ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

މި އަހަރު ޖޫން ޖުލައި ގައި ބޭއްވުމަށް، ތާވާލު ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް، ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ފަސް ކޮށްފި އެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާއިން އެކަމާ ބެހޭގޮތުން ރަސްމީ އިއުލާން އަދި މިހާތަނަށް ކޮށްފައި ނުވި ނަމަވެސް، ޔޫއެފާގެ 55 މެންބަރު ފުޓްބޯޅަ އިދާރާގެ ބައްދަލުވުމުގައި ތަމްސީލު ކުރި ނޯވޭގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ޔޫރޯ ބޭއްވުމަށް ރީ ޝެޑިއުލް ކޮށްފައިވާ ކަމަށް ހާމަކޮށްފަ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި، ޔޫއެފާގެ މެންބަރު ގައުމުތަކުގެ ބައްދަލުވުން މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށްދަނީ ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެވެ. ޔޫއެފާއިން ރަސްމީކޮށް އެކަން އިއުލާން ކުރަނީ އެ ބައްދަލުވުމަށް ފަހު އެވެ.

ޔޫރަޕިއަން ޝެމްޕިއަންޝިޕް، މި އަހަރަށް ތާވަލު ކުރީ ޖޫން 12 އިން ޖުލައި 12 އަށެވެ. މުބާރާތް ކުރިއަށްދާނީ ޔޫރަޕްގެ 12 ގައުމުގެ 12 ސިޓީއެއްގަ އެވެ. މިއަދުގެ ބައްދަލުވުމުގައި މިހާރު މެދުކަނޑާލަފައިވާ ޔޫރަޕްގެ ކުލަބު މުބާރާތްތައް ނިންމުމަށް ސީޒަންގެ ވަގުތު އިތުރުކުރުމަށްވެސް ނިންމި އެވެ.

ޔޫރޯ ޕޯސްޕޯންޑް ކުރުމުން އިތުރު މައްސަލައެއް ކުރިމަތި ވެއެވެ. އަންނަ އަހަރަކީ ޔޫރޯ ވިމެން ޗެމްޕިއަންޝިޕް ބާއްވަން އޮތް އަހަރެވެ. އިންގްލެންޑްގައި ބާއްވާ އެ މުބާރާތް ތާވަލު ކޮށްފައި ވަނީ، އަންނަ އަހަރު ޖުލައި ހަތަކުން އޯގަސްޓް އެކަކަށެވެ. ފުށުއެރުމެއް އަތުވެދާނެ ކަމަށް ބެލެވޭ ހިސާބަކީ، ޔޫރޯގެ ސެމީ ފައިނަލު ދެ މެޗާއި ފައިނަލް މެޗު އިންގެލެންޑްގެ ވެރިރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެން ހަމަޖައްސައިފައި ވުމުންނެވެ.

ޔޫރޯ، ފަސް ކުރުމުން މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ޔޫއެފާ އާއި މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ސްޓޭޓްތަކަށް ކުރިމަތި ވާނެ އެވެ. މުބާރާތުގެ ބައެއް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޑެންމާކުގެ ވެރިރަށް ކޯޕެންހޭންގަންގައި ހުންނަ އައިޕީއެޗް ހޮޓެލްސްއިން ބުނެފައި ވަނީ ޖޫން ޖުލައިގައި ބޭނުން ކުރުމަށް ޔޫއެފާއިން 70 ރޯމް ބުކް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މީގެ އެއް ހަފުތާ ކުރިން ބްކިންތައް ކެންސަލް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.