ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އިންޓަގެ ބައެއް ކުޅުންތެރިން ފުރަން ހުއްދަ ދީފި

އިންޓަ މިލާންއަށް ނިސްބަތްވާ، ގައުމުން ބޭރުގެ ކުޅުންތެރިން ފުރައިގެން ދިއުމުގެ ހުއްދަ ކުލަބުން ދީފި އެވެ.

އިންޓަގެ ކުޅުންތެރިންގެ ކަރަންޓީންގެ މުއްދަތު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ނިމިފަ އެވެ. ނަމަވެސް އެ ކުލަބުން އަންގާފައި ވަނީ އިޓަލީއަށް ނިސްބަތްވާ އެއް ވެސް ކުޅުންތެރިޔަކަށް ފުރައިގެން ގައުމުން ބޭރަށް ނުދެވޭނެ ކަމަށެވެ. އިންޓައަށް ކުޅޭ އެހެން ގައުމުގެ ކުޅުންތެރިން މި ހާލަތުން އިސްތިސްނާ ވެއެވެ. އެ ކުޅުންތެރިންނަށް އިޓަލީ ދޫކޮށް ފުރައިގެން ދެވޭނީ، އެކަން ކުލަބުގެ މެނޭޖުމެންޓަށް އެންގުމަށް ފަހު އެވެ.

މެނޭޖުމެންޓްގެ ހުއްދަ ލިބުމުން، އެންމެ ފުރަތަމަ ފުރައިގެން ދިޔައީ ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޯވިޗް އެވެ. ޒެގްރަބަށް އޭނާ ދިޔައީ އެ ގައުމަށް އައި ބިންހެލުމުގެ ސަބަބުން 250 މީހުން އަނިޔާވުމުން، އެކަމުގައި އެހީ ވުމަށެވެ.

ގޯލްކީޕަރު ސަމިއާ ހޭންޑޯނަވިކް ވެސް ވަނީ އޭނާގެ އަމިއްލަ ގައުމު ސްލޮވޭނިއާއަށް ގޮސްފަ އެވެ. ޑިއޭގޯ ގޮޑިން އާއި މެޓިއަސް ވެސީނޯ ވެސް އެ ދެކުޅުންތެރިންގެ އަމިއްލަ ގައުމު އުރުގުއޭއަށް މި ހަފުތާފައި ދާނެ ކަމަށް ބެލެވެ އެވެ.

ޓީމުގެ ޕްރެކްޓިސް އެހާ އަވަހަށް ފެށުމުގެ ވިސްނުމެއް އިންޓައިން ނުގެންގުޅެ އެވެ. ނަމަވެސް ގޭގައި ތިބި ކުޅުންތެރިންނާއި ގައުމުން ބޭރަށް ދިޔަ ކުޅުންތެރިން ވެސް ވަނީ އަމިއްލަ ޓްރޭނިންތައް ގެންދިއުމަށް ގައިޑްލައިނެއް ދީފަ އެވެ.

ތިން ކުޅުންތެރިން ވައިރަހަށް ޕޮޒިޓިވް ވި، ޔުވެންޓަސްގެ ކުޅުންތެރިންގެ ކަރަންޓީން ވެސް މިއަދު ނިޔަލަށް ނިމެނޭ އެވެ. އެހެން ނަމަވެސް އެ ކުލަބުންވެސް އަންގާފައި ވަނީ ކުޅުންތެރިން ގޭގައި ތިބުމަށެވެ. އެ ކުލަބުގެ އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ވަނީ، އަމިއްލަ ޖެޓެއްގައި އާޖެންޓީނާއަށް ގޮސްފަ އެވެ.

އެޓަލާންޓާގެ ގޯލްކީޕަރު މާކޯ ސްޕޯޓެލިއޯ ވަނީ، މި ހަފުތަގައި ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. ނަޕޯލީ އާއި ލާޒިއޯ އިން ވަނީ، ވީއެންމެ އަވަހަކަށް ޓީމުގެ ޕްރެކްޓިސް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.