ވަރުގަދަ ފައިނަލު މެޗެއް ނުވަތަ ވަރުގަދަ ބޮޑު މުބާރާތެއް ފެށަން ހަމަޖެހިފައިވާ ދުވަހެއް ނޫނެވެ. އެހެން ނަމަވެސް މިއަދަކީ ޔޫރަޕްގެ މުޅި ފުޓްބޯޅަ ތާރީހްގައި އެ ބައްރު ކުރިމަތިލާ ބޮޑު ދުވަހެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ، މިއަހަރަށް 60 އަހަރު ފުރޭ ރަން ޔޫބީލް މުނާސަބަތައް މުޅި ޔޫރަޕް ހޭލައިގަތީ، ދުނިޔޭގައި އެއްފަހަރާ އެންމެ ގިނަ ގައުމުގައި މިހާތަނަށް ހޯސްޓް ކުރާނެ މުބާރާތާ ކުރިމަތި ލުމަށެވެ.
އަހަރުގެ މެދުތެރޭގައި، ޖޫން 12 އިން ޖުލައި 12 އަށް، ޔޫރަޕްގެ 12 ގައުމުގައި ބާއްވާ އެ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ތާވަލު ކޮށްފައިވާ ތާރީހްގައި ކުރިއަށް ގެންދެވިދާނެތޯ އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ. ފެބްރުއަރީ މަހުން ފެށިގެން މި ސުވާލު އުފެދެން ފަށައިފި އެވެ. މުޅި ދުނިޔެ ކުރިމަތިލާފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަން މިހާހިސާބަށް ދާނެ ކަމަށް އެއްވެސް ބަޔަކަށް އަންދާޒާ ކުރެވިފައެއް ވެސް ނެތެވެ. މުޅި ޔޫރަޕްގެ 55 ގައުމުގެ ފުޓްބޯޅައިގެ އެންމެ އިސްވެރިން މިއަދު ބައްދަލު ކުރަނީ، ޔޫރޯގެ ތާރީހް ކުރުމުގެ ވާހަކަތަކަށެވެ.
މިދިޔަ ހުކުރު ދުވަހު، ޔޫއެފާއިން ވަނީ އެ ކޮންފެންޑްރޭޝަންގެ މެންބަރު ގައުމުތަކަށް، މިއަދު ބާއްވަން ހަމަޖެހިފައިވާ ވީޑިއޯ ކޮންފަރެންސަކަށް ދައުވަތު ފޮނުވާފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތައް ވަނީ ލޮކްޑައުން ކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫރޯގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގައުމުތައްވެސް ހިމެނެ އެވެ. މިއަދު ބާއްވާ ބައްދަލުވުމުގައި ޔޫރޯ 2020 ގެ އިތުރުން ޔޫރަޕްގެ އެހެން މުބާރާތްތައް އިތުރަށް ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.
މައުލޫއާ ގުޅޭގޮތުން ދުވަހުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ (ރާއްޖޭ ގަޑިން މެންދުރު ފަހު 2:00 ގަ އެވެ.) އެ ބައްދަލުވުން ކުރިއަށްދާނީ ޔޫއެފާގެ ހެޑްކުއާޓަރާއި ލީގްތަކާއި ކުޅުންތެރިންގެ އެސޯސިއޭޝަންގެ މެދުގަ އެވެ. ދެ ވަނަ ބައްދަލުވުން ފަށާނީ (ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ.) އެ ބައްދަލުވުން ކުރިއަށް ދާނީ ޔޫއެފާގެ 55 މެންބަރު ގައުމުތަކުގެ ފުޓްބޯޅައިގެ އިސްވެރިންގެ މެދުގަ އެވެ. ތިން ވަނަ ބައްދަލުވުމަކީ ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެވެ. ރާއްޖޭގަޑިން ހަވީރު 6:00 ގައި ފަށާ އެ ބައްދަލުވުމުން، ރަސްމީ ނިންމުން ކަނޑައެޅިގެން ދާނެ އެވެ.
ޔޫއެފާއަށް އިތުރު ގޮތެއްނެތް
ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބޯޑަރު ބަންދު ކުރުމާއި ދަތުރު ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. ޔޫއެފާއަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
"ޔޫއެފާއަކަށް އިތުރު ޗޮއިސްއެއް ނެތް،" ޔޫރަޕްގެ ފުޓްބޯޅައިގެ އެގްޒެޓިވް ބޭފުޅަކު ވިދާޅުވި އެވެ. "އަހަރެމެން ޖެހޭނީ ޔޫރޯ އާއި ޗެމްޕިއަންސް ލީގްވެސް ފަސް ކުރަން."
