ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(22 މާރިޗު 2020 އާ ގުޅޭ)

ބޮލުގައި ރިއްސާތާ ހަފްތާއެއްވީއެވެ. ޑަކްޓަރަށް ނުގޮސް މިއަދު ނުވާނޭކަން ހޭޒަލްއަށް އެނގެއެވެ. އެކަމަކު އޭގެ ކުރީން އޭނާ ކުރަންޖެހޭ ކަމެއް އެބައޮތެވެ.

އޭނާއަށް ޤަބޫލުކުރަން ފަސޭހަ ނުވިޔަސް ހީވާ ހީވުން ޔަގީންކުރެވެނީއެވެ. ކަލަންޑަރު ބެލުނު އަދަދު ވެސް ހޭޒަލްއަށް ނޭނގެއެވެ. ދުވަސްތަކާއި ތާރީޚުތައް ބަދަލުނުވާނޭކަން އެނގޭއިރު ވެސް ބެލެނީ ބޭއިޚްތިޔާރުގައި ކަހަލައެވެ. ބޮލުގައި ރިހޭ ރިހުމުގެ އަސްލު ގުޅިފައިވަނީ ކޮންކަމަކާކަން ހޭޒަލްއަށް ލަފާކުރެވެނީއެވެ. މަޑުމަޑުން އެނދުން ތެދުވެގެން އައިސް ފާޚާނާއަށް ވަނެވެ. މޫނު ދޮންނަ ތަށި ކައިރީ ބާއްވާފައި އޮތް "ޕްރެގެނެންސީ ކިޓަށް" ހޭޒަލް ބަލާލިއެވެ. ދާރިއަން އޮފީހަށް ދިޔަފަހުން ތިން ފަހަރު މަތިން ކުރި ތިން ޓެސްޓު ކިޓުން ވެސް ދައްކަނީ ރަތްކުލައި ދެ ރޮނގުބުރިއެވެ. ފުންނޭވާއެއް ހޭޒަލް ލިއެވެ. ހުރިހާ ހީއެއް ފިލުވާލައި ހޭޒަލް ޔަގީންކޮށްފިއެވެ. ފިރިމީހާއަށް އެ ޚަބަރު ދޭނޭ ގޮތަކާމެދު ހޭޒަލް ވިސްނާލިއެވެ. ފޯނުން ގުޅާފައި ދިނުމުގެ ބަދަލުގައި ކައިރިއަށް އައުމުން ބުނާހިތް ހޭޒަލްވިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވި ނަމަވެސް އޭނާއަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބުނެވެ. ކުރެވިފައި ހުރި ހިތިތަޖުރިބާގެ ހިޔަނި އޭނާގެ އުފާވެރިކަމަށް ހުރަސް އަޅަނީއެވެ. އެ ދެ ލޮލުން ފާދާލި ކަރުނަ އެކަމުގެ ހެއްކަކަށް ފުދެއެވެ. ހިތްބިރުގަތުމަށް އޭނާ މިހާރު ފުރުޞަތެއް ނުދޭނެއެވެ. ބިރަކީ މީހާ ނުތަނަވަސްކުރުވާ ބޭކާރު ޚިޔާލުކުރަން މަގުފަހިކުރުވާ ޖަޒުބާތެކެވެ. ޝައިތާނީ ވަސްވާސްތަކަށް ނަފްސު ކިލަނބުކޮށްލުމަށް ދެވޭ ދަޢުވަތެކެވެ. މަޑުކޮށްލުމެއްނެތި ހޭޒަލް ފާޚާނާއިން ނުކުތީ ވުޟޫކޮށްލައިގެންނެވެ. އަތްފައި ތުވާލިން ފުހެލުމާއެކު އޭނާ ނަމާދަށް ތައްޔާރުވެލިއެވެ.

