ހިކިކޮށް ތިބޭ މީހުން ކާން ނަގަނީ ކިހާ އިރެއް ކަން ފާހަގަ ކުރެވިފައިވޭ ހެއްޔެވެ؟ އާއިލާގައި ތިބޭ އެންމެ ލަހުން ކެވޭ މީހުންނަށް ވިސްނާލަ ބަލާށެވެ. އެމީހުންނާ އެހެން މީހުންގެ އެއްވެސް ތަފާތެއް ފެނޭ ހެއްޔެވެ؟ ވަރަށް ގިނަ ފަހަރަށް އާއިލާގައި ހުންނަ އެންމެ ލަހުން ކެވޭ މީހާ އަކީ އެންމެ ހިކި މީހާއަށް ވާނެ އެވެ.
ބައެއް މީހުންނަށް އާދަވެފައި ހުންނަނީ އެ ކާ އެއްޗެއް ވަރަށް އަވަހަށް ކާލާ ހުސްކޮށްލުމަށެވެ. ނަތީޖާއަކަށް ވަނީ އެމީހުންނަށް ބަނޑަށް އެނގުން ވެއްޖެހެންހީވާ ވަރަށް ކެވޭއިރު ހަށިގަނޑަށް މާ ގިނަ ކެލޮރީޒް އިތުރުވުމެވެ.
ކާން ފެށުމަށްފަހު ބަނޑު ފުރިއްޖެކަމުގެ ސިގްނަލް ސިކުނޑިން ދޭން ބަރާބަރު 20 މިނިޓް ނަގާނެ އެވެ. އެހެންވީމާ ކާން ފެށުމަށްފަހު އެ ހިނގާ 20 މިނިޓް ތެރޭގައި ކިތަންމެ ގިނައިން ކެވުނަސް އެ މީހާއަކަށް އެކަމެއް އިހްސާސެއް ނުވާނެ އެވެ. މަޑުމަޑުން އިނދެގެން އަނގަޔަށްލާ ކޮންމެ ސުވަޔެއް ހަފާ ހިމުންކޮށް ދިރުވާނަމަ 20 މިނިޓް ފާއިތުވާއިރު މަދުއެތިކޮޅެއް ކެވި އަދި ބަނޑު ފުރިއްޖެކަމުގެ ސިގްނަލް ސިކުނޑިން ދޭނެ އެވެ. އެހެންވީމާ އެފަދަ މީހުންނަށް ހަގީގަތުގައި ކެވިފައި ހުންނާނީ ނިސްބަތުން މާ ކުޑަ އެތިކޮޅެކެވެ.
ނޯތު އެމެރިކަން އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް އޮބޭސިޓީއަށް ހުށަހެޅި ރިސާޗްއެއްގައިވާ ގޮތުން އާދަޔާޚިލާފަށް ފަލަ އަންހެނުންނާއި ފިރިހެނުން ވެސް އެމީހުން ކާ ސްޕީޑް ދަށްކޮށްލުމުން ހަށިގަނޑަށް އެތެރެވާ ކެލޮރީޒް މަދުވެ އެވެ.
ޖަޕާނުން ވަރަށް ފަހުން 1،700 ޒުވާން އަންހެނުންގެ މެދުގައި ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ލަސްލަހުން ކެއުމުން ބަނޑުފުރިއްޖެކަމުގެ އިހްސާސް އަވަހަށް ވެއެވެ. އޭރުން ކޮންމެ ކާ ގަޑިއެއްގައި ހަށިގަނޑަށް އެތެރެވާ ކެލޮރީޒް ވެސް މަދުވެ އެވެ.
ލަސްލަހުން ކެއުމުގެ އަނެއް ފައިދާއަކީ ކާ އެއްޗެތީގައި ލާ މީރު ރަހަ އެމީހަކަށް އިހްސާސްވާލެއްވެސް އިތުރުވާތީ އެވެ. އެގޮތުން ލަސްލަހުން ކެއުން އާދަކުރުމަށް ކާ މޭޒުދޮށް ތަންކޮޅެއް ތަފާތު ގޮތަކަށް ތައްޔާރު ކޮށްލެވިދާނެ އެވެ. މިސާލަކަށް އުއްބައްތިއެއް ރޯކޮށްލުން، ޓީވީ ނިއްވާލާ އަދި ޓީވީ ނޫނަސް ކާނާއަށް ސަމާލުކަން ނުދެވޭ ކަހަލަ ހުރިހާ ކަމެއް ހުއްޓާލައި ސޮފްޓް މިއުޒިކެއް ޖެހުން ފަދަ ކަމެއް ކޮށްގެންނެވެ.
