ލައިފްސްޓައިލް

ފާޚާނާ ތައްޓަށް ތަށިދޮންނަ ސައިބޯނި އެޅީމަ ވާގޮތް އެނގޭތަ؟

ގަވާއިދުން ފާޚާނާ ތައްޓަށް ތަށިދޮންނަ ސައިބޯނި ނުވަތަ ޑިޝް ވޮޝާ އަޅަން ޖެހެ އެވެ. އޭރުން ފާޚާނާ ބްލޮކް ވާތީ އުޅޭކަށް ނުޖެހޭނެ އެވެ. ފްލަޝް ކޮށްލީމާ ފެންގަނޑު މައްޗަށް އުފުލިފައި އަޑުފައްގަނޑެއް ކިޔާފައި ފެންތައް ފައިބައިގެން ދެއެވެ. ނަމަވެސް ބްލޮކެއް އުޅެންޏާ ބައެއް ފަހަރު އެ ނަޖިސް ފެންތައް ފާޚާނާ ތެރެއަށް ވެސް ފައިބަ އެވެ.
ޑިޝް ވޮޝާ އަކީ މިގޮތަށް ބްލޮކްވެގެން ފެންގަނޑު މައްޗަށް އެރިޔަ ނުދޭން އެޅިދާނެ އެއްޗެކެވެ. ފާޚާނާތަށި ބެދުނަ ނުދީ ބެހެއްޓުމަށް ޑިޝް ސޯޕް ވަރަށް ރަނގަޅުވާނެ އެވެ.

ފާޚާނާ ތަށި ތެރެޔަށް ޑިޝް ސޯޕް ފުދޭވަރަކަށް އަޅާށެވެ. އަދި އެއްކޮށް އަޑިއަށް ދަންދެން މަޑުކުރާށެވެ. ދެން ފާޚާނާ ތައްޓަށް ހޫނު ފެން އަޅާށެވެ. ކެކި ކެކި ހުރި ފެނެއް ނޫނެވެ. މާ ހޫނުފެން އަޅައިފިއްޔާ ފާޚާނާ ތަށި ހަލާކުވާނެ އެވެ. ފާޚާނާތަށި ފުރެންދެން ފެން އަޅާފައި ބައިގަޑިއިރު ބަހައްޓާށެވެ. އެހާއިރުވާއިރަށް ސައިބޯނިތައް މަޑުމަޑުން ފާޚާނާ ހޮޅިން އަޑިއަށް ދާނެ އެވެ. ދެން ފްލަޝް ކޮށްލީމަ މުޅި ހޮޅީގައި ހުރި ބްލޮކް މުޅިން ސާފުވާނެ އެވެ.

މާ ގިނަ ގިނައިން ފާޚާނާ ތަށި ބެދޭނަމަ ދޭތެރެއަކުން ޑިޝް ސޯޕް ކޮޅެއް އަޅަން އާދަކުރާށެވެ. އޭރުން ފާޚާނާ ބްލޮކް ވާ މައްސަލަ ދިމާވާލެއް ލަސްވާނެ އެވެ.

ޒަމާނީ ފެންވަރަށް ހަދާފައި ހުންނަ ބައެއް ގޭގައި ތަށި ދޮންނަން ވެސް ބޭނުން ކުރާނީ މެޝިނެވެ. ޑިޝްވޮޝާ މެޝިނެވެ. ނަމަވެސް ކަބަޑާއި އެނޫންވެސް ތަންތަން ސަފުކުރަން ކޮންމެ ގެއެއްގައި ވެސް ތަށި ދޮންނަ ސައިބޯނިފުޅިއެއް ހުންނާނެ ކަމަށް ބެލެވެ އެވެ.

ތަށިދޮންނަ ސައިބޯނިގެ ގިނަ ބްރޭންޑްތައް އުފައްދާފައި ހުންނަނީ އަތުގެ ހަންގަނޑަށް ގެއްލުން ނުވެ ތަށިތަކުގައި ހުންނަ ތެޔޮކަން ފިލުވާލެވޭ ފަދަ ގޮތަކަށެވެ. އެހެންވެ ތެލުގެ އަސަރު ހުންނަ ކޮންމެ އެއްޗެއް ސާފުކުރަން މި ވައްތަރުގެ ސައިބޯނި ބޭނުން ކުރެވެ އެވެ.

ޑިޝް ސޯޕްގެ ފައިދާގެ ތެރޭގައި ކާޕެޓް ފަދަ އެއްޗަކަށް ނުވަތަ ސޯފާ އާއި ގޮނޑީގައި ޖަހާފައި ހުންނަ ފޮތިގަނޑަށް އެއްޗެއް އެޅިގެން ސާފުކުރަން ޖެހުނަސް ހޫނު ފެން ދެ ޖޯޑަށް ބޮޑު ސަމުސަލެއްގެ ޑިޝް ސޯޕް އަޅައި އެއްކޮށްލާފައި ސާފު ފޮތިގަނޑެއް އެޔަށް ލައި ރަނގަޅަށް ފޯކޮށްލުމަށްފަހު އެ ފޮތިގަނޑު ފެލާލާފައި ހަޑިވެފައިހުރި ތަނެއްގައި ހާކައިގެން ވަރަށް ފަސޭހައިން ފިލާނެ އެވެ. އަދި ސައިބޯނިތައް ފިލުވަން ސާފު އިސްޕަންޖު ކަނޑަކާއި ފިނި ފެން ބޭނުން ކުރާށެވެ. އަދި ކަރުދާސް ޓިޝޫ ނުވަތަ ބޯ ރުމާލަކުން ތެމިފައިވާ ތަން ރަނގަޅަށް ހިއްކާފައި ބެހެއްޓުމުން އިސާހިތަކު ހިކިދާނެ އެވެ.

ތަޅުގަނޑު ސާފުކުރުމަށް ވެސް ޑިޝް ސޫޕް ހަމަ ރަނގަޅުވާނެ އެވެ. އަދި ކުޑަދޮރުގެ ބިއްލޫރިތައް ސާފުކުރަން ވެސް މިއީ ރަނގަޅު ބާވަތެކެވެ. އަދި ބަދިގޭގެ ކަބަޑާއި ސިންކު ފަދަ ތަކެތި ވެސް ޑީޝް ސޯޕް ކޮޅަކުން ވަރަށް ރީއްޗަށް ސާފު ކުރެވޭނެ އެވެ. އަދި ހަޑިވާ ގަހަނާ ސާފުކުރަން ވެސް ޑިޝް ސޯޕް ދެ ތިން ތިކި ފެން ޖޯޑަކަށް ޖަހާފައި އެއަށް ސާފުކުރަން ބޭނުންވާ ގަހަނާ ލާފައި ފަސް މިނިޓް ބަހައްޓާފައި ދަތްއުނގުޅާ ބުރުހަކުން އުނގުޅާލުމުން ސާފު ވެއެވެ. އަދި ބަދިގޭގައި ގެންގުޅޭ އެކި ކަހަލަ މެޝިނަރީޒް ސާފުކުރަން ވެސް ޑިޝް ސޯޕް ރަނގަޅެވެ.