"ޔާ ﷲ! ނެތުމުގެ ތެރެއިން ހުރިހާ އެއްޗެއް އުފެއްދެވި އަދި ހުރިހާ ތަކެއްޗެއްގެ ވެރި އިލާހު! ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު! މިއަޅާއަށް ކުޅަދާނަވެގެންވީ ވަރަކުން މިއަޅާ މިހުރީ އިބަރަސްކަލާނގެ މަގުގައި ސާބިތުވެ، މިއަޅާއާއި މިއަޅާގެ ފިރިމީހާއަށް ކުރެވިފައި ހުރި ފާފަތައް ފުއްސަވާދެއްވާންދޭވެ، މިއަޅާގެ ފިރިމީހާއަކީ އިބަރަސްކަލާނގެއަށް ފުރިހަމައަށް އިމާންވާ އަޅެއް، އޭނާގެ އުންމީދުތަކާއި އޭނާގެ އެދުންތައް މޮޅަށް ދެނެވޮޑިގެންވަނީ އިބަރަސްކަލާނގެ، އޭނާވަނީ މިއަޅާގެ ފުށުން ދަރިއަކު ބޭނުންވެފައި، މިއަޅާއަށް ފިރިމީހާގެ ފުށުން ޞާލީޙު ދަރިއަކު ދެއްވުމަށް ދެންނެވި ހިނދު އިބަރަސްކަލާނގެ ރަޙުމަތުގެ ތެރެއަށް މިއަޅާ ލެއްވިކަން ޔަގީން، ތިޔައީ އެންމެ އޯގާވަންތަ ރަސްކަލާނގެ، ޔާ ﷲ! މިއަޅާގެ ރަހިމުން މިއަޅާގެ ފިރިމީހާއަށް ދަރިއަކު އުފަންކުރުމުގެ ހެޔޮ ތަޢުފީގު ދެއްވާންދޭވެ، އިބަރަސްކަލާނގެ އެކަމަކަށް ވާށޭ ވާހީކުރައްވައިފިނަމަ އެކަމެއް ވެދޭ، އެކަން ހުއްޓުވުމުގެ ކުޅަދާނަކަން އެއްވެސް މަހުލޫޤަކަށް ލިބިގެނެއްނުވޭ، ޔާ ﷲ! އަޅުތަކުންގެ ދުޢާ އައްސަވާ އިޖާބަކުރައްވާ ރަޙުމާންވަންތަ ރަޙީމްވަންތަ ރަސްކަލޯކޯ! މިއަޅާގެ ފިރިމީހާއަށް ދޭން މިއުޅޭ ޚަބަރުގެ އުފާވެރިކަން ވަގުތީ ކަމެއްކަމުގައި ނުލައްވާށެ، މި ދިރިއުޅުމުގައި ބަރަކާތްލައްވާށެ! އަދި މިއަޅާ ބިރުގަންނަ ކަންތައްތަކުން މިއަޅާއަށް އަމާންކަން ދެއްވާށެ..." ސަޖިދައިގެ އޮތް ހޭޒަލްގެ ދެ ލޯ ފުރިބަންޑުންވަމުންދިޔައެވެ. އޭނާ ކަންބޮޑުވާކަންކަން އޭނާގެ ރައްބު އަޑުއައްސަވާ އޭނާއަށް މަގުދައްކަވާނެކަމުގެ ޔަގީންކަން އޮވެއެވެ. މިހުރިހާ ދުވަހު އޭނާ ދަރިއަކު ބޭނުންވެފައި ވިޔަސް އެ ބޭނުން ބަދަލުވީ ދާރިއަންއާ ގުޅުމުންނެވެ. ދާރިއަންގެ އުންމީދުތަކާއި އޭނާގެ އުފާވެރިކަން ހޭޒަލްއަށް ވަރަށް މުހިންމު ވެއްޖެއެވެ. މީގެ ކުރީން ހޭޒަލް ކުރި ފަދަ އުންމީތުތަކެއް ދާރިއަން އޭނާގެ ފުށުން ކުރާކަން އެނގުނު ހިނދުން ފެށިގެން ޚާއްޞަ ލޯތްބަކާއި ޤަދަރެއް ފިރިމީހާއަށް ވަނީ ދެވިފައެވެ.

އޮފީހުން ނުކުންނަން ގަސްދުކުރި ދާރިއަން އަނބިމީހާއަށް ގުޅާލިއެވެ. ޑަކްޓަރަށް ދައްކަންދާން ތައްޔާރުވެގެން ތޯ ހުރީ ބަލާށެވެ. ހޭޒަލް ހުރީ ތައްޔާރަށް ކަމަށް ބުނެ އަވަހަށް ގެއަށް އައުމަށް ބުންޏެވެ. ފޯނު ބޭއްވި ވަގުތު އައި މެސެޖު ދާރިއަން ބަލާލިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހީނލެވުނެވެ. ވަރަށް ލޯބިވޭ ބުނެ ހޭޒަލް ފޮނުވި މެސެޖަށް ދާރިއަން ޖަވާބު ފޮނުވީ ހަމައެފަދައިންނެވެ. އޮފީސް އިމާރާތުން ނުކުމެގެން އައިސް އޭނާ ކާރަށް އެރިއިރު ވެސް ހުރެވުނީ ހިނިއައިސްފައެވެ. އަނބިމީހާ ދުށުމަށް ނުހަނު ބޭނުންވެފައެވެ.

"މަންމާ!" ގެއަށް ވަންއިރު ސިޓިންރޫމު ސޯފާގައި އިން ސާއިރާ ފެނި ދާރިއަން ގޮވާލިއެވެ.

"ހޭޒަލް ގޮވައިގެން ޑަކްޓަރަށް ދަނީތަ؟" ސާއިރާ އަހާލިއެވެ.

"ޒެލް އެ ބޮލެއްގަ ރިއްސާތާ ހަފްތާއެއްވީ، އަޅާނުލާ ހުންނާކަށްނުވާނެއެއްނު" ދާރިއަން ބުނެލިއެވެ.

