ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޓޫޑަންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި

Mar 25, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ ސަބަބުން، އާއްމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، މިހާރު ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރެވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެ އަކު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސޯދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖުގެ ދަށުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލުއި ލޯނުތަކާއި، މަސް ގަންނަ ކުންފުނިތަކަށް ދޭ ލޯނުތަކުގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސްދޭން ހަމަޖެހިފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

އެގޮތުން، މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 4،000 އެއްހާ ކުދީންނަކީ ލޯނު ނަގައިގެން ކިޔަވަމުންދާ ކުދީންކަން ފާހަގަކުރައްވަމުން، ރައީސް ސޯލިހު ވިދާޅުވީ މި ހާލަތާ ގުޅިގެން ސްޓޫޑަންޓް ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިކޮނޮމިކް ސްޓިމިޔުލަސް ޕެކޭޖުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ.

އަދި އެ ލޯނުތައް ރައްދުވަނީ ހައްގުވެރި ފަރާތްތަކަށްތޯ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށް. އެހެންވީމާ، އެ ލޯނުތައް ވީހާވެސް ގިނަ ބަޔަކަށް އިންސާފުވެރިކަމާއެކު ރައްދުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.