ދެ ފޫޓުގެ ކުޑަ އެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން މޫނާ ދިމާވަނީ އެނދެކެވެ. ހޮޅިތަކެއް އަތުރައި އޭގެ މަތީ ފިލައެކެވެ. އޭގެ މަތީ ތަރަފާލުގަނޑެއް ފަތުރާލުމަށްފަހު ދެ ބާލިސް ބާއްވާފައި އޮތީ އެވެ. އެއަށް ދެން އެނދެކޭ ކިޔަންޏާ ކިޔާނީ އެވެ. އަދި މިއީ "ޑަބަލް ޑެކާ" އެކެވެ. އަވަސްގެ ނޫސްވެރިން ވަނުމުން ފިލާ އެނދުގެ ތިރީގައި ތިބި ދެ މީހުން ވަރަށް ބޮޑަށް ހައިރާންވި އެވެ. އެނދުުގެ މަތީ ބައިން އެކަކު ބޯ ދިއްކޮށްލާފަައި "ބާއީ ކިހިނެއްވީ؟" ހެއްޔޭ ވެސް ގޮވާލި އެވެ. އެ މީހުނަށް ވާނުވާ އޮޅުން ފިލުވައި ދިނީ އެ ކޮއްޓަށް އަހަރެމެން ގޮވައިގެން ދިޔަ މީހާ އެެވެ. އެ މީހުން ތިބި އެނދާ ޖެހިގެން ކުރިމައްޗަށް ހުރީ މޫނު ދޮންނަ ތައްޓެކެވެ. އެ ތައްޓާ ދިމާލަށް އޮތް ތަށިމުށި ގަނޑެއްހާ ފުޅާ މިނުގެ ތަންކޮޅެއް ދައްކާފައި "މިއީ ނަމާދުކުރާ ތަނޭ" އޭ ބުންޏެވެ.
މިހާރު ދުނިޔެެއަށް ފެތުރި ބަލާއާފާތަކަށްވެފައިވާ ކޮވިޑް-19 އާ ގުޅިގެން އެންމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ދުނިޔޭގެ އެންމެންގެ ދިރިއުޅުން މިވަގުތު ވަނީ އެކޮޅުކޮޅުން ޖެހި ތަރުތީބު ގެއްލިފަ އެވެ. މި ނުރައްކާތެރި ބަލި ރާއްޖޭގައި ބަލި ފެތުރުނަ ނުދޭން ދިވެހި ސަރުކާރުން އެތައް ފިޔަވަޅުތަކެއް އަޅައިފި އެވެ. އެ ހުރިހާ ފިޔަވަޅެއް އެއްކޮށްލުމުން ގާތްގަނޑަކަށް ރާއްޖެ ވެސް މިހާރު މިވަނީ "ލޮކްޑައުން" އަކަށް ގޮސްފަ އެވެ. ހުރިހާ ކަމެއް އެފުށް މިފުށަށް ޖެހިފައިވާއިރު ތޮއްޖެހިފައިވާ މި މާލެތެރޭ "ބާރު" ވެފައިވާ ބިދޭސީ އާބާދީގެ ދިރިއުޅުން އޮތީ ކިހިނެއް ހެއްޔެވެ؟ މިވެގެން އުޅޭ ގޮތެއް އެމީހުނަށް އެނގޭ ހެއްޔެވެ؟ ބިދޭސީ މީހުން ތިބި ކޮޓަރީގައި އަހަރެމެން ކުރި ސުވާލަކީ އެއީ އެވެ.