"އެބައުޅޭ ކޮޓަރީގަ، ހީވަނީ ތައްޔާރުވެއްޖެހެން" ސާއިރާ މިހެން ބުނުމުން ދާރިއަން ބޯޖަހާލާފައި އާދައިގެ މަތިން ބޭރުގައި ހުރި ފާޚާނާއަށް ވަނީ އަތްފައި ދޮވެލާށެވެ. އަނބިމީހާއާ އޭނާ ބައްދަލުކުރާނީ އޭގެ ފަހުގައެވެ.

ކޮޓަރީގައި ޓަކި ޖަހާލުމާއެކު ދާރިއަން އެތެރެއަށް ވަނެވެ. އެނދުގައި އިށީނދެލައިގެން އިން ހޭޒަލް ފެނުމުން ވަގުތުން އޭނާގެ ތުންފަތް ދެމިލައިފިއެވެ. ޚާއްޞަކޮށް ހޭޒަލް ލައިގެން އިން ހެދުން ފެނުމުން ދާރިއަންގެ ހަނދާނަށް އެރެއެއް ސިފަވިއެވެ. އެއީ ހޭޒަލް ގޮވައިގެން ފުރަތަމަ ފަހަރަށް ރޭގަނޑުގެ ކެއުމަށް ދިޔަ ރެއެވެ. ލޯބިވާކަމާއި ކައިވެނިކުރަން ބޭނުންވާކަން ދާރިއަން ހާމަކުރީ ވެސް އެރޭގައެވެ.

"ޒެލް!..." ލޯތްބާއެކު ދާރިއަން ގޮވާލިއެވެ. އަދި ހޭޒަލްގެ ކުރިމަތީ ކުޑަކަކޫ ޖަހާލައިފިއެވެ. ހޭޒަލްގެ ނަޒަރު ފިރިމީހާއަށް ހުއްޓި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހިނދު އޭނާގެ ދެއަތްތިލައިގަ ދާރިއަން ބޮސްދީފައި އިސްއުފުލާލައި ހޭޒަލްގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ. އިހުނަށްވުރެ ކުލުންވެރިކަމާއެކު އެ ދެލޮލަށް ދާރިއަން ބަލާލިއެވެ.

"އަސުރުކޮށްފިންތަ؟" ދާރިއަން އަހާލިއެވެ. ހޭޒަލް ބޯޖަހާލީއެވެ.

"މަންމަ އެކަނި ސިޓިންރޫމުގައި އެބައިން، ބައްޕަ ނެތީތަ؟" ދާރިއަން ސުވާލުކުރިއެވެ.

"ދޮންބެއައީމަ އޮފީހުގެ ކަމެއްގައި ބައްޕަވީ ގޮސް" ހޭޒަލް ބުންޏެވެ.

"ޒެލް އެއްކޮށް ނިމިފަ ދޯ ތިއިނީ" ދާރިއަން ތެދުވެލަމުން ވާހަކަދެއްކިއެވެ.

"ފެންވަރައިގެންތަ ދާނީ" އޮފީސް ހެދުން ބަދަލުކުރަން ހުރި ދާރިއަންއަށް ހޭޒަލް ބަލަން ހުއްޓެވެ. އޭނާ ގަމީހުން ވަސް ބަލާލިއެވެ.

"ނުބައިވަސް ދުވަނީތަ؟" ދާރިއަން ހައިރާންކަމާއެކު އަހާލިއެވެ. ހޭޒަލްގެ ބޭނުމަކީ ދާރިއަން ފާޚާނާއަށް ވެއްދުމެވެ. ހޭޒަލް ބަލަން ހުރި ގޮތުން ދާރިއަން ހީނލިއެވެ.

"އޯކޭ! މިއަންނަނީ ފެންވަރާލައިގެން" ދާރިއަން ބުނެލިއެވެ.

ފާޚާނާއަށް ވަނުމަށް ދާރިއަން އެޅި ކޮންމެ ފިޔަވަޅާއެކު ހޭޒަލް ވެސް ފިޔަވަޅެއް އެޅިއެވެ. ދާރިއަން ވަނުމުން ދޮރުމަތީ ހޭޒަލް މަޑުކޮށްލިއެވެ. ފިރިމީހާގެ ސަމާލުކަން މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓުނުކަން ހޭޒަލް ދެނަހުއްޓެވެ.

