެ އެވެ. ނޫނީ ތެޔޮފޮދެއްގައި މަޑުގިނީގައި ކުޑަކޮށް ހަނާކޮށްލާ ތަރުކާރީ ފަދަ އެއްޗެތި ތައްޔާރުކުރަން ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް ގަދަ ގިނީގައި ކައްކާ އެއްޗެތީގައި ބޭނުންކުރުން ރަނގަޅީ އެހެން ވައްތަރުގެ ޒައިތޫނި ތެލެވެ.