ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްޕެއިން

ސްޕެއިންގެ ކުޅިވަރު ހަރަކާތްތައް ފެށުން މަނާ ކޮށްފި

ސްޕެއިންގެ މައި ސަރުކާރުން، ނާންގަނީސް އެ ގައުމުގައި އެއްވެސް ކުޅިވަރު މުބާރާތެއް އަލުން ނުފަށަން ސްޕެއިނުން އެ ގައުމުގެ ފެޑްރޭޝަންތަކާއި ކުލަބުތަކަށް އަންގައިފި އެވެ.

އިއްޔެ ސްޕެއިންގެ ސަރުކާރުން މިގޮތަށް އެންގީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 ހާލަތު ސްޕެއިންގައި އިތުރަށް ގޯސްވާން ފެށުމުންނެވެ. ޔޫރަޕްގައި މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ދެ ގައުމަކީ އިޓަލީ އާއި ސްޕެއިނެވެ.

ކޮވިޑް-19 ބަލި ފެތުރެމުންދާ ރޭޓް ސްޕެއިގައި ވަނީ 27 ޕަސަންޓް މައްޗަށް ޖެހިފަ އެވެ. އިއްޔެގެ ނިޔަލަށް 440 އާ ގާތް ކުރާ އަދަކަށް ސްޕެއިންގައި ވަނީ މީހުން މަރުވެފަ އެވެ. މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ ގައުމު ވަނީ ލޮކް ޑޮއުން ކޮށްފަ އެވެ.

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އިއްޔެ އަންގާފައި ވަނީ، ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށެވެ. އަދި ލޮކޮޑައުންގެ ހާލަތު ކުޑަކޮށް ވެސް ދަށް ކުރެވޭނީ، މިއަންނަ މަހުގެ 11 ވަނަ ދުވަހުގެ ފަހުން ކަމަށް ވެސް ވަނީ އަންގާފަ އެވެ.

ސްޕެއިންގެ ލަލީގާ ވަނީ މީގެ ދެ ހަފުތާ ކުރިން ހުއްޓާލާފަ އެވެ. ލަލަީގާގައި ވާދަ ކުރާ ތިން ކުލަބެއްގެ ކުޅުންތެރިންނަށް ވައިރަހުގެ އަސަރު ކުރި އެވެ. ލަލީގާ އަލުން ފެށުމުގެ ގޮތުން ވީ އެންމެ އަވަހަކަށް އަލުން ޕްރެކްޓިސް ފެށޭތޯ ބެލުމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ކުލަބުތަކަށް މިދިޔަ ހަފުތާގައި އެންގި އެވެ. ނަމަވެެސް މީހާތަނަށް ސްޕެއިންގެ ހާލަތު ރަނގަޅު ވެފައެއް ނުވެ އެވެ.