ޓެސްޓް ކިޓުތައް ފެނުމުން ދާރިއަންއަށް އެއީ ކޯއްޗެއްކަން ފުރަތަމަ ނޭނގުނެވެ. އެހެންނަމަވެސް އެ ކިޓުތައް ކައިރީ ބާއްވާފައި އޮތް ކަވަރު ފެނި ދާރިއަން އެ ނެގިއެވެ. އޭގައިވި ލިޔުންތައް ދާރިއަން ކިޔެވެ. އެއަށްފަހު އޭނާގެ ނަޒަރު އަނެއްކާ ވެސް ބަރިއަކަށް ބަހައްޓާފައި ހުރި ޓެސްޓުކިޓުތަކަށް ހުއްޓިއްޖެއެވެ. ކަވަރަށް ބަލާލާފައި ކިޓުތަކަށް ބަލާލައެވެ. ދެން ކަވަރު ބާއްވާފައި އޭނާ ފުންނޭވާއެއް ދާރިއަން ލިއެވެ. އޭނާ ދޮރާ ދިމާއަށް އެނބުރިލީ ހޭޒަލް ހުރިކަން އެނގޭތީއެވެ.

"އޭގެން ހަމަ ޔަގީންކުރެވޭނެތަ؟" ދާރިއަން އަހާލިއެވެ. ހޭޒަލް ބޯޖަހާލީއެވެ.

"ރިއަލީ!" ދާރިއަން ހިނިތުންވެލިއެވެ.

"ޑަކްޓަރަށް ދެއްކީމަ އިތުރަށް ޔަގީންވާނެ" ހޭޒަލް ބުންޏެވެ. ދާރިއަންއަށް ދުރުގައެއް ނުހުރެވުނެވެ. ލޯބިން އައިސް އަނބިމީހާ އުރާލައިފިއެވެ. ގަޔާ ބޮނޑިކޮށްލާ ބާރަށް ބައްދާލިއެވެ. އަނބިމީހާގެ މޫނުގައި ބޮސްދިނެވެ. ދާރިއަންގެ އުފާވެރިކަން ފެނި ހޭޒަލްއަށް ރޮވުނީއެވެ.

"ބިރުންތަ ތިހުރީ؟" ހޭޒަލްގެ ހިތް ދާރިއަން ދެނެގަތެވެ. ހޭޒަލް ބޯޖަހާލިއިރު އެ ދެ ލޮލުން ވެސް އެކަން ދާރިއަންއަށް ފެނުނެވެ. އޭނާ ލޯތްބާއި އޯގާތެރިކަމާއެކު ހޭޒަލްގެ ދެ ލޮލާއި ކޯތާފަތް ފުހެލަދިނެވެ. ﷲއަށް ޝުކުރުކުރިންތޯ އަނބިމީހާ ގާތު ދާރިއަން އަހާލިއެވެ. އެހިނދު ހޭޒަލް ބޯޖަހާލިއެވެ. އެއާއެކު ދާރިއަން ހިނިތުންވެލިއެވެ.

"އެހެންވީރު ބިރުގަންނާނެކަމެއްނެތް، ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއްނުވާނެ، މިފަހަރު ނުލިބިއްޖެއްޔާ އަލުން ޓްރައި ކުރާނީ، ޑަކްޓަރުންގެ ލަފައާ އެހީތެރިކަމާއެކު... ޑޯންޓް ވޮރީ މައި ލަވް" ހޭޒަލްގެ ދެ ލޮލުގައި ދާރިއަން ބޮސްދިނެވެ. ފިރިމީހާގެ ކޮންމެ ހަރަކާތެއްގައި ފިނިކަމެއްވާކަން ހޭޒަލްއަށް އިޙްސާސްވެއެވެ.

ދެމަފިރިން އެކުގައި ހޮސްޕިޓަލަށް ދިޔައެވެ. ރިޕޯޓް ނަގަން އަންނާނީ ދާރިއަން ކަމުގައި އޭނާ ނިންމިއެވެ. ޢާއިލާއަށް އެ ޚަބަރު ދޭން ދާރިއަން ބޭނުންވެއެވެ. އެކަމަކު ހޭޒަލްގެ ޚިޔާލެއް ނޭނގި އޭނާ އެއްވެސް މީހަކާ އެ ޚަބަރު ޚިއްޞާކުރުމުގެ ގަސްދެއްނެތެވެ. އެނބުރި ގެއަށް އައުމުގެ ކުރީން ހޭޒަލްއަށް އެންމެ މީރު ފުރުޓްކޭކު ގަނެދިނެވެ. އެއާއެކު ހުދު ފިނިފެންމަލެއް ވެސް ދިނެވެ.

"އަހަރެންގެ ހަޔާތުގައި އަންހެންކުއްޖަކަށް މަލެއް ދިން ފުރަތަމަ ފަހަރު ވެސް އޭނާ ޤަބޫލެއްނުކުރި، އަހަންނާ ވަކިވެގެން ދިޔައީ އެ މާ އަނބުރާ ދީފަ" ކާރުގައި ގެއާ ދިމާއަށް ދުއްވަމުން ދިޔަ ދާރިއަން ބުނެލިއެވެ. އެހިނދު ހޭޒަލް ހީނލިއެވެ.

