ލައިފްސްޓައިލް

ދެއަތް ނެތަސް ހައިރާންކޮށްލާ ވަރުގެ އަންހެނެއް!

ބައެއް މީހުން އެމީހުންގެ ނުކުޅެދުންތެރިކަން ވެސް ހިތްވަރަށް ބަދަލުކޮށް އަމިއްލަ ދިރިއުޅުން އާރާސްތު ކުރެ އެވެ. އަދި އެހެން މީހުންނަށް ނަމޫނާ މިސާލަކަށް އެފަދަ މީހުން ވެއެވެ. އޭގެ އެއް މިސާލަކީ އިންޑިޔާގެ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ 28 އަހަރުގެ ޖިލޫމޯލް މެރިއަޓް ތޯމަސް އެވެ. ޖިލޫމޯލް އަކީ އުފަންވީއިރު ވެސް ތެލިޑޮމައިޑް ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފައިވާ މީހެކެވެ. މި ބަލި ހުރުމުގެ ސަބަބުން އުފަންވީއިރުވެސް އޭނާގެ ދެ އަތް ނެތެވެ.

އަހަރެމެން އެއްވެސް ތަކުލީފަކާ ނުލާ ކޮންމެ ދުވަހަކު އާދަކޮށް ކުރާ ކަންތައްތަކަކީ ޖިލްމޯލް އަށް ކުރަން ވަރަށް އުނދަގޫ ކަންތަކެވެ. ނަމަވެސް އެއީ އޭނާގެ ހިތްވަރު ދެރަކުރި ކަމެއް ނޫނެވެ. އަދި އޭނާ ކުރަން ބޭނުން އެއްވެސް ކަމެއް ނުކޮށް ހުއްޓާލަން ބޭނުންވާ ސަބަބެއް ވެސް ނޫނެވެ. އަތް ނެތަސް ޖިލްމޯލް އޭނާގެ އަމިއްލަ ހަށިގަނޑު ތަމްރީނު ކޮށްފައިވާ ގޮތުން އޭނާއަށް ކުރެހުމާއި ކާރު ފަދަ ވެހިކަލް ދުއްވުމަކީ ވެސް އުނދަގޫ ކަމެއް ނޫނެވެ.

އަމިއްލައަށް ކާރެއް ގަނެ އެ ކާރު އަމިއްލައަށް ދުއްވުމަކީ އެހެން ގިނަ ބަޔެއްގެ ހުވަފެނެއް ފަދައިން އެއީ ޖިލްމޯލްގެ ވެސް ހުވަފެނެކެވެ. ކަރިމަނޫރް އަވަށުގެ މަގުތަކުގައި އަމިއްލައަށް ކާރު ދުއްވާލާފައި ދެވޭނެ ދުވަހަކަށް ޖިލްމޯލް އިންތިޒާރު ކުރި އެވެ. އަދި ތަމްރީނުވި އެވެ.

"އެމީހަކަށް ގުދުރަތުން ދެއްވާފައިވާ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމާ މެދު ހިތާމަކޮށް ރޯން އިންނާނީތޯ އެ ނުކުޅެދުންތެރިކަމުން އަރައިގަންނެ ބިރުގަންނަ ހުރިހާ ކަމަކާ ކުރިމަތިލާ ކާމިޔާބު ހޯދާނީތޯ ނިންމާނީ އެމީހަކު އަމިއްލައަށް. އަހަރެން ޚިޔާރު ކުރީ ފަހުން މި ބުނިގޮތް،" އިންޑިޔާގެ ނޫހަކަށް ޖިލްމޯލް ކިޔައިދީފައި ވެއެވެ.

ޖިލްމޯލް ކާރު ދުއްވަން ބޭނުންވާތީ އޭނާ އެ ސަރަހައްދުގެ ޓްރާންސްޕޯޓް އޮފިސަރުން ކައިރިއަށް ގޮސް ޑްރައިވިން ލައިސަންސެއް ހޯދުމަށް އޭނާއަށް އޮތް ފުރުސަތު ތަކަކީ ކޮބައިކަން އޮޅުން ފިލުވި އެވެ. ނަމަވެސް އޭރު އޭނާއަށް ޑްރައިވިން ޓެސްޓްދޭން އެވަގުތު ތިބި އޮފިސަރުން ދެކޮޅުހެދި އެވެ. އޭނާ ކަހަލަ ދެ އަތް ނެތް މީހަކަށް ޑްރައިވިން ލައިސަންސް ދެވެން ނެތް ކަމަށް ޖިލްމޯލް ކައިރީގައި އެ އޮފިސަރުން ބުންޏެވެ.