ދިވެހިންގެ ތެރެއިން ފުދުންތެރި އެއް ބަޔަކު އަރާމުގައި ގޭގައި މަޑުކޮށްގެން ތިބި ނަމަވެސް އަނެއް ބަޔަކަށް، ހުރިހާ އެއްމެން ގޭތެރެއަށް ޖަމާވުމުން ހަަމަ ނޭވާ ލާން މިހާރު އުނދަގޫވެފައި ވެއެވެ. އެންމެން އެއް ގޭގައި ތާށިވެ، ދިރިއުޅެން ޖެހިފައިވާއިރު މާލެތެރޭގައި އުޅޭ ބިދޭސީންގެ ހާލަތު އޮންނާނީ ކޮން ދަރަޖައެއްގައި ހެއްޔެވެ؟
ކުދި ކުދި ކޮޓަރިތަކުގައި ބަރި ޖަހާލާފައި ނިދަން މަޖުބޫރުވާ ބިދޭސީންނަށް ވެސް މިހާރު ޖެހެނީ ދިވެހިން ވެސް އަަމަލު ކުރާ ގޮތަށް ކަން ކުރާށެވެ. ބިދޭސީން "ގޭބިސީއަށް" ހަދައިގެން އުޅޭ "އިވްނިން ކެފޭ" އާއި "އަސްޑާ ކެފޭ" ފަދަ ތަންތަން ބަންދު ކުރުމުން ކާން ޖެހެނީ ބައިސްކަލު ވަށިގަނޑަށް އަޅައިގެން ކޮތަޅުގައި ގެންނަ ބަތް ޕާރުސަލެވެ. އެހެން ނޫން ނަމަ، އެތައް ބަޔަކަށް ކައްކާ އެއްޗަކުން އެތިކޮޅެއް ލިބިދާނެ އެވެ. އެއީވެސް ރޯދި ކުރެއްވިއްޔާ އެއް އިރަށެވެ.
ބިދޭސީ އާބާދީގެ ބޮޑު ބަޔަކީ ބަންގުލަދޭޝްގެ މީހުނަށް ވުމުން އެއީ މުސްލިމު އާބާދީއެކެވެ. ކެއުން ބުއިމުގެ އިތުރަށް އެމީހުނަށް މިވަގުތު އެންްމެ ބޮޑު ދައްޗަކަށްވެފައި ވަނީ މިސްކިތްތައް ވެސް "ބަންދު" ވެފައިވުމެވެ. ޖަމާއަތް ނުހެދޭތީ އެ މީހުން ވެސް ނަމާދު ކުރަނީ އެ އުޅޭ ތަނެއްގެ ތެރޭގަ އެވެ.
އެތަން ތަނުގެ ސާފުތާހިރު ކަމުގެ ވާހަކަ ނުދައްކަމާ ހިނގާށެވެ. އެތައް ބަޔަކު ގުޅައަކަށް ޖެހިގެން ތިބޭ، އަދި ރަަނގަޅަށް ހިނގައި ނުގަނެވޭ ވަރުގެ ޖާގަ އެއް އޮންނަ އެތަންތަނުގައި ނަމާދަށް ހުއްޓިލިނާނެ ތަންކޮޅެއް ހެދުމަކީ ވަރަށް ދަތި ކަމަކަށް ވެފައި ވެއެވެ.
ރައްކާތެރިވުމަށް މިސްކިތު ޖަމާއަތުގައި ނަމާދު ނުކުރަން ސަރުކާރުން ނިންމިކަން ގިނަ ބިދޭސީންނަށް އެނގުނީ މިދިޔަ ހުކުރު ދުވަހާ ހަމައިންނެވެ. އާދަޔާ އެއްގޮތަށް ހުކުރަަށް ރީތިވެ، ބިދޭސީ އާބާދީގެ މުސްލިމުން ބައި ހަދާފައި ހުކުރަށް ދިއުމުން ޖަމާއަތެއް ނުފެނުނެވެ. އެއް މިސްކިތެއްގައި ހުކުރު ނުކުރާކަން އެނގުމުން އަނެއް މިސްކިތަށް ގޮސް މަގުމަތީ ތިއްބާ ހުކުރު ވަގުތު ފާއިތުވެ ދިޔައީ އެވެ.
"ތިޔަބައި މީހުން ގޭގައި ނަމާދު ކުރާށެވެ" މި ޖުމްލަ ބިދޭސީ ބަހުން ވެސް ގޮވައި ލިޔުނީ އެހާ ހިސާބުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ މީހުން ބަރާބަރަށް މިސްކިތު ޖަމާއަތަށް ނަމާދަށް އަރަ އެވެ.
