ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

މަލްޑީނީގެ ދެބަފައިން ކޮވިޑް-19 އަށް ޕޮޒިޓިވް

އިޓަލީ އާއި އޭސީ މިލާންގެ ލެޖެންޑް ޕައޮލޯ މަލްޑީނީ އާއި އޭނާގެ ދަރިދުޅު އަދި އޭސީ މިލާންގެ ޒުވާން މިޑްފީލްޑާ ޑެނިއެލް މަލްޑީނީ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިލާންގެ ކުރީގެ ލެފްޓް ބެކް އަދި މިހާރުގެ ސްޕޯޓިން ޑައިރެކްޓާ ޕައޮލޯ މަލްޑީނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ވެސް ފުޓްބޯޅަ ކެރިއާ ފެށީ އެ ކުލަބުގެ ޔޫތު ސިސްޓަމްގެ ތެރެއިންނެވެ. ޑެނިއެލް ވަނީ މި ސީޒަންގައި މިލާންގެ ޓީމަށް ކުޅެން ފަށާފަ އެވެ. އޭނާގެ ބައްޕަ ޕައޮލޯގެ އިތުރުން އޭނާގެ ކާފަ ސޭޒާ މަލްޑީނީ ވެސް ވަނީ މިލާނަށް ކުޅެފަ އެވެ. ޑެނިއެލްގެ ބޭބެ ކްރިސްޓިއަން މަލްޑިނީ ވަނީ މިލާންގެ ޔޫތު ޓީމަށް ކުޅެފަ އެވެ.

"ޕައޮލޯ އަދި ޑެނިއެލްގެ ހާލު ވެސް ރަނގަޅު، އެ ދެ މީހުން ވެސް ވަނީ އެއްވެސް މީހަކާ ކޮންޓެކްޓް ނުވެ ދެ ހަފުތާ ވަންދެން ގޭގައި މަޑުކޮށްފައި،" މިލާނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "ބަލިން ފަސޭހަ ވަންދެން މިހާރު އެ ދެމީހުން ވެސް ތިބޭނީ ކްލިނިކަލީ ކަރަންޓީން ހާލަތުގައި."

އިޓަލީ ގައި މިހާރު ބަލި ފެތުރެމުން ދަނީ ޗައިނާއަށް ވުރެ ހަލުވި ކަމާއެކު އެކު އެވެ. އެ ގައުމުގައި މިހާތަނަށް 790 މީހުން ވަނީ މަރުވެފަ އެވެ.

ޔުވެންޓަސްގެ އާޖެންޓީނާގެ ފޯވަޑް ޕައޮލޯ ޑިބާލާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭނާއަކީ ޔުވެންޓަސްގެ ކުޅުންތެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި މިޑްފީލްޑާ ޓްއީޑީ ވަނީ ޕޮޒިޓިވް ވެފަ އެވެ.