ލައިފްސްޓައިލް

މީހަކު ބަބްލް ރެޕްކޮށް ތުރުކީން ޑިޕޯޓް ކޮށްލައިފި

ކެމެރޫން މީހަކު ފޭކް ޕާސްޕޯޓެއްގައި ތުރުކީއަށް އެތެރެވާން އުޅުމުން ތުރުކީގެ އިމިގްރޭޝަން އޮފިސަރުން އެމީހާ ބަބްލް ރެޕް ކުރުމަށްފަހު ޑިޕޯޓްކޮށްލި ހާދިސާއެއް މިދިޔަ މަހު ވަނީ ހިނގާފަ އެވެ. މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު އޮފިޝަލުން އެމީހާގެ ގައިގައި ގަދަކަމުން ހިފައިގަނެ އޭނާގެ ބޮލުން ފެށިގެން ފަޔަށް ބަބްލް ރެޕް އޮޅާތަން މި ވީޑިއޯގައި ފެނެ އެވެ.

ދަ ޓެލެގްރާފްގައިވާ މި ޚަބަރު ބުނާ ގޮތުގައި މިއީ އެމަނުއަލް ޗެޑްޖޯ ކިޔާ 47 އަހަރުގެ މީހެކެވެ. ކެމެރޫންގެ ވިޔަފާރި ކެޕިޓަލް ދުއާލާގައި ބޫޓު ވިއްކުމުގެ ވިޔަފާރިކުރާ މި މީހާ ހައްޔަރުކޮށް އޭނާގެ ގައިގައި ބަބްލް ރެޕް އޮޅާއިރު އެމީހާ ހަޅޭއްލަވަމުން އެތާ ތިބި ފަސިންޖަރުން ކައިރީ އެހީއަށް އެދެމުންދާތަން ފެނެ އެވެ. ނަމަވެސް ޕްލާސްޓިކް ފަށަލަތަކަކުން އެމީހާގެ އަތާއި ފައި ބަނދެވިފައިވާތީ އެމީހާއަކަށް އަމިއްލައަކަށް މާ ބޮޑު ހަރަކާތެއް ނުކުރެވެ އެވެ.

"އެމީހުން ބޭނުންވަނީ އަހަރެން މަރާލަން،" މިހެން އެމީހާ ބުނާ އަޑު މި ވީޑިއޯ އިން އިވެ އެވެ. އެމީހާ ބުނި ގޮތުގައި އެމީހުން އޭނާ އަނބުރާ މަތިންދާބޯޓަށް އެރުވީ ބަންދުކޮށްފައިވާ ފޮށިގަނޑެއް އަރުވާ ގޮތަށެވެ. އަދި އޭނާއަށް ނޭވާ ވެސް ނުލެވޭ ވަރަށް ބަބްލް ރެޕް އޮޅާފައި ހުރި ކަމަށް 'ދަ ޓެލެގްރާފް' އަށް ފަހުން ފޯނުން ދީފައިވާ އިންޓަވިއު އެއްގައި އެމަނުއަލް ބުނެފައި ވެއެވެ.

މެއިލް އޮންލައިން ބުނާ ގޮތުން އެމީހާ ވިޔަފާރި ދަތުރެއްގައި އުޅެމުން އިސްތަންބޫލް އެއާޕޯޓުގައި އަށް ގަޑިއިރު މަޑުކުރަން ޖެހޭތޯ އެއާޕޯޓުން ބޭރަށް ނުކުންނަން އުޅުނީ ކުޑަކޮށް ވައިޖައްސާލުމަށެވެ. ޕާސްޕޯޓް ކޮންޓްރޯލުން އޭނާގެ ޓްރާންސިޓް ވިސާ ފޭކް ކަމަށް ބުނެ ހައްޔަރު ކުރީ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމީހާ މުދާތަކެއް ގަންނަން ޑުބާއީއަށް ދިއުމަށް ޓީކެޓް ގަތީ ކެމެރޫންގެ ޓްރެވަލް އެޖެންސީ އަކުންނެވެ. ނަމަވެސް އިސްތަންބޫލް އެއާޕޯޓުން އެމީހާގެ ވިސާ ރަނގަޅު ނޫންކަމަށް ބުނެ ހައްޔަރުކުރީ އެވެ. ހައްޔަރުކޮށްފައި ހުރިއިރު އޮފިޝަލުން އޭނާގެ ގައިން ލޭ އޮހޮރެންދެން އަނިޔާޚުރި ކަމަށް އެމީހާ ބުންޏެވެ.

އޭނާ ބުނީ ފޮށިތައް ބަންދުކުރަން ހުންނަ ޕްލާސްޓިކް ރެޕް އޭނާގެ ގައިގައި އޮޅީ އެވެ. އޭނާ ބޭނުމީ ޑުބާއީ އަށް ދާން ފުރަން އޮތް ބޯޓަށް އަރަން ކަމަށް ބުނުމުން ވެސް އެ އަޑު ނާހާ އޭނާ ފޮނުވާލާފައިވަނީ އަނބުރާ ކެމަރޫން އަށެވެ.
އެމަނުއަލް އަށް ކުރި ހުރިހާ ކަމެއް ވީޑިއޯކުރީ އޭނާއާއެކު އެ ދަތުރުގައި ބައިވެރިވި އޭނާގެ އަންހެނުންނެވެ.