ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަތުރުވެރިން އައުން މަނާކޮށް، ބޯޑާ ބަންދުކުރަނީ

ދިވެހިރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ބޯޑާ ބަންދުުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ލަފާ ދީފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލްކުރައްވާފައެވެ. މި ބައްދަލްވުމުގައި ބައިވެރިވި ބޭފުޅުން ވަނީ މިއީ ރާއްޖޭގެ ބޯޑާ ބަންދު ކުރަންޖެހޭ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާއިރު މިއީ ފަތުރުވެރިން އައުން ހުއްޓާލަން ޖެހޭ ވަގުތު ކަމަށެވެ.

ޓޫރިޒަމްގެ އިސް ބޭފުޅުންގެ އެެދުމުގެ މަތިން ސަރުކާރުން ވަރަށް އަވަހަށް އެ ފިޔަވަޅު އަޅާނެ ކަމަށް ވަނީ އެނގިފައެވެ.

އަދި މިރޭގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓްރީން ވަނީ މިވަގުތު ފަތުރުވެރިން ތިބި ރިސޯޓްތަކާއި، އެ ރިސޯޓްތަކުގައި ތިބި ފަތުރުވެރިންގެ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާ ކުރުމަށް އެދިފައެވެ. އަދި ފަތުރުވެރިން ފުރާ ތާރީހުތައްވެސް އެންގުމަށް ވަނީ އެދިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެެކު ބޭއްވެވި މި ބައްދަލްކުރުމުގައި ބައިވެރިން ވަނީ މިހާރު ފަތުުރުވެރިން ތިބި ރިސޯޓްތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީހުން ފެށިގެން ހުރިހާ މުވައްޒިފުން 14 ދުވަހު އެ ރިސޯޓްތަކުގައި ކަރަންޓީންގައި ބޭތިއްބެވުމަށްވެސް ނިންމާފައެެވެ.

އެނގިފައިވާ ގޮތުގައި ފަތުރުވެރިން އައުން މަނާކޮށް، ބޯޑާ ބަންދުކުރުމަށްފަހު ކާގޯ ހިފައިގެން އަންނަ އުޅަނދުތަކަށް ނޫނީ ރާއްޖެއަށް ނުވަދެވޭނެއެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.