ވިޔަފާރި

އަންހެނުން ބާރުވެރި ކުރުވާނެ އެންމެ ރަނގަޅު ހިޔާލަކަށް އުރީދޫ އިން 50،000ރ. ދެނީ

Sep 9, 2015

"ކަނެކްޓެޑް ވިމެން ޕްރޮގްރާމް" ގެ ދަށުން "ސްމާޓް އައިޑިއާސް ފޯ ވިމެން" ގެ ނަމުގައި 50،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޗެލެންޖެއް އުރީދޫ އިން ފަށައިފި އެވެ.

"ވުމެން އޮން ބޯޑް" ޖަމްއިއްޔާއާ ގުޅިގެން އުރީދޫއިން ކުރިއަށް ގެންދާ އެ ޗެލެންްޖަކީ ދިވެހި އަންހެނުންނަށްނަށް މުޖުތަމައުގައި ދިމާވާ މައްސަލަތަކަށް ޓެކްނޮލޮޖީގެ އެހީގައި ހޯދިދާނެ ހައްލުތައް ހިއްސާކުރުމެވެ. އެންމެ ފުރިހަމަ ހިޔާލު ހުށަހަޅާ ފަރާތަކަށް އެ ހިޔާލު ހަގީގަތަކަށް ހަދައި ދިނުމަށް އުރީދޫގެ ފަރާތުން 50،000ރ. ގެ ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި އަންހެނުންނަށް އެންމެ އިސް ސަފުގައި މަސައްކަތްކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫ އިން ކުރިއަށް ގެންދާ މި ޗެލެންޖުގައި ބައިވެރިވުމަށް ހިޔާލު ހުށަހަޅަން ޖެހެނީ މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން، އުރީދޫގެ ވެބްސައިޓް މެދުވެރިކޮށެވެ. އެންމެ ރަނގަޅު ހިޔާލުތައް ޝޯޓް ލިސްޓު ކުރުމަށްފަހު އެ ހިޔާލުތައް ޖަޖުންގެ ޕެނަލަށް ހުށަހެޅޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އޭގެ ތެރެއިން އަންހެނުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ހިޔާލެއް ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެ އެވެ.

"އިރާގް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި އަންހެންބޭފުޅުންނަށް ހާއްސަކޮށްގެން އުރީދޫން ތައާރަފްކޮށްފައިވާ ބައެއް ހިދުމަތްތައް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވިފައި. މިގޮތުން އަޅުގަނޑުމެން މަސައްކަތް ކުރާނީ އުރީދޫ މާކެޓް ތަކުގައި އިންސާނުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުންދާ މިފަދަ ހިދުމަތްތައް ރާއްޖޭގައިވެސް ތައާރަފްކޮށް، ދިވެހި އަންހެނުންނަށް ކުރިއެރުމުގެ ތަފާތު ފުރުސަތުތައް ފޮރުކޮށްދިނުމަށް،" އުރީދުގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.