ކުޅިވަރު

ސްޕެއިންގެ އެފްއޭއާ ލަލީގާގެ ހިޔާލު ތަފާތު ވެއްޖެ

ސްޕެއިންގެ އެންމެ ޓޮޕް ދެ ޑިވިޝަންގެ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިން، ކޮވިޑް-19 އަށް ޕޮޒިޓިވް ވިތޯ ޓެސްޓް ހެދުމަށް ލަލީގާ އެސޯސިއޭޝަނުން އިއުލާން ކުރުމުން، ސަޕެއިންގެ ރޯޔަލް ފުޓްބޯޅަ ފެޑްރޭޝަނުން އެކަމަށް ފާޑު ކިޔައިފި އެވެ.

ސްޕެއިން ފެޑްރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ވަނީ، ލީގް ހުއްޓާލުމުގެ ވާހަކަތައް ދެކެވެމުންދާތީ އެކަމާ ދެކޮޅު ހަދާފަ އެވެ. ލަލީގާ އެސޯސިއޭޝަނުން ގެންގުޅޭ ވިސްނުމަކީ ލީގް ނުކުޅެވޭ ހާލަތަކަށް، ކާރިޘާގެ ހާލަތު ދާ ނަމަ ލީގް ހުއްޓާލު މަށެވެ. ރުބިއަލެސް ވިދާޅުވީ ޖޫން 30 ގެ ފަހުން ލީގް ނުނިމޭނެ ކަމަށް ބެލެވޭނަމަ ސްޓޭޑިއަމް ބަންދުކޮށްގެންވެސް މެއި މަހު ލީގް މެޗުތައް ކުޅެން ޖެހޭނެ ކަމަށެވެ.

ސްޕެއިންގެ 11،178 މީހުންނަށް ވައިރަހުގެ އަސަރު ކުރި އެވެ. އިއްޔެގެ ނިޔަލަށް 491 މީހުން ވަނީ މަރުވެފަ އެވެ. ލަލީގާގެ ތިން ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން މި ހަފުތާ ކުރީ ކޮޅު ރިޕޯޓް ކުރި އެވެ. މިއަދު އެސްޕަންޔޯލްއިން ވަނީ ކޮރޯނާ ވައިރަހުގެ ހަ ކޭސްއެއް ރިޕޯޓް ކޯށްފަ އެވެ. ދެ ވަނަ ޑިވިޝަނުން އެލްޗޭގެ ފޯވަޑް ޖޮނަތަސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ބައެއް ކުލަބުތަކުން ވަނީ އަމިއްލައަށް އިސްނަގައިގެން ކުޅުންތެރިން ޓެސްޓް ކޮށްފަ އެވެ. އޭގެ ފަހުން ލަލީގާއިން ވަނީ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ޓީމުތަކުގެ ހުރިހާ ކުޅުންތެރިން ޓެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ. އެއީ 42 ޓީމެވެ.

"އަހަންނަށް ހީނުވޭ އެއީ ޒިންމާދާރު ކަމެއް ހެނެއް، މާބޮޑަށް އުނދަގޫ ހާލަތުގައި ތިބި މީހުން އެބަތިބި، އެ މީހުންގެ ޓެސްޓްތައް ހެދުން މަގުފަހި ކުރިއްޔާ މާ ރަނގަޅު ވާނެ،" ރުބިއަލެސް ވިދާޅުވިވެ. "އެކަމަށް މާބޮޑަށް ބޭނުންވާ މީހުން އެބަތިބި."

ލީގް ހުއްޓާލުމުން މާލީ ގޮތުން ކުރިމަތިވާނެ ބޮޑު ގެއްލުމުން ސަލާމަތް ވުމަށްވެސް ލީގް ފުރިހަމަކޮށް ނިންމާލަން ޖެހޭނެ ކަމަށް ރުބިއަލެސް ވިދާޅުވި އެވެ. ލަލީގާއިން އަންދާޒާ ކޮށްފައި ވަނީ ލީގް ހުއްޓާލައިފިނަމަ 700 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށެވެ.

"ބައެއް ކުލަބުތައް އެބަހުރި ލަލީގާއިން ލިބޭ ސްބްސިޑީޒްއަށް ބަރޯސާވެގެން ތިބޭ ކުލަބުތައް، އެފަދަ ކުލަބުތައް ސަލާމަތް ކުރުމަށްޓަކައި ލީގް ފުރިހަމަ ކޮށް ނިންމާލަން ޖެހޭ،" ރުބިއަލެސް ވިދާޅުވި އެވެ. "އެ ކުލަބުތަކަށް ލިބެންޖެހޭ ސްބްސިޑީން އެންމެ ޕެނީއެއްވެސް އުނި ނުވެ ދެވޭނެ ގޮތަކަށް ވިސްނަން ޖެހޭ."