"މާފަހުން އެނގުނީ ކާރުގައި މާ ބާއްވާފަކަން އާދެވުނީ، އަސްލު ދާރިއަންގެ ހަދިޔާއެއް ޤަބޫލުނުކުރާކަށްނޫން... އެރޭ މާބޮޑަށް ހާސްވެފަ ހުރީ، އެހެންވެ މަލުގެ މަތިން ހަނދާންނެތުނީ... އެކަމަކު މިހާރު މިހިފީނު، ކޮޓަރީގަ އިން ވާސްއަށް މި މާ ޖަހާނީ" ހޭޒަލް ބުންޏެވެ.

"އަހަރެން ހިތަށް އަރާ ﷲ އަހަންނަށް ދެއްވި ނިޢުމަތްތަކާމެދު ޝުކުރުކުރަންޖެހޭ ވަރަށް ޝުކުރުވެރިވެވޭބާއޭ، މިއަދު އާދެވިފަ މިހުރީ ދިރިއުޅުމުގައި ދުވަހަކުވެސް އާދެވިދާނެއޭ ހީކުރި ހިސާބަކަށްނޫން، ޒެލް! އަހަރެން އަބަދުވެސް ޒެލްދެކެ ވަރަށް ލޯބިވާކަން ހަނދާންނައްތާނުލައްޗޭ، ޒެލްއަށް ދަތިކަމެއް ލިބިއްޖެނަމަ އަހަރެން އަބަދުވެސް ގާތުގައި ހުންނާނެކަން ޤަބޫލުކުރާތި، މިހާރުއްސުރެ އުންމީދު މިކުރެވެނީ އަހަރެމެންގެ ދަރިފުޅަށް... ޒެލް! އަހަރެން... އަހަރެން އެންމެ ކުއްޖަކަށްވުރެ ގިނައިން ބޭނުން، އެކަމަކު ޒެލްގެ ދުޅަހެޔޮކަމާއި ހަށިގަނޑު ތައްޔާރުނޫނިއްޔާ ބޭނުމެއްނޫން، އަހަންނަށް އަނބިމީހާ މުހިންމީ" ދާރިއަން ބުންޏެވެ. އޭނާގެ މޫނަށް އެސްފިޔަ ޖަހާލުމެއްނެތި ހޭޒަލް ބަލަން އިނެވެ. ދާރިއަން ބޭނުންވާގޮތް އަބަދުވެސް ހޭޒަލްއަށް އޭނާ ބުނެދެއެވެ. އޭނާގެ އެ ސިފަ ހޭޒަލްގެ ހިތުގައި ލޯބި އިތުރުކުރުވައެވެ. ފިރިހެނެއްގެ ފަރާތުން ނުފެންނަ މައުސޫމްކަމެއް ހޭޒަލް ފުރަތަމަ ފަހަރަށް ދުށީ ދާރިއަންގެ ފަރާތުންނެވެ. އެ ދެމެދުގައިވި ފަރުދާ ނެގި ހޭޒަލްގެ ހިތް ހުޅުވާލި ރޭ ވެސް ދާރިއަންގެ ޢަމަލުތަކުން އެކަން ފާހަގަވިއެވެ. އެރޭގެ ހަނދާންތަކާއެކު ހޭޒަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ހޭޒަލްގެ ކަނާއަތް ދާރިއަންއާ ދިމާއަށް ދަމާލިއެވެ. ފިރިމީހާގެ ތުނބުޅީގައި ފިރުމާލިއެވެ.

"އަހަރެންގެ އުންމީދުތައް ދާރިއަންގެ އުންމީދުތަކާ ވަނީ ގުޅިފައި... އަހަރެންދެކެ އަބަދުވެސް ތިހެން ލޯބިވައްޗޭ" ހޭޒަލް ބުނެލިއެވެ. ހިނިތުންވެލި ދާރިއަން ބޯޖަހާލިއެވެ. އަދި މޫނުގައިވި ހޭޒަލްގެ އަތް ގެނެސް އެ ތުންފަތުގައި ޖައްސާލިއެވެ.

އެޕާޓްމެންޓަށް ވަންއިރު ސާއިރާގެ އިތުރުން ރިޒްވާނު ވެސް ސިޓިންރޫމުގައި އިނެވެ. ޑަކްޓަރު ބުނީ ކީކޭތޯ ވަގުތުން ސާއިރާ އެއްސެވެ. ހޭޒަލް އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ ދާރިއަން އަވަހަށް ވާހަކަދެއްކިއެވެ. ޓެސްޓެއް ހެދީކަމުގައި ބުނެލިއެވެ. ނަތީޖާ ލިބުނީމަކަން ދެން އެނގޭނީ ދާރިއަން ބުންޏެވެ.