އޭނާ ވިދާޅުވީ، ކާރިޘާގެ ހާލަތުގައި ހުރިހާ އެންމެން އެއްގަލަކަށް އަރަން ޖެހޭ ކަމަށެވެ. އަދި އެ ހާލަތުން މިންޖުވުމަށް އެކުގައި މަސައްކަތް ކޮށް ހާލަތު އާދައިގެ މިނަކަށް ބަދަލުވުމުން އަލުން ފުޓްބޯޅަ ކަލަންޑަރު ތާވާލު ކުރަން ވިސްނާނީ ކަމަށެވެ. އެހެން ބައެއް ފަރާތްތަކުންވެސް ވަނީ، މި ވާހަކައަށް ބާރުދީ ވާހަކަ ދައްކާފަ އެވެ.
އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ އާދިއްތަ ދުވަހު ބުނީ، މިހާލަތުގައި ޔޫރޯ ފަސް ކުރުމާމެދު އޭނާގެ އިއުތިރާޒެއް ނެތް ކަމަށެވެ. އޭގެ ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ގެބްރިއަލޭ ގްރަވީނާ ވިދާޅުވީ، ޔޫރޯ ފަސް ކުުރުމަށް އޭނާ ހުށަހަޅާފައިވާ ކަމަށެވެ.
ފްރާންސް ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ނޯލް ލި ގްރާޓް ވިދާޅުވީ، މައްސަލައާ މެދު ކޮންފެޑްރޭޝަންގެ މެންބަރު ގައުމުތަކުގައިވެސް ހިޔާލުތަފާތު ވުން އެބަހުރި ކަމަށެވެ. އެއީ ކޮންމެ ތަނެއްގައިވެސް އޮންނާނެ ކަމެކެވެ.
"ކުޅެން ބޭނުންވާ ބަޔަކުވެސް އެބަތިބި، ކުޅެން ބޭނުން ނޫން ބަޔަކުވެސް އެބަތިބި،" ފްރާންސްފެ ޓީވީ ޗެނަލް ޓީއެފް ވަންއަށް ދިން އިންޓަވިއުގައި ލި ގްރާޓް ވިދާޅުވި އެވެ. "ކޮންފެޑްރޭޝަންގެ އެބައި ގައުމުތަކުން ބޭނުން ވަނީ ކުޅެން، އަނެއް ބައި ގައުމުތަކުން ކުޅޭކަށް ބޭނުމެއް ނުވޭ، އަންގާރަ ދުވަހު [މިއަދު] ކޮންފެޑްރޭޝަންގެ މެންބަރު ގައުމުތަކުގައި ބަހުސް އޮންނާނެ، ޔޫއެފާގެ ކޮމްޕޮޒިޝަނަކީ ކޮބައިކަން އެއަށް ފަހު އެނގޭނެ."
ޔޫރޯ ފަސް ކުރާނެ ތާރީހަކާ މެދު ދެ ހިޔާލެއް ޔޫއެފާއިން ގެންގުޅެ އެވެ. އެންމެ ފުރަތަމަ ހިޔާލަކީ އަންނަ އަހަރުގެ ޖޫން ޖުލައި އަށް މުބާރާތް ފަސް ކުރުމެވެ. އަނެއް ހިޔާލަކީ މި އހަރުގެ ޑިސެމްބަރަށް ފަސް ކުރުމެވެ. ކޮންމެ ތާރީހަކަށް ފަސް ކުރިއަސް މުޅި ދުނިޔޭގެ ފުޓްބޯޅައަށް އޭގެ އަސަރު ކުރާނެ އެވެ. ޔޫރޯ ފަސް ކޮށްފިނަމަ ފީފާގެ މުބާރާތްތަކާއި ގައުމުތަކުގެ ޑޮމެސްޓިކް ސީޒަނަށް އޭގެ އަސަރު ކުރާނެ އެވެ.، މިހާރުވެސް ޔޫރަޕްގެ ބޮޑެތި ލީގްތައް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މާލީގޮތުން ކުރިމަތި ވާނެ ގެއްލުންވެސް އަދި މާ ބޮޑެވެ. އެންމެ ފަހުގެ ޔޫރޯގައި، މުބާރާތް ބޭއްވި ފްރާންސްގެ އެކިއެކި އިންޑަސްޓްރީތަކުން ބިލިއަން ޔޫރޯގެ ފައިދާ ހޯދި އެވެ. އަދި ޔޫއެފާއަށް ވަންނާނެ ސްޕޮންސާޗިޕް އެއްބަސްވުންތައް ހުއްޓިގެން ދާނެ އެވެ. އޭގެ ސަބަބުން ފުޓްބޯޅައިގެ އެހެން ޕްރޮޖެކްޓަތްކަށްވެސް އަސަރު ކުރާނެ އެވެ.