ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަޖިލިސް ކުރިއަށް ގެންދަން މަޝްވަރާ ފަށައިފި

Mar 24, 2020

ކޮވިޑް-19 އާ ގުޅިގެން ޖަލްސާތައް ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ފަށައިފި އެވެ.

ވައިރަހާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއެކު، މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އެންމެ ފަހުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާނީ ކޮންމެހެން ބާއްވަން ލާޒިމު ޖަލްސާއެއް ބޭއްވޭ ގޮތަށް ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ލާޒިމު ވަގުތެއް ޖެހިއްޖެނަމަ އެ ޖަލްސާއެއް ބާއްވާނެ ކަން މެންބަރުންނަށް އަންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދާނީ ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް އައިސްފިނަމަ އެ އަންގާ ގޮތެއްގެ މަތިން އެ ޖަލްސާއެއް. މަޖިލީހަށް ކޮންމެ ގަޑިއެއްގައި ވެސް ދަންނަަވަން ޖެހިދާނެ، އެހެންވީމާ މަޖިލިސް އަށް ތިޔަ ބޭފުޅުންނަށް ދެންނެވީމާ، އިއްޒަތްތެރި މެމްބަރުންނަަށް ދެންނެވީމާ، އެ ދަންނަވާ ގަޑިއެއްގައި، ދަންނަވާ ދުވަހެއްގައި، މަޖިލީހަށް އެއްވެވޭ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު އެ ދުވަހު ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި މަޝްވަރާ ބައްދަލުވުމެއް ފަށައިފަ އެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެ އެވެ.

ނަމަވެސް، މަޖިލީހުގެ އިދާރާއިން އެ މަޝްވަރާތަކާގުޅޭ އިތުރު ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެ އެވެ.