ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް19، އިތުރު ތިން މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެއްޖެ އެވެ. އެހެން ކަމުން ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ އަށަކަށް އަރާފަ އެވެ.

އަލަށް ކޮވިޑް-19 އިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ކޮން ބައެއްކަން ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވަނީ މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ދެމުންދަނީ ފަސް މީހުންނަށްކަން ހާމަކުރައްވާފައެވެ. އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަދު ރަނގަޅުވި ތިން މީހުން ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ނިންމީ ކޮވިޑް-19 އަށް ޑަބަލް ނެގެޓިވްވުމާ ގުޅިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެމީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު އިތުރަށް މޮނީޓާކުރުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިއަދުވެސް އިތުރު ފިޔަވަޅުތަކެއް އަޅާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނު ކުރައްވާފައެވެ.