ކެއުމަށް ފަށައިގަންނައިރު އެންމެ ފުރަތަމަ ފޮނި އެއްޗެއް ކާން ހުރިނަމަ އެ އެއްޗެއް ކާށެވެ. އެންމެ ފަހުން ކާން ފޮނި އެއްޗެހި ބެހެއްޓުމުން ބަނޑު ކިތަންމެ ފުރިފައި ހުއްޓަސް އެއެއްޗެއް ނުކައެއް ހިތްހަމައެއް ނުޖެހޭނެ އެވެ. ނަމަވެސް ފޮނި އެއްޗެހި ކާއިރުވެސް މާ އަވަސް އަރުވާލާފައި ގިނައިން ނުކައި މަޑުމަޑުން އޭގެ މީރު ރަހަ އަށް އިންސާފުކުރަމުން ކާށެވެ. އޭރުން ދެން ހުރި އެއްޗެހި ކާން ފަށާތާ މާ ގިނައިރެއް ނުވެ ބަނޑު ފުރިއްޖެކަމަށް ސިކުނޑިން ސިގްނަލް ލިބޭނެ އެވެ. އޭރުން މާ ގިނަ ކެލޮރީޒް ހަށިގަނޑަށް އެތެރެ ނުވެ ފޮނި އެއްޗެއް ކާލެވިއްޖެ ކަމުގެ ހިތްހަމަޖެހުން ވެސް ލިބުނީ އެވެ.
މިގޮތަށް ސައިންސްވެރިން ބުންޏަސް ހަގީގަތުގައި މިއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ އަވަސް އަރުވާލައިގެން ކާން އާދެވިފައި ތިބޭ މީހުންނަށް ކާ ސްޕީޑް ލަސް ކުރުމަކީ އޭގެ ޒާތުގައިވެސް ވަރަށް އުނދަގޫ ކަމަކަށް ވާނެތީ އެވެ. ޚާއްސަކޮށް ވަރަށް ބިޒީކޮށް އުޅެމުން ކާން އިށީންނަ ފަހަރު ފަހަރާއި މާ ބޮޑަށް ބަނޑުހައިވެފައި ހުންނަ ވަގުތު ތަކުގަ އެވެ. ނަމަވެސް ކޮންމެ ވަގުތަކުވެސް ކާން އިށީނދެފައި ކޮންމެވެސް ވަރަކަށް ކެއުމުގެ ސްޕީޑް ލަސްކުރަން މަސައްކަތް ކުރަނިކޮށް މަޑުމަޑުން އެގޮތަށް އާދަ ވެދާނެ އެވެ. އަދި މާ ބޮޑަށް ބަނޑުހައިވަންދެން ނުހުރެ ހަތަރު ގަޑިއިރަކުން އެއް ފަހަރު ކޮންމެވެސް އެއްޗެއް ކާލުމުން ވެސް ކެއުމުގެ ސްޕީޑް ދަށްކޮށްލަން އެހީ ލިބޭނެ އެވެ.
ވަރަށް ބިޒީކޮށް އުޅޭއިރުވެސް އެއްޗެއް ކާލަން 15 ވަރަކަށް މިނިޓްގެ ވަގުތުކޮޅެއް ހޯދާށެވެ. އެ ވަގުތުކޮޅު ތެރޭގައި ލަސްލަހުން ކޮންމެވެސް އެއްޗެއް ކާލާށެވެ. މާ ގިނައިން ނުކެވުނަސް ބަނޑު ފުރިއްޖެކަމަށް އިހްސާސް ކުރެވޭނެ އެވެ. މިހާ ވަގުތުކޮޅެއް ލަސްލަހުން ކާން ހޭދަކޮށްލައިފިނަމަ ސްޓްރެސް ފިލާ ސިކުނޑި ވެސް ހަމަޖެހިލާނެ އެވެ. ބަރުދަން ލުއިކުރުމަށް ވެސް މިއަށް ވުރެ ރަނގަޅު އެއްވެސް ގޮތެއް ނެތެވެ.