"އޮފިސަރުން ބުނީ އަހަރެންނަށް ޑްރައިވިން ލައިސަންސް ދެވޭނީ އަހަރެން ކަހަލަ އެހެން މީހަކަށް އިންޑިޔާގެ އެއްވެސް ހިސާބަކުން ޑްރައިވިން ލައިސަންސް ދީފައިވާނަމަ އެ ލައިސަންސެއް ހުށަހެޅީމައޭ،" ޖިލްމޯލް ބުންޏެވެ.

އެހިސާބުން ޖިލްމޯލް ފެށީ އިންޑިޔާގެ އެއްވެސް ސްޓޭޓެއްގެ އެއްވެސް ރަށެއްގެ އެއްވެސް އަވަށެއްގައި މިފަދަ މީހަކު ހުރިތޯ ބެލުމަށެވެ. އެގޮތުން އޭނާ ހޯދި ހޯދުމުން ވިކްރަމް އަގްނިހޯތުރީ ކިޔާ ދެ އަތް ނެތް މީހަކަށް އިންޑިޔާގައި ލައިސަންސް ދޫކޮށްފައިވާކަން އެނގުނެވެ.

އެހިސާބުން ޖިލްމޯލް ކާރު ދުއްވަން ދަސްކުރަން ފެށި އެވެ. އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ކާރު ދުއްވަން ނޭނގޭތީ އޭނާއަށް ދަސްކުރަން ޖެހުނީ އަމިއްލައަށެވެ.

ޖިލްމޯލް އަކީ ވިއާނީ ޕްރިންޓިންގްސް ކިޔާ ތަނެއްގައި ގްރެފިކް ޑިޒައިނަރެއްގެ ވަޒީފާ އަދާކުރާ ޒުވާނެކެވެ. އެހެންވެ އޭނާގެ މުސާރައާއި މައިންބަފައިން އަތުން ހޯދި ފައިސާއިން ޖިލްމޯލް ކާރެއް ގަތެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ލައިސަންސް ނަގާށެވެ. ނަމަވެސް އަދިވެސް އޭނާއަށް ލައިސަންސް ދޭން ޓްރާންސްޕޯޓް އޮފިޝަލުން ދެކޮޅު ހަދަ އެވެ. އެހެންވެ އޭނާ ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. މިހާރު ހައިކޯޓުން ވަނީ އޭނާއަށް ލައިސަންސް ލިބޭނެކަމުގެ ފެހި ސިގްނަލް ދީފަ އެވެ. މިހާރު އޭނާއަށް ލައިސަންސް ދޭނީތޯ ނުވަތަ ނޫންތޯ ނިންމުމުގެ އިޚްތިޔާރު އޮތީ ސްޓޭޓް ސަރުކާރަށެވެ.

ޑްރައިވިން ޓެސްޓް ހެދިޔަސް ޖިލްމޯލް ކާރު ދުއްވި ގޮތާ މެދު ޓެސްޓްކުރި އޮފިޝަލުން ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ އޭނާއަކަށް ލައިސަންސެއް އަދިވެސް ނުލިބެ އެވެ. ނަމަވެސް ޖިލްމޯލް ގޮތެއް ދުލެއް ނުކުރެ އެވެ. ލައިސަންސް ލިބެންދެން އޭނާ ހުއްޓާނުލާ މަސައްކަތް ކުރިޔަށް ގެންދާނެ އެވެ. އަމިއްލަ ނުކުޅެދުންތެރިކަން ކުޅެދުންތެރިކަމަށް ބަދަލުކުރި ގޮތަށް އޭނާ ޑްރައިވިން ލައިސަންސްވެސް ހޯދަން ޖިލްމޯލް ވަނީ ފޫގަޅާފަ އެވެ.