ވިޔަފާރި

ރާއްޖެ ގޮތަށް ވޯޓާވިލާއާއެކު، ޔޫއޭއީގައި ރިސޯޓެއް ހަދަނީ

Sep 10, 2015
1

ރާއްޖޭގައި ރިސޯޓުތަކުގައި ހުންނަ ގޮތަށް ވޯޓާވިލާ އާއެކު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި 225 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

"ދަ ނޭޝަން ބިޒްނަސް" ގައި ވާ ގޮތުން ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ ތައިލޭންޑުގެ މައިނާ ގްރޫޕުން ޔޫއޭއީގައި ހަދާ ރިސޯޓު 2018 ވަނަ އަހަރު ހުޅުވާނެ އެވެ.

މި ރިސޯޓަކީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޕާކް ޕްރޮޕަޓީ" ގެ ރިސޯޓެކެވެ.

މައިނާ ގްރޫޕުގެ ޗީފް އެގްޒެކެޓިވް ދިލިޕް ރާޖަކަރޭ ވިދާޅުވީ މެދުއިރު މައްޗަކީ އެ ކުންފުންޏަށް އެންމެ މުހިންމު އެއް މާކެޓު ކަމަށެވެ.

"މި މާކެޓުގައި ވިޔަފާރި ފުޅާކުރުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް،" ދިލިޕް ވިދާޅުވި އެވެ.

މައިނަ ގްރޫޕުން ދަނީ މެދުއިރުމަތީގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަމުންނެވެ. އެ ކުންފުނިން ވަނީ ހޯމަ ދުވަހު ވެސް މެދު އިރުމަތީގައި ރިސޯޓެއް ތަރައްގީ ކުރާނެކަން އިއުލާނުކޮށްފަ އެވެ. ޔޫއޭއީގެ "ދަރިޔާ" އައިލެންޑުގައި ތަރައްގީ ކުރަން ނިންމާފައިވާ 500 އެނދުގެ ރިސޯޓު ވެސް 2018 ވަނަ އަހަރު ހުޅުވުމަށް ދަނީ ތަރައްގީ ކުރަމުންނެވެ.

މައިނަ ގްރޫޕުން "އަނަންތަރާ" ބްރޭންޑުގައި ރާއްޖޭގައި ހިންގަމުން ދަނީ "އަންނަތަރާ ކިހަވަށް" ރިސޯޓާއި "އަންނަތާރާ ދިގުފިނޮޅު" ހިމެނެ އެވެ.