* * * * *

ޖެހިގެން އައި ދުވަހުގެ މެންދުރުވަނިކޮށް ރިޒްވާނަށް ދާރިއަން ގުޅިއެވެ. އޭނާގެ މޫނުން ފާޅުވި އަސަރުތައް ކޮޓަރީގައި ހުރި ސާއިރާއަށް ފެނުނެވެ. އޭނާގެ ހަރަކާތްތައް ވެސް ހުއްޓުމަކަށް އައީ އެހެންވެއެވެ. ފޯނު ބޭއްވި ގޮތަށް ރިޒްވާނު ޙަމްދުއެޅިއެވެ. އިރުކޮޅަކު މޫނުގައި ދެއަތް އަޅައިގެން އިނެވެ.

"ރިޒްވާން!" ސާއިރާ އައިސް ރިޒްވާނުގެ ގާތުގައި މަޑުކޮށްލިއެވެ. އަނބިމީހާގެ އަޑު އިވުމާއެކު އޭނާ ދެ ލޯ ފުހެލައިފަ ބަލާލިއެވެ. ހިނިތުންވުމަކާއެކު އަނބިމީހާގެ ގައިގާ ބައްދާލިއެވެ.

"ދާރިއަންތަ؟ އާތިޝްތަ؟" ރިޒްވާނު ދަރިފުޅާއޭ ބުނެ ވާހަކަދެއްކި ގޮތުން ސާއިރާއަށް ޔަގީނެއްނުވިއެވެ.

"ދާރިއަން" ރިޒްވާނު ބުނެލިއެވެ.

"ޒެއްލުއަށް ކަމެއްވީތަ؟" ރިޒްވާނާ ދުރަށް ޖެހިލި ސާއިރާ ހާސްވިއެވެ. ނަމަވެސް އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލި ރިޒްވާނު ދެފަރާތަށް ބޯހޫރުވާލިއެވެ.

"ސާއިރާ! އަހަރެމެންގެ ދަރިފުޅު އިނީ ބަލިވެ، ރިޕޯޓު ހިފައިގެން ދާރިއަން އެ އަންނަނީ ގެއަށް" ރިޒްވާނު ބުންޏެވެ. ސާއިރާ ބަސްހުއްޓުނީ ދެނެވެ. އެހެންނަމަވެސް ވާހަކަދެއްކުމެއްނެތި އޭނާގެ ފުށުން މައިވަންތަކަމުގެ އަސަރުތައް ފާޅުވިއެވެ. ސާއިރާ އުފާވެފައި ހުރިވަރު ރިޒްވާނަށް ފެނެއެވެ. އަލުން ފިރިމީހާގެ މޭގައި ސާއިރާ ލައްވެލިއެވެ. އެ ދެ ލޮލުން ފާޅުވި ކަރުނަ ރިޒްވާނުގެ މޭމަތިން ގަމީހުގެ ތެރެއަށް އޮބެމުންދިޔައެވެ.

"ޑަކްޓަރު ބުނެފަ އޮތީ ބަލިވެއިނަސް ބައިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުކަން" ސާއިރާ ކަންބޮޑުވާ ކަންތައް ފާޅުކުރިއެވެ.

"އެކުދީންގެ އުންމީދުތައް ފުނޑުފުނޑުވެދާނޭ ޚިޔާލުތަކެއް އަހަރެމެން ކޮށްގެންނުވާނެ، އަހަރެމެންނަށްވުރެ ބޮޑަށް އެ ދަރިފުޅު އެކަމާ ހިތާމަކުރޭ، އަހަރެމެންނަށްވުރެ ބޮޑަށް އޭނާ މިވަގުތު ހުންނާނީ ހާސްވެފައި... އެ ޚަބަރު ފުރަތަމަ ވެސް ދާރިއަން އެ ދިނީ އަހަރެމެންނަށް، ހޭޒަލްއަށް މިކަމެއް އަދި ނޭނގޭނެ" ރިޒްވާނު ބުންޏެވެ. ސާއިރާ ނިކަން އަވަހަށް ދެލޯ ފުހެލައި ބޯޖަހާލިއެވެ.

އެޕާޓްމެންޓަށް ދާރިއަން ވަން ވަގުތުވީ ހޭޒަލް ކޮޓަރިން ނުކުތް ވަގުތަށެވެ. އޭރު ދާރިއަންގެ އިންތިޒާރުގައި ރިޒްވާނާއި ސާއިރާ ތިބީ ސިޓިންރޫމުގައެވެ. ނޫކުލައިގެ ބޮޑު ފިނިފެންމާ ބޮނޑި ފެނި ހޭޒަލް ހުއްޓުންއެރިއެވެ. ދާރިއަންގެ މޫނުން ތަފާތު ދިރުމެއް ފާޅުވެއެވެ. އެ ހިނިތުންވުން ފަނޑުވުމެއްނެތެވެ. މަންމައާއިބައްޕަ ތިބިކަން މިފަހަރު ދާރިއަންއަށް ފާހަގަ ވެސް ނުވި ކަހަލައެވެ. ވަގުތުން އައިސް ހޭޒަލްގެ ގައިގާ ބައްދާލައިފައި ދުރަށް ޖެހިލިއެވެ. އަދި އަތުގައި އޮތް ފިނިފެންމާ ބޮޑު ހޭޒަލްއަށް ދިއްކޮށްލިއެވެ.

