ލައިފްސްޓައިލް

އާފުރޭނަމަ އޮފީހުގެ އެންމެންނަށް އަސަރުކުރޭ

ބައެއް މީހުން ހެނދުނު އޮފީހަށް ދާން އޮންނައިރު ވެސް ފިލްމު ބެލުމާއި އެނޫންވެސް ކަންތައްތަކުގައި ރޭގަނޑުގެ ގިނަ ވަގުތު ނުނިދާ އުޅެ އެވެ. މިފަދަ މީހުން އޮފީހަށް ގިނަ ފަހަރު ދާނީ އެއްވެސް އެއްޗެއް ނުކައެވެ. އަދި ދާ މަގުމަތީގައި ވެސް ވަގުތުކޮޅެއް ލިބިއްޖިއްޔާ ލޯ މަރާލައިގެން ނިދޭތޯ ބަލާނެ އެވެ. އަދި އޮފީހަށް ގޮސް އިށީނުމާއެކު ދެން އެ ފެށެނީ އާ ފުރޭށެވެ. މެއިލް ޗެކް ކުރުމާއި އެނޫން ވެސް މަސައްކަތް ފެށުމުގެ ކުރިން ދެ ތިން ފަހަރަކު އާ ފުރޭނެ އެވެ.
އެވަރަކުން ނުފުދޭނެ އެވެ. ހަމަ ފުލުފުލުން އާ ފުރެމުން ދާނެ އެވެ. މައްސަލައަކީ އޮފީހުގައި އެއް ތަނެއްގައި މަސައްކަތްކުރާ އެހެން މީހުންނަށް ވެސް މި އާފުރުމުގެ އަސަރު ކުރާނެ އެވެ. އާ ފުރޭތަން ފެންނަ މީހުންނަށް ވަރަށް ފަސޭހައިން އާ ފުރެން ފެށެ އެވެ.

ނިކަން އަޖުމަ ބަލާލާށެވެ. ތިމާ އެއް ފަހަރު ދެ ފަހަރު އާ ފުރޭއިރަށް ދެން ޖެހިގެން އިންނަ މީހާއަށް އާ ފުރެވެން ފަށާނެ އެވެ. އެއީ ނިދި ހަމަނުކޮށް އޮފީހަށް އައިސް އިންނަ އެންމެ މީހެއްގެ ސަބަބުން އޮފީހުގެ ގިނަ ބަޔަކަށް ކުރިމަތިވާނެ އުނދަގުލަކަށް ވެސް ވާނެ އެވެ. މާ ބޮޑަށް އާފުރޭނަމަ ރަނގަޅަކަށް މަސައްކަތެއް ނުކުރެވޭނެ އެވެ. ނިދި އަންނަގޮތްވެ ހަށިގަނޑަށް ލޮޑުކަން ވެރިވާނެ އެވެ.

އެހެން މީހަކު އާ ފުރޭތަން ފެނުނީމާ ވެސް ބައެއް މީހުންނަށް އާ ފުރެވެން ފަށަ އެވެ. އަދި އާ ފުރުން މި ބަސް ބޭނުން ކުރުމުން ވެސް އާ ފުރެވެން ފަށާފާނެ އެވެ. އެހާވެސް އާފުރުމުގެ ބާރު ގަދަ އެވެ.

ސީރިއަސްކޮށް ބުނާނަމަ ބުނެވޭނީ ރަނގަޅަށް ނުނިދާ އޮފީހަށް އަންނަ އެންމެ މީހެއްގެ ސަބަބުން މުޅި އޮފީހަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. މުޅި ޓީމުގެ އެނާޖީ ލެވެލް އާއި މަސައްކަތްތެރިކަން ދަށްވެގެން ދާނެ އެވެ.

ނަމަވެސް އާ ފުރެން ޖެހިއްޖެ ހާލަތުގައި އެއީ ނުކޮށް ވެސް ވާނެ ކަމެއް ނޫނެވެ. އާ ފުރުން އެމީހާގެ އަމިއްލަ އިޚްތިޔާޜުގައި ނުހުއްޓުވޭނެ އެވެ. ކިތަންމެ ބޭނުންވިޔަސް އެވެ. މީހަކު އެހެން ބުންޏޭ ކިޔާފައި ގަބޫލުނުކޮށް އަމިއްލައަށް އަޖުމަ ބަލާލާށެވެ. އާ ފުރެން ފެށީމާ ދަތްތައް ފިއްތާ ބާރުކޮށްގެން ނުވަތަ އަނގަ ރަނގަޅަށް ލައްޕައި ބާރުކޮށްގެން، ނުވަތަ އެނޫންވެސް ކަމެއް ކޮށްގެން އާ ފުރުން ހުއްޓުވަން މަސައްކަތް ކުރެވިދާނެ އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ އެވެ. ނަމަވެސް ރަނގަޅަށް ނިދައިގެން އާފުރުމާއި ލޮލުން ފެން އައުން ހުއްޓުވިދާނެ އެވެ. އެއީ ރޭގަނޑު މަދުވެގެން ހަތްގަޑިއިރު ނިދުމެވެ.