ހަބަރު

މުއްދަތު މަޖިލިސްތައް ވީޑިއޯ ކޮންފަރެންސްކޮށް

Mar 23, 2020

ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް މުއްދަތު ޖެހުމުގެ އަޑުއެހުންތައް މާދަމާއިން ފެށިގެން ކުރިއަށްދާނީ ވީޑިއޯ ކޮންފަރެންސްކޮށް ކަމަށް ފުލުހުން ބުނެފި އެވެ.

އެކިއެކި ކުށްތަކުގެ ތުހުމަތުތަކަށް ފުލުހުން، ދޫނިދޫ ޖަލު ބަންދުގައި ތިބި މީހުން މާދަމާއިން ފެށިގެން ކުރިމިނަލް ކޯޓަށް ހާޒިރު ނުކުރުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.

ފުލުހުން މި ފިޔަވަޅު އެޅީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ރައްކާތެރިވުމުގެ ގޮތުންނެވެ.

ފުލުހުން ބުނީ މުއްދަތު މަޖިލިސްތައް ކުރިއަށް ގެންދަން މިހާރު ކުރިމިނަލް ކޯޓާއި ފުލުހުންނާ ދެމެދު ވީޑިއޯ ކޮންފަރެސް ވިއުގާއަކުން ގުޅާލާފައިވާ ކަމަށެވެ.

މި އަޑުއެހުންތަކުގައި ގާނޫނީ ވަކީލުން ދޫނިދޫއަށް ނުވަތަ ކުރިމިނަލް ކޯޓުގެ ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.