"މީ އާފެށުމެއް، މީ ހާސިލުވާނޭކަމަށް ހީނުކުރި ލޯބި، މީ ހަޤީޤަތަކަށް ނުވާނެކަމަށް ދުށް ހުވަފެންތައް... އެހެންވިޔަސް ﷲގެ ރަޙުމަތް ހުރިހާކަމަކަށްވުރެ ބޮޑުވެފައި މަތިވެރިވެގެންވޭ، އަލްޙަމްދުލިﷲ! އައި ލަވް ޔޫ މައި ޕްރެގްނެންޓް ވައިފް" ހޭޒަލްގެ ކަންފަތް ދޮށުގައި ސިއްރެއް ފަދައިން ދާރިއަން ބުނެލިއެވެ. އަދި ކޯތާފަތުގައި ދާރިއަން ބޮސްދިނެވެ.

ދާރިއަންގެ އުފާވެރިކަން ރިޒްވާނާއި ސާއިރާއަށް އިޙްސާސްވެއެވެ. ކޮންމެ ދެމަފިރިއެއް ވެސް އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަމުގެ ޚަބަރަށް އިންތިޒާރުކުރާނެއެވެ. އެ ދެމެދުގައި އޮތް ލޯބީގެ މޭވާކަމުގައި އެ ދަރިފުޅުވެއެވެ. އެމީހުންގެ ނަން ދުނިޔޭގައި ދަމަހައްޓާނޭ ވާރިސެއްކަމުގައި އެ ދަރިފުޅުވާނޭކަން ޔަގީނެވެ.

"ދާރިއަން..." ރިޒްވާނު ގޮވާލިއެވެ.

"ބައްޕާ" ދާރިއަންގެ އަޑުގައި ހުރި އުފާވެރިކަމުގެ ޖޯޝު އެންމެންނަށް ވެސް ފާހަގަވިއެވެ. މާބޮޑި ހިފައިގެން ލަދުން ހޭޒަލް ހުއްޓެވެ. އަނބިމީހާގެ އަތުގައި ހިފާލަމުން ރިޒްވާނުގެ ގާތަށް ދާރިއަން އައެވެ.

"ހޭޒަލް ޕްރެގް" ދާރިއަން ބުނެލަންވީއިރު ސާއިރާ ދަރިފުޅުގެ ގައިގާ ބައްދާލައިފިއެވެ.

* * * * *

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ހޭޒަލްގެ ހިތުގައި އޮތް ބިރުވެރިކަމާއި ހާސްކަން ކުޑަވަމުންދިޔައެވެ. ދާރިއަން ގިނަވަގުތު އަނބިމީހާގެ ގާތުގައި ހުރުމަށް އިސްކަން ދިނެވެ. އަނބިމީހާގެ އެއްވެސް ކަމެއް މައިންބަފައިން ކޮށްދޭނެކަން އެނގުނަސް ދާރިއަން ނުކޮށެއް ނުހުރެއެވެ. ޑަކްޓަރުގެ ލަފަޔާއެކު ގިނަވަގުތު ހޭޒަލްއަށް ޖެހެނީ އެނދުގައި އޮންނާށެވެ. ކިތަންމެ ބޭނުންވިޔަސް ހަރަކާތްތެރިވެ އުޅޭނޭ ފުރުޞަތެއް އޭނާއަކަށް ނެތެވެ.

ދާރިއަންގެ ޢާއިލާއަށް ހޭޒަލް ބަލިވެ އިންކަން އެންގީ ތިންމަސްވުމުންނެވެ. ހޭޒަލް ޖެހިލުންވެފައި ހުރިވަރުންނެވެ. ދަރިފުޅު ހަރުލާނެކަމުގެ ޔަގީންކަން ނެތީމައެވެ. ހޭޒަލްގެ ނިންމުމަށް ދާރިއަން އިޙްތިރާމްކުރިއެވެ. ދާރިއަންގެ ޢާއިލާއަށް އެ އުފާވެރި ޚަބަރު ލިބުމާއެކު ވަގުތުން ހޭޒަލްގެ ގާތަށް އައެވެ.

މާބަނޑުވީފަހުން ފާއިތުވާ ކޮންމެ މަހަކާއެކު ހޭޒަލްއަށް އަންނަ ބަދަލުތައް ކެމެރާގައި އައިކު އައީ ރައްކާކުރަމުންނެވެ. ދަރިފުޅު އުފަންވުމުން އޭނާގެ ފަރާތުން ކޮއްކޮއަށް ދޭނެ އެންމެ ޚާއްޞަ ހަދިޔާ ކަމުގައި ދާރިއަން ގާތު ބުންޏެވެ. އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ވިސްނުމެއްނެތް ނަމަވެސް ދާރިއަންއަށް ޓަކައި އައިކު ހުރީ ނުހަނު އުފަލުންނެވެ.

