ލައިފްސްޓައިލް

އެޗްއައިވީ ޖެހި ރަނގަޅުވި ދެ ވަނަ މީހާ ދިރިއުޅުން ބިނާ ކުރުމުގައި

Mar 23, 2020

ލަންޑަންގައި ދިރިއުޅޭ އެޗްއައިވީ ވައިރަސް ހުރި ބަލި މީހެއްގެ ގައިގައި މިހާރު އެ ބަލި ނެތް ކަމަށް މާޗް 2020 ގައި އިއުލާން ކުރުމާ ގުޅިގެން އޭނާ ވަނީ އޭނާއަކީ ކާކުކަން މުޅި ދުނިޔެއަށް ވެސް ހާމަކޮށްފަ އެވެ. އެޑަމް ކެސްޓެލީޖިއޯ ނަމަކަށް ކިޔާ 40 އަހަރުގެ މި މީހާގެ ގައިން އެޗްއައިވީ ވައިރަސް ފިލައިގެން ގޮސްފައިވަނީ ހެމާސްސްމިތު ހޮސްޕިޓަލުގައި ހޯދި ފަރުވާއަށް ފަހުގަ އެވެ. އެޑަމް ވެފައިވަނީ އެޗްއައިވީ ޖެހި މިހާތަނަށް މުޅި ދުނިޔޭން ވެސް ފަސޭހަވި ދެ ވަނަ މީހާ އަށެވެ.

އޭނާއަކީ ކާކުކަން އާއްމުކޮށް އޭނާގެ ވާހަކަ ދުނިޔެއާ ހިއްސާކުރަން އެޑަމް ބޭނުންވީ މީހުންނަށް ސައިންސްއަކީ އަދި ހާއްސަކޮށް އެޗްއައިވީ އަކީ ކޮބައިކަން އަންގައިދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ. މި ދަތުރުގައި އޭނާއަށް އެހީތެރިވީ އެންމެންނަށް އެޑަމް ޝުކުރު އަދާކުރެ އެވެ. ޚާއްސަކޮށް ހެމާސްސްމިތު ހޮސްޕިޓަލުގެ މެޑިކަލް ޓީމަށެވެ. އޭނާއަށް އާ ހަޔާތެއް ލިބިފައިވަނީ މެޑިކަލް ޓީމުގެ ކުޅަދާނަ ޑޮކްޓަރުންގެ ސަބަބުން ކަމަށް ސްކައި ނިއުސް އަށް ދީފައިވާ އިންޓަވިއު އެއްގައި އެޑަމް ބުނެފައި ވެއެވެ.

އެޑަމް އުޅެ ބޮޑުވީ ވެނެޒުއޭލާގަ އެވެ. އޭނާގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަން އެނގުނީ ލަންޑަނަށް ބަދަލުވިތާ އަހަރެއް ފަހުން 2003 ގައެވެ. އަދި އޭނާއަށް ހޮޖްކިން ލިމްފޯމާ ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރެ 2012 ގައި ޖެހުނެވެ. އެހެންވެ 2016 ގައި ކެންސަރުގެ ފަރުވާ އެއްގެ ގޮތުންނާއި އެޗްއައިވީ އިންފެކްޝަން ހުއްޓުވަން ޑޯނާއެއްގެ ބޯން މެރޯ ސްޓެމް ސެލްސްގެ ފަރުވާ ދިނެވެ. މިއީ ޖެނެޓިކް މިއުޓޭޝަންސް ކޮށްގެން ދިން ފަރުވާ އެކެވެ.

އެޗްއައިވީ ޖެހޭ މީހުން މުޅި އުމުރަށް ވެސް ބޭސް ކާން ޖެހެ އެވެ. ވައިރަސް އެނބުރި އަޔަ ނުދިނުމަށެވެ. ބޭސް ކެއުން ހުއްޓާލައިފިނަމަ ދެ ތިން ހަފުތާ ތެރޭގައި ވައިރަސް އަނބުރާ އަންނާނެ އެވެ.

ނަމަވެސް އެޑަމް މިހާރު ބޭސް ހުއްޓާލިތާ 30 މަސް ދުވަސް ވެއްޖެ އެވެ. އޭނާގެ ލެޔާއި ބްރެއިން ފްލުއިޑް އަދި އެނޫން ވެސް އެއްވެސް ތަނެއްގައި އެޗްއައިވީ ވައިރަސް މިހާރަކު ނެތެވެ.

އޭނާ ބުނި ގޮތުގައި ބަލިން މުޅިން ފަސޭހަ ވުމުން ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް މިހާޜު އޭނާ ވަނީ ފަށާފަ އެވެ. އަދި ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑުގެ ހަކަތަ ލިބި ވަރު ޖެހެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. ކެންސަރާއި އެޗްއައިވީގެ ފަރުވާ ހޯދުމުގައި ކުރި ދިގު ދަތުރުގެ ސަބަބުން އޭނާއަށް ކެންސާ ރިސާޗް އާ ބެހޭ ގޮތުންނާއި އެނޫންވެސް ހަޔާތުގެ ގިނަގުނަ ތަޖުރިބާތަކެއް ވަނީ ކުރެވިފަ އެވެ.

މި އާ ދަތުރަށް ފަށައިގަންނައިރު އޭނާ އަކީ އެޗްއައިވީ ޖެހިފައިވާ އެތައް މިލިއަން މީހުންނެއްގެ "އެމްބެސެޑާ އޮފް ހޯޕް"ގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ. އޭނާއަށް ދިން ފަރުވާ އަކީ އެޗްއައިވީ ޖެހިފައިވާ އެންމެންނަށް ހޯދޭނެ ފަރުވާއެއް ނޫންކަން އެޑަމް ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާއަށް ދިން ފަރުވާގެ އަލީގައި އެހެން މީހުންނަށް ފަރުވާ ކުރުމަށް ސައިންޓިސްޓުންނަށް ރަނގަޅު ގޮތްތަކެއް ފެނި މި ބައްޔަށް ރަނގަޅު ފަރުވާއެއް ހޯދޭނެކަމަށް އޭނާ އުންމީދު ކުރެ އެވެ.

އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން ފުރަތަމަ ފަސޭހަވި މީހާ ކަމަށް ރިޕޯޓްކޮށްފައިވާ މީހަކީ ޓިމޮތީ ރޭ ބްރައުން އެވެ. ބާލިންގައި ދިރިއުޅޭ މި މީހާ ރަނގަޅުވެފައިވަނީ 2007 ގައެވެ. "ބާލިން ޕޭޝަންޓް"ގެ ނަމުން މަޝްހޫރު ވެފައިވާ މި މީހާގެ ހަށިގަނޑުން އެޗްއައިވީ ވައިރަސް މުޅިން ފިލާފައިވާކަން އިއުލާން ކޮށްފައިވަނީ 2008 ގައި ބޭއްވި ކޮންފަރެންސެއްގަ އެވެ.