ސްޕެއިންގެ ވެލެންސިއާގެ ސްކޮޑުގެ ކުޅުންތެރިންނާއި އޮފިޝަލުން، ކޮވިޑް-19 އަށް ޓެސްޓް ކުރުމުން 35 ޕޮޒިޓިވްވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.
ލަލީގާގެ ހަތް ވަނައިގައި މިވަގުތު އޮތް ކުލަބުގެ، ސީނިއާ ޓީމުގެ ފަސް ކުޅުންތެރިން ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުލަބުން އާންމު ކުރި ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ. އާދީއްތަ ދުވަހު ހެދި ޓެސްޓްތަކުން ވައިރަހަށް ޕޮޒިޓިވް ވި އެ ކުލަބުގެ ސީނިއާ ކުޅުންތެރިންނަކީ، ޑިފެންޑަރު އިޒްކިއުލް ގަރާއީ، ވާތު ބެކް ހޯޒޭ ގަޔާ އާއި އެލިއަކިމް މަންގާލާ އެވެ.
މުޅި ސްކޮޑްގެ މެންބަރުންގެ މެދުގައި ކޮވިޑް-19 ގެ ޓެސްޓްތައް އެ ކުލަބުން ހެއްދީ، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އިޓަލީގެ އެޓަލާންޓާ އާ ދެކޮޅަށް މިދިޔަ މަހު ކުޅުނު ފުރަތަމަ ލެގް މެޗާ ގުޅިގެންނެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީގައި ކުޅުނު މެޗަށް ފަހު، މިދިޔަ ހަފުތާގައި ވެލެންސިއާއިން ވަނީ ދެ ވަނަ ލެގް މެޗު އެ ޓީމުގެ ހޯމް ދަނޑު މަސްޓެލާގައި ސަޕޯޓަރުން ނުވައްދާ ކުޅަފަ އެވެ.
ފުރަތަމަ ލެގް ކުޅުނު މިލާން އަކީ، ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑަށް އޮތް އިޓަލީގެ އެއް ސަރަހައްދެވެ. ކޮވިޑް-19 އާ ގުޅިގެން ސްޕެއިން ލޮކް ޑައުން ކޮށްފައި ވާއިރު އޭގެ ކުރިން ސްޕެއިންގެ ކުޅިވަރު މުބާރާތްތައް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ސްޕެއިންގައި ގާތްގަނޑަކަށް 10،000 މީހުންނަށް ކޮވިޑް-19 ގެ އަސަރު ކުރިއިރު 342 މީހުން ވަނީ މަރުވެފަ އެވެ.