އޮފްބީޓް

ސެނިޓައިޒާ ފުޅިތަކެއް އަގުބޮޑުކޮށް ވިއްކަން އުޅެނިކޮށް ލަނޑެއް

އެއްބަނޑު އެއްބަފާ ދެބެން ވެގެން 17،700 ހޭންޑް ސެނިޓައިޒާ ފުޅި ގަތެވެ. އަދި އަގުބޮޑުކޮށް މި އެއްޗެތި އޮންލައިންކޮށް ވިއްކަން މަސައްކަތް ފެށި އެވެ. ނަމަވެސް މި މީހުންނަށް މާ ގިނަ ފުޅި ނުވިއްކިގެން އުޅެނިކޮށް މިފަދަ ކަމެއް ބަޔަކު ކުރާ ކަމަށް ބުނެ ނިއުޔޯކް ޓައިމްސްގައި ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން ގިނަ ބަޔަކު މިކަމަށް ހޭލުންތެރިވި އެވެ. އަދި މި ދެބެންނާ ވެސް އިންޓަނެޓުގައި ބަޔަކު ދިމާކޮށްލައި މަލާމާތްކޮށް ފާޑު ކިޔަން ފެށި އެވެ.

މެޓް އެންޑް ނޯހް ކޮލްވިން އަކީ ޓެނެސީގެ ރަށްވެހިންނެވެ. މި ދެބެން ތިން ދުވަސް މަތިން އެމެރިކާގެ ތިން ސްޓޭޓަކަށް ދުއްވައިގެން ހޭންޑް ސެނިޓައިޒާގެ ގިނަ އަދަދެއްގެ ފުޅި ގަތެވެ. މި ދެބެން މި އެއްޗެތި ހޯދީ އެމެރިކާގައި ކޮވިޑް-19ގެ ސަބަބުން މީހަކު މަރުވެއްޖެކަން މާޗް 1 ގައި އިއުލާން ކުރުމުން ހޭންޑް ސެނިޓައިޒާ ފަދަ ތަކެތީގެ ޑިމާންޑް ވަރަށް ބޮޑުވާނެކަން ޔަގީން ވާތީ އެވެ.

އެމީހުން މި އެއްޗެތި އަގުބޮޑުކޮށް ވިއްކަން އެމެޒޯންގައި ޖެހި އެވެ. އެއާއެކު ވަގުތުން މީހުން ހޭންޑް ސެނިޓައިޒާ ފުޅިތައް ގަންނަން ފަށައި މި ދެބެންނަށް ފައިދާ ލިބެން ފެށި އެވެ. ނަމަވެސް މާ ގިނައިރެއް ނުވެ އޮންލައިން ރީޓެއިލް ޕްލެޓްފޯމަށް މިގޮތަށް އެއްޗެތި ގަނެ އަގުބޮޑުވިއްކާކަން އެނގިގެން ހޭންޑް ސެނިޓައިޒާ، ފޭސް މާސްކް އަދި އެންޓި-ބެކްޓީރިއަލް ވައިޕްސް އަގުބޮޑުކޮށް ވިއްކާ ހުރިހާ އެކައުންޓްތަކެއް ސަސްޕެންޑް ކުރި އެވެ.

މި ދެބެން އަގުބޮޑުކޮށް އެއްޗެތި ވިއްކާތީ އިންޓަނެޓުގައި ގިނަ ބަޔަކު މި މީހުންނާ ދިމާކޮށްލި އެވެ. މީހުން މަލާމާތްކޮށް އެއްޗެތި ކިޔަން ފެށުމުން މެޓް ވަނީ އޭނާ ދިރިއުޅޭ ސްޓޭޓްގައި ތިބި ހޭންޑް ސެނިޓައިޒާ ބޭނުންވެގެން އުޅޭ މީހުންނަށް އެމީހުން ގަނެފައިވާ ހުރިހާ ފުޅިތައް ހިލޭ ހަދިޔާ ކޮށްފަ އެވެ.

މެޓް އަށާއި އޭނާގެ ބޭބެ އަށް ވަރަށް ގިނަ އިންޒާރުތަކާއި ރުޅިއައިސްގެން މީހުން ފޮނުވި މެއިލްތައް ވެސް ވަނީ ލިބިފަ އެވެ. އޭނާ ފަހުން ބުނި ގޮތުގައި މި އެއްޗެތި ގަނެގެން ވިއްކަން މަސައްކަތްކުރިއިރު މިއީ ކިހާ ގޯސް ކަމެއް ކަން އޭނާއަކަށް ނުވިސްނެ އެވެ. ކޮންމެއަކަށް ފަހުން ނިއުޔޯކް ޓައިމްސްގައި ޖެހި އާޓިކަލަކަށް މެޓް މައުލޫމާތު ދެމުން ބުނީ އޭނާގެ މަގްސަދަކީ މީހުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އެއްޗެއް ގިނަ އަދަދަކަށް ގަނެ ފޮރުވައިގެން އަގުބޮޑުކޮށް ވިއްކުން ނޫން ކަމަށާއި އެކަމުގައި ހުރި ގޯސްކަން ނުވިސްނޭތީ އޭނާއަށް އެކަން ކުރެވުނީ ކަމަށެވެ.