ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުތަކުން މުވައްޒަފުން ކަނޑާތީ ނަޝީދު ކަންބޮޑުވެއްޖެ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާއި ގުޅިގެން ރިސޯޓު ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ރިސޯޓުތަކުން ޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އަދި ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 855 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ރިސޯޓުތަކުގެ އާމްދަނީ މިހާތަނަށް ދަށަށް ދިޔައީ 15 ވަރަކަށް ދުވަހުގައި ކަމަށާއި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނޯޕޭ ލީވްއެއްގައި ބަހައްޓާ ހިސާބަށް ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަކި ރިސޯޓު ވިޔަފާރިއެއްގެ ނަން ނަޝީދު ފާހަގަ ނުކުރެއްވި ނަމަވެސް، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ރިސޯޓުތަކުގެ ތެރެއިން ޕެރެޑައިސް ރިސޯޓު ފިޔަވައި އެހެން ރިސޯޓުތައް ބަންދުކޮށް، އެއިން ގިނަ މުވައްޒަފުންނަށް ނޯޕޭ ލީވްއެއް ނަގަން ވަނީ އަންގައިފަ އެވެ. ގާސިމަކީ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ވެސް މެ އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެއަށް ޓުރިސްޓުން އަންނަ މިންވަރު ދަށްވެ، ކުރިއަށް އޮތް ތަނުގައި ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާ ވެސް ދަށްވަމުން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އާމްދަނީ ދަށްނުވާ ވަރަށް ހަރަދު ކުޑަ ކުރުމާއި، މުވައްޒަފުންނަށް އޭގެ ދަތިކަން ލިބޭ ގޮތަށް އަމަލު ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ވަގުތު [އާމްދަނީ] ދަށަށް ގޮސްފި ކަމަށް ވިދާޅުވެ މުވައްޒަފުންނަށް ދަތި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅަކު ކަން ކުރައްވާނެ ގޮތެއް ނޫން، މި ފަހަރު ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިންގެ އަމިއްލަ ފައިދާ އިގްތިސާދަށް ގެންނަވައި އަމިއްލަ މުވައްޒަފުންނަށް [ފައިދާއިން] މުސާރަ ދިނުމަކީ މި ވަގުތަށް ކުރަން އެންމެ ރަނގަޅު ގޮތް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. އެހެންކަމުން ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ބައެއް ގައުމުތަކުން ވެސް މީހުން އައުން މި ވަގުތަށް ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ލިބޭނެ ބޭރުގެ ފައިސާގެ ތެރެއިން 135.9 މިލިއަން ޑޮލަރާއި 446.6 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.