ލައިފްސްޓައިލް

މައިންބަފައިންނާއެކު ހޭދަކުރުމުން އެމީހުންގެ އުމުރު ދިގުވޭ!

އަހަރެމެން ކުޑައިރު މައިންބަފައިން އަހަރެމެން އެމީހުންގެ ލޯމަތިން ކުޑަ ވަގުތުކޮޅަކަށް ވެސް ގެއްލުނަ ނުދެ އެވެ. އެމީހުންގެ އުމުރުން ދުވަސްވެ ބަލިކަށިވާ ދުވަހު އެމީހުންގެ ދަރިންގެ ހައިސިއްޔަތުން އަހަރެމެންނަށް އެގޮތަށް ކަންތައް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

ބިޒީކޮށް އުޅެން ޖެހުމުން މިއީ ގިނަ ދަރިން އެމީހުންގެ މައިންބަފައިން ދެކިލަން އެމީހުން އުޅޭ ހިސާބަށް ނުދެވޭ ސަބަބެއް ކަމަށް ދައްކަ އެވެ. އުމުރުން ދުވަސްވެ ބަލިކަށިވަމުންދާ މައިންބަފައިންނާ އެކު ވަގުތު ހޭދަކުރަން ދަރިންނަށް ވަގުތެއް ނުވެ އެވެ. ނަމަވެސް މަންމަ އާއި ބައްޕަ ގިނަ ދުވަހު ދުނިޔޭގައި ހުންނަން ބޭނުންވާ ދަރިން މައިންބަފައިންނަށް ޓަކައި ވަގުތު ހޯދަން ޖެހެ އެވެ. އަދި އެމީހުންނާއެކު ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކުރަން ޖެހޭނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ އުމުރު ދިގުވަނީ އެމީހުން އެކަނިކޮށްނުލާ ގެންގުޅުމުންނެވެ. ދަރިން އެމީހުންގެ ހާލު ބަލާ ޚިދުމަތް ކޮށްދިނުމުގައި ވަގުތު ހޭދަކުރާ ނަމަ އެވެ.

ސެން ފްރެންސިސްކޯގައި ހުންނަ ޔުނިވަސިޓީ އޮފް ކެލިފޯނިއާގައި ކުރިޔަށް ގެންދިޔަ މި ސްޓަޑީގައި ބަލާފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އެކަނިވެރިކަމުގެ ސަބަބުން އެމީހުންގެ ހަށިގަނޑުގެ ފަންކްޝަން ދަށްވާ ގޮތެވެ. އެމީހުންނާއެކު އެހެން މީހުން ދިރިއުޅޭނަމަ އަދި އެމީހުން އެކަނިވެރި ނުވާނަމަ އެމީހުންގެ ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސް ގިނަ ދުވަހު ދުނިޔޭގައި ހުރުމަށް މަގުފަހި ވެއެވެ.

ހަ އަހަރު ވަންދެން ކުރިޔަށް ގެންދިޔަ މި ދިރާސާގައި 60 އަހަރުން މަތީގެ 1600 މީހުން ބައިވެރިކުރި އެވެ. ސައިންސްވެރިން ވަނީ މި މީހުންނާ އެކި ފަހަރު މަތިން ތަފާތު ސުވާލުތައް ކޮށް އެމީހުންގެ ހާލަތު ދެނެގަނެފަ އެވެ. އޭގެ ތެރޭގައި އެކަނިވެރިވާ މިންވަރާއި އެހެން މީހަކާ އެކު ދިރިއުޅެން ބޭނުންވާ މިންވަރު ވެސް ބެލި އެވެ. ވަރަށް ބޮޑަށް އެކަނިވެރިކަން އިހްސާސްވާ ކަމަށް ބުނި ގިނަ މީހުން ބުނެފައިވަނީ އާދަކޮށް ގޭގައި ކޮށް އުޅޭ ކަންތައްތައް ކުރަން ވެސް އެކަނިވެރިކަމުން މާ އުނދަގޫ ވާ ކަމަށެވެ.

