ރާއްޖެ ކުޅިވަރު

ގައުމީ ޓީމުތަކަށް ކުޅުންތެރިން ވަޒީފާ އިން ވީއްލުމަށް އޮތް ދަތިތައް ހައްލުކުރާނަން: ރައީސް

ރާއްޖޭން ބޭރުގައި އޮންނަ ކުޅިވަރު މުބާރާތްތަކުގައި ވާދަކުރާ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ވަޒީފާ އިން ވީއްލުމަށް މިހާރު އޮތް ދަތިތަކަށް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދެއްވައިފި އެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުން އިފްތިތާހުކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭން ބޭރުގައި އޮންނަ ކުޅިވަރު މުބާރާތުގައި ގައުމު ތަމްސީލްކުރަން ދާ ބައެއް ކުޅުންތެރިން ވަޒީފާތަކުން ވީއްލުމުގައި ދަތިތަކެއް ހުރިކަން އެނގިފައިވާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ދެން އޮތް ދައުރުގައި އެ މައްސަލަތައް ހައްލެއް ހޯދައިދޭން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުޅިވަރާ ބެހޭ ގާނޫން އެކަށަ އެޅުމުގެ، ނުވަތަ ޑްރާފްޓްކުރުމުގެ މަސައްކަތް މިހާރު އެބަ ހިނގަމުންދޭ. މީގެ ތެރޭގައި އަޅުގަނޑުމެން ހައްލުތަކެއް ހޯދާނަން. އަދި އިރާދަކުރެއްވިއްޔާ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ސިވިލް ސާވިސް އަށް އަންނަ އިސްލާހުތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެން މިކަން ހިމެނޭތޯ ބަލާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަދި މި ކުދިން ވީއްލުމާއި، އަދި ދިވެހިރާއްޖެ ތަމްސީލްކުރަން ރާއްޖޭން ބޭރުގައި މި ކުދިން ހޭދަކުރާ ވަގުތުތަކަކީ އެ ކުދިންގެ ޗުއްޓީގެ ގޮތުގައި ވެސް ބެލިގެން ނުވާނެ. އަދި އެ ކުދިންގެ މުސާރައިން ވެސް ކެނޑޭ ކަމެއްގެ ގޮތުގައި ބެލެވިގެންނުވާނެ. އެހެންވީމަ މިކަންކަން އިރާދަކުރެއްވިއްޔާ މި އަންނަ ދައުރުގައި ހަމަޖައްސަން ސަރުކާރުން މަސައްކަތްކުރާނަން،"