"އަހަރެން މަސައްކަތް ކުރަނީ ކޮމްޕެނީ އޮފީސްގައި، މިހާރު އުނދަގޫ ވޭ. އެންމެން އެކީ ނާމާދެއް ނުކުރެވޭ. ދިޔައަސް ބުނަނީ ގޭގައި ކުރަން، ގޭގައި ކުރަން ވަރަށް ދަތިވޭ" ބިދޭސީންތަކެއްގެ ތެރެއިން އެކަކު ކިޔައި ދިނެވެ.
މާލޭގެ ހިމަ ގޯޅިތަކުގެ ތެރެއިން ކުދި ކުދި "ބަންގާޅު ގޮޅި" ތަކުގައި ދިރިއުޅެން މަޖުބޫރުވެފަައި ތިބި މީހުންނަށް ވެސް "ސޯޝަލް ޑިސްޓަަންސިން" މިހާރު އެނގެ އެވެ. ކެއްސާ ކިނބިހި އަޅާ، ބަލި ނަމަ މާސްކު އަޅަން ޖެހޭ ކަމާއި، ހުޅުމާލޭގައި ހުންނަ ފްލޫ ކްލިނިކް އިންް ޑޮކްޓަރަށް ދެއްކޭ ކަންވެސް އެމީހުނަށް އެނގެ އެވެ. އަދި އެތަނުން ވޯކް ޕާމިޓް ނުލާ ޑޮކްޓަރަށް ދެއްކޭކަަން އެކަކުގެ ފަަރާތުން އަނެކަަކު ފަަރާތުން ދަނީ މައުލޫމާތު ހިއްސާ ވެފައެވެ.
އެމީހުންގެ ސުވާލެއް އޮވެ އޮވެ. ކުޑަ ކުޑަ ތަންކޮޅެއްގައި އުޅޭއިރު "ދުރު" ވެގެން އަބަދު ހުންނާނީ ކިހިނެތް ހެއްޔެވެ؟ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ވާހަކަ އެހުމުން ތަކުރާރުކޮށް ވެސް އެމީހުން އެ ސުވާލު ކުރެ އެވެ.
"އެހެން ދުރުގައި ނުހުރެވެނީ ދޯ؟ ނިދަން ވީމަ އެންމެން އެކުގައި އޮށޯންނަންޖެހޭ!" ޖުމްހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއްގެ ތެރެއިން މީހަކު ބުންޏެވެ.
ރާއްޖޭގައި ތިބި ބިދޭސީންނަށް ދޭން ޖެހޭ މައުލޫމާތު އެކި ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، ރާއްޖޭގައި ވަކީން ހާއްސަކޮށް މާލޭގައި ތިބި ހުރިހާ ބިދޭސީންނަކަށް ހުރިހާ މައުލޫމާތެއް ސާފެއް ނުވެ އެެވެ. ގިނަ މީހުންނަކީ ލިޔަން ކިޔަން ދަންނަ ބަޔެއް ވެސް ނޫނެވެ. ބައެއް ކަންކަން އެނގެނީ ފޮޓޯ ކުރަހާ ތަތް ކޮށްފައި ހުންނަ ނަމައެވެ. އެ މީހުނަށް ވެސް މިހާރު ކޮރޯނާ ވައިރަސް އެނގެ އެވެ. އެއީ ބޮޑު ބަލާއާފާތެއް ކަމާއި އެ ބަލި ރާއްޖޭގައި މިހާރު އޮތްކަން ވެސް އެނގެ އެވެ. އެކަމަކު އެމީހުން އުޅެންޖެހިފައިވާ ގޮތުންނާއި ކަންކަން އޮތް ގޮތުން މިހާރު މިއޮތް ހާލަތުގައި ބިދޭސީންނަށް ސަމާލުކަން ނުދެވިއްޖެނަމަ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ އެވެ.