މާބޮޑަށް ސްޓްރެސްވާ މީހުން ވަރަށް ސަމާލުވެ އެކަމާ ދުރުވާން މަސައްކަތް ކުރަން ޖެހެ އެވެ. ސައިންސްވެރިންގެ ހޯދުމެއް ދައްކާ ގޮތުގައި މީހާގެ އުމުރު ކުރުވުމާ ސްޓްރެސް އާ ގުޅުމެއް ވެއެވެ. އުމުރު ކުރުވަނީ ހަމައެކަނި ލައިފްސްޓައިލް ގެންގުޅޭ ގޮތުން އެކަނި ނޫން ކަމަށާއި ސްޓްރެސް ވެސް މިކަމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ޖާނަލް ބީއެމްޖީ އޯޕަންގައިވާ މި ދިރާސާ ބިނާ ކޮށްފައިވަނީ ފިނިޝް ނެޝެނަލް ފިންރިސްކް ސްޓަޑީގެ މައްޗަށެވެ. މިއީ އުމުރުން 24 އަހަރާއި 74 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންތަކެއްގެ މެދުގައި 1987-2007 އަށް ކުރިޔަށް ގެންދިޔަ ދިރާސާއަކަށް އެއްކޮށްފައިވާ މައުލޫމާތު ތަކެކެވެ. މި މައުލޫމާތުތައް ހޯދާފައިވަނީ މި މީހުންނާ ކުރި ސުވާލު ތަކަކާއި މި މީހުންގެ ހާލަތު ހުރި ގޮތް މިނެގެންނެވެ. މީގެ ތެރެއިން މަރުވި މީހުން މަރުވި ސަބަބުތައް 2014 އާ ހަމަޔަށް ބަލަމުން ގެންދިޔަ އެވެ.
މި މީހުންގެ ވަރަށް ގިނަ ރިސްކް ފެކްޓާތައް ސައިންސްވެރިން މި ހޯދުމުގައި ބެލި އެވެ. އޭގެ ތެރޭގައި ލައިފްސްޓައިލް އާ ގުޅުން ހުރި ކަންތައްތަކާއި އަންހެނުންނާއި ފިރިހެނުންގެ އުމުރުގެ ދިގުމިން ހިމެނެ އެވެ.
މީގެ ކުރިން މީހުންގެ އުމުރުގެ ދިގުމިން ބަލާފައިވަނީ އެމީހާގެ އުމުރާއި ޖިންސު އަދި ތައުލީމީ މިންވަރަށް ބިނާކޮށެވެ. ނަމަވެސް މިފަހަރުގެ ދިރާސާގައި ސައިންސްވެރިން ވަނީ މިއަށް ވުރެ އިތުރު ގިނަ ކަންތައްތަކެއްގެ ސަބަބުން ނި މީހުންގެ އުމުރު ދިގުވުން އަދި ކުރުވާން ދިމާވި ސަބަބުތައް ހޯދާފަ އެވެ.
މި ހޯދުމުން ހާމަވެފައިވާ ގޮތުގައި 30 އަހަރުގެ ފިރިހެނުންގެ އުމުރު ކުރުވެ މި އުމުރުގައި އާއްމުކޮށް މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރުބަލީގެ ސަބަބުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން އުމުރުގެ 6.6 އަހަރު ކުރުވާއިރު ހަކުރުބަލީގެ ސަބަބުން 6.5 އަހަރު ކުރުވާ ކަމަށް މި ހޯދުމަށް ފަހު ސައިންސްވެރިން ފާޙަގަ ކުރި އެވެ. އަދި މާ ބޮޑަށް ސްޓްރެސްގައި އުޅޭ މީހުންގެ އުމުރުން 2.8 އަހަރު ކުރުވާކަމަށް ވެސް މި ސްޓަޑީގައި ބަޔާން ކޮށްފައި ވެއެވެ.
މި ރިސާޗްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކަސްރަތު ކުރުން މަދުވުމަކީ 30 އަހަރުގެ ފިރިހެނެއްގެ އުމުރުން 2.4 އަހަރު ކުރުވާ ކަމެކެވެ.
އަނެއްކޮޅުން ގިނައިން ތަރުކާރީ އާއި މޭވާ ކެއުމަކީ އުމުރު ދިގުވާ ކަމެއް ކަން ވެސް މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން މޭވާ ގިނައިން ކާ މީހުންގެ ލައިފް އެކްސްޕެކްޓެންސީ 1.4 އަހަރު އިތުރުވެ އެވެ. އަދި ތަރުކާރީ ގިނައިން ކާ މީހުންގެ 0.9 އަހަރު އިތުރުވެ އެވެ. އަދި މިއީ އަންހެނުން އަދި ފިރިހެނުންނަށް ވެސް އެއްވަރަކަށް އެއްގޮތަކަށް އަސަރުކުރާ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ ތެރެއިން ތިރީސް އަހަރުގެ އަންހެނުންގެ ލައިފް އެކްސްޕެކްޓެންސީ 5.5 އަހަރު މަދުވާއިރު ހަކުރުބަލީގެ ސަބަބުން 5.3 އަހަރު މަދުވެ އެވެ. އަދި ސްޓްރެސް މާ ބޮޑުވުމުން 2.3 އަހަރު އެމީހާގެ ލައިފް އެކްސްޕެކްޓެންސީން މަދުވެ އެވެ.