ލައިފްސްޓައިލް

ބައްޕަގެ ޖަނާޒާގައި ބައިވެރިވީ ވީޑިއޯ މެދުވެރިކޮށް!

ކޮރޯނާވައިރަހުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. އެތައް ހާސް ބަޔެއްގެ ފުރާނަ ގެއްލިފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ. މިގޮތަށް ކަރަންޓީނު ކޮށްފައިވާ ކެރެލާގެ މީހަކަށް އޭނާގެ ބައްޕައާ އެއް ހޮސްޕިޓަލެއްގައި އޮތުމާއެކު ވެސް ބައްޕަގެ މޫނުވެސް ދެކިލުމުގެ ނަސީބު ނުލިބުނެވެ. ބައްޕަގެ ހަށިގަނޑު ހޮސްޕިޓަލުން ނެރެގެން ގެންދިޔަ މަންޒަރު ވެސް އޭނާ ބެލީ ހޮސްޕިޓަލުގެ ކުޑަ ދޮރަކުންނެވެ. އަދި ބައްޕަގެ ޖަނާޒާގެ ކަންތައްތައް ވެސް ބަލަން ޖެހުނީ ޥީޑިއޯ ކޯލް މެދުވެރިކޮށެވެ.

ޕީޓީއައި ގައިވާ މި ރިޕޯޓުގައިވާ ގޮތުން ލީނޯ އަބެލް ކިޔާ 30 އަހަރުގެ މި ޒުވާނާއަކީ ގަތަރުގައި މަސައްކަތްކުރާ މީހެކެވެ. މާޗް 8 ގައި އޭނާ ކެރެލާއަށް އެނބުރި އައީ ބައްޕަ ބަލިވެގެން ބަލިގެ ހާލު ދެކޭށެވެ. އަބެލްގެ ބައްޕަ އޮތީ އެނދުން ވެއްޓިގެން ލިބުނު އަނިޔާތަކަކަށް ފަރުވާ ކުރަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ގަތަރަކީ ވެސް ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ވެފައި އަބެލްގެ ކިބައިން ކެއްސުމާއި އެނޫން ވެސް ރޯގާގެ އަސަރުތައް ފެންނާތީ އިންޑިއާއަށް އާދެވުމާއެކު އޭނާ އަމިއްލައަށް ހެލްތު އޮތޯރިޓީއަށް އެކަން އެނގި އެވެ. އެއާއެކު އޭނާ ހެލްތު އޮތޯރިޓީގެ ފަރާތުން އައިސް އޭނާ ކޮޓޭމްގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގައި އެޑްމިޓް ކުރި އެވެ.

ކަންދިމާކުރި ގޮތުން އަބެލްގެ ބައްޕައަށް ސްޓްރޯކެއް ޖެހި މަރުވީ އެވެ. އަބެލްގެ ބައްޕަ އެޑްމިޓްކޮށްފައި އޮތީ އޭނާ އޮތް ހޮސްޕިޓަލުގައި ނަމަވެސް ކަރަންޓީނު ކޮށްފައިވާތީ ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ދުށުމުގެ ނަސީބު ވެސް އަބެލް އަކަށް ނުލިބުނެވެ.

އަބެލް ލިޔެފައިވާ ފޭސްބުކް ޕޯސްޓެއްގައި އޭނާ ވަނީ މި ހިތްދަތި ތަޖުރިބާ ޝެއާ ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ ކަން ރިޕޯޓް ނުކުރިނަމަ ބައްޕަ މަރުނުވަނީސް ދުށުމުގެ ނަސީބު ލިބުނީހެވެ. އަދި ބައްޕަގެ ޖަނާޒާގައި ވެސް ބައިވެރި ވެވުނީހެވެ. ނަމަވެސް އޭނާ އެކަންތައް އެގޮތަށް ނުކުރީ އޭނާގެ ސަބަބުން އެހެން ބަޔަކަށް ބަލި ޖެހިދާނެ ކަމުގެ ބިރު އޮތީމަ އެވެ.

އަބެލްގެ މި އަމިއްލައެދުމެއް ނެތް ރަނގަޅު އަމަލަށް ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖަޔަން ވެސް ވަނީ ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަބެލް އަށް ދިމާ މިވީ ވަރަށް ހިތްދަތި ތަޖުރިބާ އެކެވެ. އެ ޒުވާނާ ގަތަރުގައި ހުރެފައި އިންޑިޔާއަށް އައީވެސް ބައްޕަ ދެކިލުމަށް ނަމަވެސް ބައްޕަގެ މޫނު ދުށުމުގެ ނަސީބު އޭނާއަށް ނުލިބުނުކަން ޗީފް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ބައްޕަގެ މޫނު ދުށުމުގެ ބަދަލުގައި އޭނާ އިސްކުރީ އިޖްތިމާއީ ގޮތުން އޭނާއަށް އަދާކުރަންޖެހޭ ވާޖިބެއް ކަން ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

އަބެލްގެ ޓެސްޓްގެ ނަތީޖާއައީ އޭނާގެ ބައްޕަގެ ޖަނާޒާ ބޭއްވި ފަހުންނެވެ. އެ ނަތީޖާ ދެއްކީ ނެގެޓީވްކޮށް ކަމަށް ވާތީ އޭނާ މިހާރު ވަނީ އަމިއްލަ ގެއަށް ދިއުމުގެ ހުއްދަ ލިބިގެން ގެޔަށް ގޮހެވެ.