ސައިންސްވެރިން ބުނަނީ އުމުރުން ދުވަސްވުމުން އެކަނި ދިރިއުޅެން ޖެހިއްޖެނަމަ އެ އެކަނިވެރިކަމުގެ ސަބަބުން އެމީހުންގެ އުމުރު ކުރުވާ ކަމަށެވެ. މި މީހުން އެކަނި ކޮށްނުލާ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު އޭނާއާއެކު ދިރިއުޅުން މުހިއްމު ކަމަށެވެ. ޚާއްސަކޮށް ދަރިންގެ އަޅާލުމާއި ލޯބި އަދި އެމީހުންނާއެކު ވަގުތު ހޭދަކުރުން ވަރަށް މުހިއްމު ކަމަށެވެ.
މައިންބަފައިން އުމުރުން ދުވަސްވެ ބަލިކަށިވަމުންދާއިރު އެމީހުންނާއެކު ވަގުތު ހޭދަކުރާނެ މީހަކު ނެތުމަކީ އޭނާގެ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އޭގެ ސަބަބުން ޑިޕްރެޝަން އާއި ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެ އެވެ.
މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި "އެކަނިވެރިކަން" އެއީ ދުވަސްވާ މީހުންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ވޭނެކެވެ. އެހެން މީހުން އަޅާނުލާ ކަމުގެ އިހްސާސް އެމީހުންނަށް ކުރެވެ އެވެ. އަދި ވާހަކަދައްކާލާ ހަދާނެ މީހަކު ނެތުމުން ހިތްދަތިކަން އިހްސާސް ވާނެ އެވެ.

އެކަނިވެރިކަމުގެ ސަބަބުން ސްޓްރެސް ވެއެވެ. އަދި މިކަން ފެންނާނީ އެ މީހާގެ ސިއްހަތަށް ކުރާ އަސަރު ތަކެއްގެ ގޮތުގަ އެވެ. ދިފާއީ ނިޒާމުގެ މަސައްކަތް ރަނގަޅަށް ނުކުރުމުގެ ސަބަބުން އެކި ކަހަލަ އިންފްލެމޭޝަންތައް ހަށިގަނޑަށް ކުރިމަތިވެ އެވެ. މިފަދަ ހާލަތުގައި ޑިޕްރެޝަންގެ އަލާމާތްތައް ވެސް ބައެއް މީހުންގެ ކިބައިން ފެނެ އެވެ. ނިދި ނައުމާއި ކަމެއް ކުރާޙިތް ނުވުން ފަދަ ކަންތައްތައް މެދުވެރިވެ ދިގު އުމުރު ކުރުވާ ގޮތް ވެއެވެ.

ކޮންމެ މަންމަ އަކާއި ބައްޕަ އަކު ވެސް އެމީހުންގެ ދަރިން ކުޑައިރު އެމީހުންގެ ހުރިހާ ވަގުތެއް އެ ދަރިންނަށް ޓަކައި ވަގުފުކުރެ އެވެ. ވީމާ ދަރިން އެމީހުންގެ މައިންބަފައިންގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އެމީޙުން އެކަނި ކޮށްލަން އެއްގޮތަކަށް ވެސް ނުވާނެކަމަށް މި ދިރާސާގެ އަލީގައި ސައިންސްވެރިން އިރުޝާދު ދެއެވެ.

އެމެރިކަން އެސޯސިއޭޝަން އޮފް ރިޓަޔާޑް ޕާސަންސް (އޭއޭއާރްޕީ) ފައުންޑޭޝަނުން ކުރި ދިރާސާއަކަށް ފަހު ހާމަކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ ދުވަސްތަކެއް އެކަނިވެރިކަމާއެކު ހޭދަކުރާ މީހުންގެ ސިއްހަތަށް ހުރި ނުރައްކާ ދުވާލަކު 15 ސިނގިރޭޓް ބޯ މީހުންގެ ސިއްހަތަށްވާ ނުރައްކަލަށް ވުރެ މާ ބޮޑެވެ.