މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ފާޑުކިޔަން ފެށުމުން ޖެންޑާއިން ފެށި މަސައްކަތް ހުއްޓާލައިފި

Mar 25, 2020
6

ކޮވިޑް-19 އާ ގުޅިގެން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއް ކުރަން ޖެންޑާ މިނިސްޓްރީން ފެށި މަސައްކަތް ހުއްޓާލައިފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން އިއްޔެ ވަނީ ހާމަ ކޮށްފަ އެވެ. އަދި އެކަމަށް ހާއްސަ ފޯމެއް ތައްޔާރުކޮށް ޓްވިޓާ މެދުވެރިކޮށް އާންމު ކުރި އެވެ.

އެ ފޯމްގައި އެ މީހެއްގެ އާންމު މައުލޫމާތުގެ އިތުރުން މިހާރުގެ ސިއްހީ ހާލަތުގެ މައުލޫމާތު ފުރިހަމަ ކުރަން ހިމަނާފައި ވެއެވެ.

ޖެންޑާއިން ވަނީ އެ ފޯމް ފުރުމަށްފަހު 65 އަހަރުން މަތީގެ މީހުން އެ މިނިސްޓްރީއަށް ހުށަހަޅަން އެދިފަ އެވެ.

ނަމަވެސް ޖެންޑާގެ އެ ނިންމުމަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާއިން ފަށާފައިވާ ކަމަށް ބުނިއިރު 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ކޮންމެ މަހަކު ދަނީ އިނާޔަތް ދެމުންނެވެ. އަދި އެ އުމުރުގެ މީހުންގެ ޑާޓާބޭސް ޕެންޝަން އޮފީހުން ދަނީ ގަވާއިދުން ބަލަހައްޓަމުންނެވެ.

މިއަދު ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު ކަމާގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މި ވަގުތު ކުރަމުން ކަމަށާ އެހެން ކަމުން މިނިސްޓްރީން އިއްޔެ ފެށި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ކޮވިޑް-19 އިގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭ ދުވަސްވީ މީހުން ހިމެނެއެވެ. އަދި އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި ގިނައިން މަރުވަމުން ދަނީ ދުވަސްވީ މީހުން ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.