މެންޗެސްޓާ ޔުނައިޓެޑް

ފެބްރުއަރީގެ މޮޅު ކުޅުންތެރިޔަކަށް ބުރުނޯ

އިނގިރޭސި ޕްރިމިއާ ލީގްގެ މިދިޔަ މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މެންޗެސްޓާ ޔުނައިޓެޑަށް ޖެނުއަރީ ޓްރާންސްފާގައި ބަދަލުވި، ޕޯޗްގަލްގެ ބުރުނޯ ފެނާންޑޭޒް ހޯދައިފި އެވެ.

ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަންއިން، 55 މިލިއަން ޔޫރޯއަށް ޔުނައިޓަޑަށް ބަދަލުވި މިޑްފީލްޑަރު ވަނީ، ޔުނައިޓެޑްގައި އޭނާ ކުޅުނު ފުރަތަމަ ނުވަ މެޗުގައި ތިން ގޯލް ޖަހައި އިތުރު ހަތަރު ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

އޭނާގެ ފުރަތަމަ މެޗުގައި މިދިޔަ މަހު ވޯލްވްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނީ، ފެނާންޑޭޒްގެ މުހިންމުކަން އެ މެޗުން ވެސް ޓީމަށް އެނގިގެން ދިޔަ ކަމަށެވެ. އޭގެ ފަހުން ޗެލްސީއާ ދެކޮޅަށް 2-0 ޔުނައިޓެޑް މޮޅުވި މެޗުގައި ފެނާންޑޭޒް ވަނީ ލަނޑު ޖަހަން ހެރީ މެގްއާއަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ވަޓްފޯޑް އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ، ލަނޑު ޖަހައި އެސިސްޓް ވެސް ކޮށްދީފަ އެވެ. އޭނާ ވެފައި ވަނީ، ޔުނައިޓެޑްގެ ކުޅުންތެރިންގެ ތެރެއިން މަންތުލީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި 20 ވަނަ ކުޅުންތެރިޔާ އަށެވެ. އަދި 2008 ގެ ފަހުން އެ އެވޯޑް ހޯދި ޕޯޗްގަލްގެ ފުރަތަމަ ކުޅުންތެރިޔާއަކީ ވެސް އޭނާ އެވެ. އެ އަހަރު މަންތުލީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޗެލްސީއަށް ކުރިން ކުޅުނު އެޓޭކިން މިޑްފީލްޑާ ޑެކޯ އެވެ.