ލައިފްސްޓައިލް

ނުރަވަނީތަ؟ އަލުވި ތޮށި މިއީ މިކަމުގެ ހައްލު!

ބޮލުގެ އިސްތަށިތައް ނުރަވުމަކީ ކޮންމެ އިންސާނަކަށް ވެސް އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ. ބައެއް މީހުންގެ ބޮލުގައި ފުރަތަމަ ނުރަ ޖަހަނީ 20ގެ އަހަރުތައް ގުނަމުން ދަނިކޮށެވެ. ނަމަވެސް ތަންކޮޅެއް ނަސީބު ގަދަ މީހުން 40 ވަރަކަށް އަހަރުވާއިރު ވެސް އެންމެ ނުރައެއް ވެސް ބޮލުގައި ނުޖަހާ ހުރެ އެވެ.

ފުރަތަމަ ނުރައާ އެކު ވެސް ދެން ނުރަ ޖެހުން ސަލާމަތް ނުވާނެކަން ޔަގީން ވާނެ އެވެ. ކޮންމެ ކަމެއް ކުރިޔަސް ނުރަ ޖަހާނެ ކަމާއި އަބަދުވެސް ދެން އެކަމާ ހެދި އުޅެން ޖެހޭނެ ކަން ފުރަތަމަ ނުރަ ޖަހާ ހިސާބުން ކޮންމެ މީހަކަށް ވެސް ވިސްނޭނެ އެވެ. އެހިސާބުން އެއްބައިމީހުން އެއީ ވަރަށް ކޫލް ކަމެއްގެ ގޮތުގައި ދެކި އެއްވެސް ކަމެއް ނުކުރަން ނިންމަ އެވެ. ނަމަވެސް ގިނަ މީހުން ބޭނުންވަނީ ކޮންމެ ފަދަ ކަމެއް ކޮށްގެން ނަމަވެސް ބޮލުގައި ހުންނަ ނުރަތައް ފޮރުވާށެވެ. އެގޮތުން އިސްތަށިތައް ޑައި ކުރަނީ އެވެ.

ހަގީގަތުގައި އިސްތަށިގަނޑު ޑައި ކުރުމަކީ ވަރަށް ބުރަ ކަމެކެވެ. ސެލޫނަކަށް ގޮސް ނުވަތަ ގޭގައި މީހަކު ލައްވާ ނަމަވެސް އިސްތަށިގަނޑު ޑައި ކުރާތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ނުރަތައް ފެންނަން ފަށާނެ އެވެ. އެހެންވެ މިއީ ދުވަހަކުވެސް ނިމުމެއް ނެތް ކަމަކަށް ވެއެވެ.

ނަމަވެސް ގޭގައި ތައްޔާރުކޮށްލެވިދާނެ މި ފަރުވާއަކީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ. މިކަމަށް ހޯދަން ޖެހޭނީ އަލުވި ކިލޯއެކެވެ. ސަބަބަކީ މި ހޯމް ރިމެޑީ ތައްޔާރުކުރަނީ އަލުވި ތޮށިން ކަމަށް ވާތީ އެވެ.

އަލުވިތޮށީގެ އެންމެ ހާއްސަ ކަމަކީ ނުރަ ކަޅުކުރަން ބޭނުންކުރާ އެކި ކަހަލަ ޕްރޮޑަކްޓްތަކުގައި ހުންނަ ކަހަލަ ކެމިކަލްތައް އަލުވިތޮށިން ތައްޔާޜުކުރާ މި ބާވަތުގައި ނުހުންނާނެތީ އެވެ.

އަލުވި ތޮށީގައި ކެޓެކޯލޭސް ކިޔާ އެންޒައިމެއް ހުރެ އެވެ. ހަމުގެ ކުލަ ބަދަލުކުރަން ތައްޔާރުކުރާ ކޮސްމެޓިކް ޕްރޮޑަކްޓްސް ތަކުގައި ވެސް މި އެންޒައިމް ބޭޏުންކޮށްފައި ހުރެ އެވެ. އަދި މިއީ ބޮލުގެ އިސްތަށިތައް ކަޅުކުރަން ވެސް ބޭނުންކުރެވިދާނެ އެންޒައިމެކެވެ. އަލުވި ތޮށިން އިސްތަށިގަނޑަށް ގެއްލުމެއް ނުވާނެ އެވެ.

ތައްޔާރުކުރާނެ ގޮތް:

އަލުވިތައް 20 މިނިޓް ވަންދެން ފެނުކައްކާފައި ހިހޫވުން ތޮށި ނޮޅާލާށެވެ. ދެން ތޮށިތައް ބްލެންޑާއަކުން ހިމުންކޮށްލާށެވެ. އިސްތަށިގަނޑު ދޮވެފައި މި ޕޭސްޓް އިސްތަށިގަނޑުގައި ހާކާށެވެ. ފަނަރަ ވަރަކަށް މިނިޓް ބަހައްޓާފައި ދޮންނާށެވެ. އަލުވި ވަސް ކަނޑުވާލަން ކޮންޑިޝަނާއެއް ނުވަތަ ހެއާ މާސްކެއް ލައިގެން އިސްތަށިގަނޑު ދޮންނާށެވެ. އަލުވި ތޮށީގެ ޕޭސްޓް ބޭނުންކުރަން ފެށުމުން އިސްތަށިގަނޑު ޑައި ކުރެވި ނުރަތައް ފޮރުވޭނެ އެވެ.