އިލެކްޝަންސް ކޮމިޝަން

އީސީގެ ނައިބު ރައީސް ކަމަށް އަނެއްކާ ވެސް އަކްރަމް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމަށް އަނެއްކާ ވެސް އަހުމަދު އަކުރަމް އިންތިހާބު ކޮށްފި އެވެ.

އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަކްރަމްގެ މެންބަރު ކަމުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް މެންބަރު ކަމަށް ކުރިމަތިލި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި ވެސް އޮތީ އަކުރަމްގެ ނަމެވެ. މަޖިލީހުން ރުހުން ދިނީ ވެސް އަކުރަމަށެވެ. އެހެންކަމުން އިތުރު ދައުރަކަށް އޭނާ އައްޔަން ކުރި އެވެ.

އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އަނެއްކާ ވެސް އަކުރަމް ހަމަޖެއްސުމަށް އިންތިހާބުކޮށްފަ އެވެ.

އީސީގެ ނައިބު ރައީސް ކަމަށް އަލުން އިންތިހާބުކު އަކްރަމަކީ އެ ކޮމިޝަންގެ ތަރުޖަމާނު ވެސް މެ އެވެ. މީޑިއާއާ ވެސް ގާތް ގުޅުމެއް ބާއްވާ އަކްރަމަކީ ވަރަށް ހަލަބޮލި އިންތިހާބުތަކެއްގެ ތަޖުރިބާ ވެސް ހުންނެވި މެންބަރެކެވެ.

ބޮޑެތި ތުހުމަތުތަކާ އިންޒާރުތައް ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނަށް އަމާޒުވިއިރު ވެސް އަކްރަމް ހުންނެވީ ކޮމިޝަންގެ ތަރުޖަމާނުގެ މަގާމުގަ އެވެ. ހުރިހާ އިންތިހާބެއްގެ މައުލޫމާތުތައް ވެސް މީޑިއާއަށް ތިލަ ކުރެއްވުމުގައި އިސްކޮށް ހުންނެވީ އަކްރަމެވެ.

އަކްރަމްގެ އިތުރުން ކޮމިޝަންގައި ދެން ތިއްބެވީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފައި، މެންބަރު އިސްމާއީލް ހަބީބް އާއި، މެންބަރު ފުއާދު ތައުފީގާއި، މެންބަރު އަލީ ނަޝާތެވެ. ރާއްޖޭގައި ބާއްވާ އިންތިހާބުތައް އިންތިޒާމު ކުރުމާއި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ގޮތުގައި އޮންނަ އީސީގައި ތިއްބަވާނީ ޖުމުލަ ފަސް މެންބަރުންނެވެ.