އާތިޝްއާއި ކީރާއަށްވުރެ ޒެއްލުދައްތައަށް ބޭބީއެއް ލިބޭތީ އަމީރާ އުޅެނީ މާ އުފަލުންނެވެ. ބޭބީ ބަލާ ހިތުން އެކުއްޖާއަށް ހުރެވެނީއެއްނޫނެވެ. ކޮންމެ ދުވަހަކު ޒެއްލުދައްތަ ގާތަށް އަންނަން ޖެހެއެވެ. ބަނޑުގައި އޮތް ބޭބީއާ ވާހަކަދައްކަން ޖެހެއެވެ. ނުވިތާކަށް އާތިޝްއާއި ކީރާގެ ގާތުގައި އަމީރާއަށް ކޮއްކޮއެއް ލިބޭނީ ކޮންއިރަކުންތޯ ސުވާލުކުރެއެވެ. ޢާއިލާގެ ހުރިހާ މެންބަރުން ހީނހީނ އަވަދިވެދާ ފަދަ ކަންތައް އެކުޑަކުޑަ އަމީރާ ކުރެއެވެ. ހޭޒަލްގެ އެންމެ ބޮޑު މުނިފޫހިފިލުވުމަކީ އެ ކުއްޖާއެވެ.

ދާރިއަންއަށް ހުރިހާކަމެއްވީ މުޅިން އަލަށް ކުރެވޭ ތަޖުރިބާއަކަށެވެ. މާބަނޑުވުމުން ކަންތައްތައް ކުރަންޖެހޭ ގޮތުގެ ތަފާތު ފޮތްތަކާއި ލިޔުންތައް ދާރިއަން ކިޔާ މަޢުލޫމާތު އެއްކުރިއެވެ. އަނބިމީހާއަށް އޭނާއަށް އެހީތެރިވެވޭނީ ކިހިނެއްތޯ ބަލާ ހޯދައެވެ. އަނބިމީހާއާއި ލިބެން އުޅޭ ދަރިފުޅަށް ޓަކައި ދުޢާކުރުން ގިނަވިއެވެ. އޭނާގެ ދުޢާގެ އަސަރު ފެނެއެވެ. ހޭޒަލްއަށް އުނދަގޫތަކެއް ނުވެއެވެ. ހޮޑުލައެއް ނޫޅެއެވެ. ހަކުރުފަދަ ބައްޔެއްގެ އަލާމާތެއް ފާޅެއްނުވެއެވެ. އެހެންނަމަވެސް ހަށިގަނޑުގައި މަސްޖަހާލައިފިއެވެ. އެ ރީތި ދިގު އިސްތަށިގަނޑުގެ ދިހުން ގަދަވެ ދިގުވާލެއް އަވަހެވެ. އެނދުން ހޭޒަލް ތެދުވެ އުޅެނީ ފާޚާނާއަށް ދިއުމަށާއި ނަމާދަށް އެކަންޏެވެ. ދާރިއަން އެންމެ އަޖައިބު ކުރުވިކަމަކަށްވީ އޭނާ ދާހިތްލުމުން ހޭޒަލްއަށް މީރު ވަސް ދުވާތީއެވެ. އޭނާގެ ކިހިލިފަތް ދޮށުން ވެސް އެއްރޭ ވަސް ބަލާތީ ހީލިކަރުވައިގަނެގެން ދާރިއަންއަށް ހޭލެވިއްޖެއެވެ. ދާރިއަންއަށް ބާރަށް ހީނގަނެވުމުން ހޭޒަލް ފެށީ ރޯށެވެ. އެހެންވެ ކިތަންމެ ހިނިއައި ނަމަވެސް އޭނާ ނުހޭން މަސައްކަތް ކުރެއެވެ. ރިޒްވާން ބައްޕަގެ ނިޔަފަތިތަކުގެ އޮމާންކަން ފާހަގަކުރެވި އެ އަތުން ދޫކޮށްނުލާ ވެސް ހޭޒަލް އުޅުނެވެ. އެ ބައްޕައާއި މަންމަ އަހާވަރުން ހޭޒަލް ކުރާ ކަންތައްތަކުގެ ވާހަކަ ދާރިއަން ކިޔާދެއެވެ. އެމީހުންގެ ހުނުން އަދި މާ ބާރެވެ. އެމީހުން އުޅޭ ގޮތުން ދާރިއަންއަށް ވެސް ހޭޒަލްދެކެ އެ ވަރަށް ލޯބި ނުދެވޭނެކަން އިޙްސާސްވެއެވެ. ދަރިއަކަށް ބޭނުންވާނޭ ގާތްކަމާއި އަޅާލުމާއި ހިތްވަރާއި ލޯބި ދިނުމުގައި އެ ދެމަފިރިންނަކީ ނަމޫނާއެކެވެ. (ނުނިމޭ)