ލައިފްސްޓައިލް

މަރުވި މީހެއްގެ ގުނަވަންތަކުން ތިން މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ

ބިޕިން ރަގޫ ޕްރަދާން އަކީ އިންޑިއާގެ އޮޑިއްޝާގައި ދިރިއުޅުނު 44 އަހަރުގެ މީހެކެވެ. އޭނާއަކީ ފޮތި ވިޔުމުގެ މަސައްކަތް ކުރާ ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާގެ ކުއްލި މަރުން އެހެން ތިން މީހެއްގެ ފުރާނަ ވަނީ ސަލާމަތް ވެފަ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ވެސް ޕްރަދާން ހުރީ ހަމަ ސިއްހަތު ރަނގަޅަށެވެ. އެ ދުވަހު ކުއްލިއަކަށް އޭނާއަށް އުނދަގޫތަކެއް ވާތީ ކޭޕީ ޝަންގްވީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އެވެ.

ސީޓީ ސްކޭނުން ދެއްކީ އޭނާގެ ސިކުނޑިން ލޭ އަންނަމުންދާ ކަމަށެވެ. އެހެންވެ މާޗް 11 ވަނަ ދުވަހު ކިރަން ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ހުކުރު ދުވަހު އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ.
ސިކުނޑި މަރުވެފައިވާ މީހަކު އެ ހޮސްޕިޓަލުގައި އޮތްކަން އެނގުމުން އޯގަން ޑޮނޭޝަން އެންޖީއޯ އަކުން އެ ހޮސްޕިޓަލަށް އައިސް ޕްރަދާންގެ އާއިލާގެ މީހުންނާ ބައްދަލުކޮށް ގުނަވަންތައް ހަދިޔާކުރުމާބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.
ޕްރަދާންގެ އާއިލާއިން ވެސް އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާ ކޮށްގެން އެހެން ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނަމަ އެކަން ކުރަން ތިބީ ތައްޔާރަށެވެ. އެހެންވެ ވަގުތުން ޕްރަދާންގެ ދެ ކިޑްނީ އާއި ލިވާ އަދި ހިތާއި ދެ ލޯ ވެސް ނެގި އެވެ.

އޭނާގެ ދެ ކިޑްނީ އާއި ލިވާ ނަގައިގެން ގެންދަން ޖެހުނީ 259 ކިލޯ މީޓަރު ދުރުގައިވާ އަހުމަދު އާބާދުގައި ހުރި ހޮސްޕިޓަލަކަށެވެ. މި ގުނަވަންތައް ގެންދިއުމަށް ޚާއްސަކުރި އެމްބިއުލެންސް ދަތުރު ކުރުމަށް ޕޮލިހުން ޚާއްސަ ގްރީން ކޮރިޑޯއެއް ކަނޑައަޅައި ވީހާވެސް އަވަހަކަށް އެ ގުނަވަންތައް ހޮސްޕިޓަލާ ހަމައަށް ފޯރުކޮށް ދެވޭނެ މަގު ފަހިކޮށްދިނެވެ.

ޕްރަދާންގެ ދެ ކިޑްނީ ޓްރާންސްޕްލާންޓް ކުރީ 46 އަހަރުގެ އަންހެނެއްގެ އެވެ. ލިވާ ޓްރާންސްޕްލާންޓް ކުރީ 50 އަހަރުގެ ފިރިހެނެއްގެ އެވެ. އޭނާގެ ހިތް އަދި ގެންދަން ޖެހުނީ ޗާޓަރު ފްލައިޓެއްގައި މާ ދުރުގައި ހުރި އެހެން ހޮސްޕިޓަލަކަށެވެ. އެތަނުން ހިތުގެ ޓްރާންސްޕްލާންޓް ހެދީ 56 އަހަރުގެ އަންހެނެއްގެ އެވެ. އެ މީހާ އަކީ ހިތުގެ މައްސަލައެއްގައި ވަރަށް ގިނަ އަހަރު ތަކެއް ވަންދެން ވަރަށް ވޭނުގައި އުޅެފައިވާ މީހެކެވެ.

ޕްރަދާންގެ އާއިލާގައި ތިބީ އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިންނެވެ. މި އާއިލާ ފަގީރުކަމުން އެހެން މީހަކަށް އެހީތެރިވެވޭނެ ފެންވަރެއް އެމީހުންގެ ކިބަޔަކު ނެތެވެ. ނަމަވެސް ގުނަވަންތައް ހަދިޔާކޮށްގެން އެހެން ބައެއްގެ ފުރާނަ ސަލާމަތް ކޮށްދެވުނީތީ އެމީހުން ތިބީ އުފަލުންނެވެ.